10 މާޗް 2021 - 20:17

ކޮވިޑްގެ ދަތި އުނދަގޫ ހާލަތަށް ފަހު އަންނަ އަހަރު ވާނީ އިގްތިސާދީ ގޮތުން ރާއްޖެ އަށް ރަނގަޅު އަހަރަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ބޭއްވެވި މި އަހަރުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މިިދިޔަ އަހަރު ހިންގަން ބޭނުންވި ކަންކަން ކޮވިޑްއާ ގުޅިގެން ނުކުރެވުނު ކަމަށެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުވަން ފެށުމާ އެކު އިގްތިސާދު ރަނގަޅު މަގަށް މިސްރާބު ޖަހާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އަންނަ އަހަރު ވެގެންދާނީ އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ކަންބޮޑުވުންތަކަށް ހައްލުތައް ލިބޭނެ އަހަރަކަށް ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި ކުރިއަށް އޮތް 2022 ވަނަ އަހަރު ވެގެންދާނީ އިގްތިސާދީ ގޮތުން ރަނގަޅު އަހަރަކަށް. އަޅުގަނޑުމެންގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މިދިޔަ އަހަރުގެ ހަރަދުތައް ހަމަޖެއްސުމަށް ގިނަ އަދަދެއްގެ ލޯނު ނަގަން ޖެހުނު ކަމަށެވެ. އަދި ވެރިކަމަށް އައި އިރު ވެސް ގައުމުގެ ދަރަނި އޮތީ އިންތިހާއަށް މަތީގައި ކަމަށެވެ. ވެރިކަމުގެ ދެ އަހަރުގައި ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގަން ލޯނު ނެގީ އެގޮތަށް ޕްލޭން ކޮށްފައި އޮތުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވެރިކަމުގެ ބާކީ އޮތް ދެ އަހަރު ހިންގާ ޕްރޮޖެކްޓްތަކުން އިގްތިސާދަށް ފައިދާތައް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ދައުލަތުގެ ދަރަނި، ސޮވެރިން ގެރެންޓީއާ އެކު މި ވަގުތު ހުރީ 86.5 ބިލިއަން ރުފިޔާގަ އެވެ. ސޮވެރިން ގެރެންޓީ ނުލައި އުޅެނީ 66 ބިލިއަން ރުފިޔާގަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ގާތްގަނޑަކަށް 120 ޕަސެންޓެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ ދަރަނި އިންތިހާ އަށް ބޮޑުވެފައިވާ އިރު އިންޑިއާއިން ނަގާފައިވާ ލޯނުގެ ތެރެއިން 150 މިލިއަން ޑޮލަރު ގްރާންޓަށް މި މަހުގެ ތެރޭ ބަދަލުވެގެންދާނެ ކަމަށެވެ. މިކަމުން އަނެއްކާ ވެސް އިތުރަށް ލޯނު ނެގުމަށް ސަރުކާރަށް ފުރުސަތު ބޮޑުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.