10 މާޗް 2021 - 21:02

ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ކުޅެފައިވާ ސީރިއާ ގައުމީ ޓީމުގެ ގޯލްކީޕަރު މަހުމޫދު އަލް ޔޫސުފް އޭނާ ކުރިން ކުޅުނު މާޒިޔާއާ އަލުން ގުޅިއްޖެ އެވެ.

އުމުރުން 33 އަހަރުގެ މަހުމޫދު ވަނީ 2017 ވަނަ އަހަރުގެ ސީޒަން މެދުތެރެއިން ވިކްޓްރީ ދޫކޮށް މާޒިޔާއާ ގުޅިފަ އެވެ. އެ ފަހަރު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކާއި ސީޒަންގެ ފަހު ބައިގެ ގިނަ މެޗުތަކެއްގައި މާޒިޔާގެ ގޯލު ބެލެހެއްޓީ މަހުމޫދެވެ.
މި ސީޒަނުގެ ކުރީކޮޅުގައި މާޒިޔާގެ ގޯލަށް ކުޅުނީ ސާބިއާގެ ކީޕަރު ނިކޮލަ ވުޔަނަކް އެވެ. އޭނާގެ ބަދަލުގައި މާޒިޔާ އިން މަހުމޫދު ގެނެސްފައިވާއިރު، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މާޒިޔާ އިން ވަނީ ފިލިޕީންސް ލީގުގައި ކުޅެފައިވާ ޖަޕާނުގެ މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާ ވެސް ސޮއިކޮށްފަ އެވެ. އޭނާ އަކީ މާޒިޔާގެ މިހާރުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗާ އެކު ފިލިޕީންސްގެ ސެރެސް އަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.
މަހުމޫދު އެންމެ ފުރަތަމަ ރާއްޖެ އައީ 2016 ވަނަ އަހަރު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށެވެ. އެ ފަހަރު ލީގުގެ ގަދަ ހަތަރެއްގެ ފުރުސަތު ޔުނައިޓެޑް ވިކްޓްރީ އަށް ހޯދައިދިނުމުގެ އިތުރުން އޭނާ ވަނީ އެ ޓީމާ އެކު އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ އިތުރުން ޕްރެޒިޑެންޓްސް ކަޕްގައި ކުޅެފަ އެވެ. އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ޕެނަލްޓީ ޖަހައިގެން މާޒިޔާ ބަލިކުރިއިރު މަހުމޫދު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ވިކްޓްރީ އިން 2017 ވަަނަ އަހަރުގެ ސީޒަން ފެށި ނަމަވެސް އެ ޓީމަށް އެ ފަހަރުގެ އެސްޓީއޯ މާލޭ ލީގުގައި މާ ރަނގަޅު ހިސާބަކަށް ނުދެވި ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ނުލިބުނެވެ. އެހެންވެ ޖޫން މަހުގެ ޓްރާންސްފާގައ މަހުމޫދު ބަދަލުވީ މާޒިޔާ އަށެވެ. އޭރު މާޒިޔާގެ ކޯޗަކީ މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ އެވެ.
އެ ސީޒަނަށް ފަހު އޭނާ ދެން މަހުމޫދު ކުޅެފައިވަނީ ސައުދީ އަރަބިއްޔާގެ އަލް-ޖަބަލައިން އާއި ސީރިއާގެ އަލް ޖައިޝް އަށެވެ. ސީރިއާގެ އުމުރުފުރާ ގައުމީ ޓީމުތަކާއި ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެފައިވާ މަހުމޫދު އެންމެ ފަހުން ކުޅެފައިވަނީ ސައުދީ އަރަބިއްޔާގެ ފުރަތަމަ ޑިވިޝަނުގެ ކްލަބް އަލް-މުޖައްޒަލް އަށެވެ.
މާޒިޔާ އިން މަހުމޫދު ގެނައީ މި ފަހަރު ލީގުގެ އިތުރުން އޭއެފްސީ ކަޕަށް އަމާޒުކޮށެވެ. މި ފަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތްއިރު، އަންނަ މެއި މަހު ރާއްޖޭގައި ކުޅޭ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި މާޒިޔާ ވާދަކުރާނެ އެވެ. ގްރޫޕް ސްޓޭޖުން މާޒިޔާގެ އިތުރުން މި ވަގުތު ފުރުސަތު ލިބިފައި އޮތީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަށެވެ. ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ.
މިދިޔަ ޖެނުއަރީ މަހު ފަހުކޮޅުން ފެށިގެން މާލެ ސަރަހައްދުގައި އަނެއްކާ ވެސް ކޮވިޑް-19ގެ ކޭސްތައް ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅުތަކުގެ ތެރެއިން މިދިޔަ މަހު ތިން ވަނަ ދުވަހު ވަނީ ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލައިފަ އެވެ. މި މަހު 21 ވަނަ ދުވަހު ލީގު ފެށުމުގެ އަމާޒުގައި އެފްއޭއެމާއި އެޗްޕީއޭ އިން ހެދި ހާއްސަ ގައިޑްލައިނެއްގެ ތެރެއިން މިހާރު ކްލަބްތަކުގެ ޕްރެކްޓިސް ވަނީ ފަށައިފަ އެވެ.
ލީގު އަލުން ފަށައިގެން މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓްރީއާ އެވެ.