10 މާޗް 2021 - 15:48

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމަށް ބުނެ އިދިކޮޅުގެ 11 މެމްބަރަކު ސޮއިކުރައްވައި މަޖިލީހަށް ހުށަހަޅައިފި އެވެ.
އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވޭ ކަމަށާއި ދޭންޖެހޭ ހިދުމަތްތައް ވެސް ނުދެވޭ ކަމަށެވެ.
މީގެ އިތުރުން ބުނެފައިވަނީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިނުދެވޭ ކަމަށާއި ސަރުކާރުން ވައުދު ވެފައިވާ ގޮތަށް "ކަންނެލި ޖަގަހަތަކާއި ގޭދޮށު މަސް ފެކްޓަރީ" ވެސް ގާއިމު ނުކުރެވޭ ކަމަށެވެ.
"ރަސްއައިންތަކުން ވަތް ފުރާ ބާނާ މަސްކޮޅު ކިރަން، އައިން ދޫކޮށްލާފައި، ޖާގަ ކުޑަ މަސް ފެކްޓަރީ ބޭރުގައި ކިއު ހަދައިގެން ތިބެންޖެހުން" ވެސް އެއީ ޒަހާގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ސަބަބުތަކުގެ ތެރޭގައި ހިމަނާފައިވާ ކަމެކެވެ. އަދި ތެލާއި އައިސް ހޯދަން ދުރު ދަތުރުތައް ކުރަން ވެސް ޖެހޭ ކަމަށާއި މަސްވެރިންނަށް ވައުދު ނުފުއްދޭ ނަމަ ޒަހާ ވަޒީރުކަމުގައި ބެހެއްޓުމަކީ މަސްވެރިންނާއި މަސްވެރިންގެ އާއިލާތައް އިތުރަށް ނިކަމެތިވާނެ ސަބަބެއް ކަމަށް، އެ މައްސަލާގައި ބުނެފައިވެ އެވެ.
މި މައްސަލަ ހުށަހަޅަން ސޮއިކުރެއްވި 11 ބޭފުޅުންގެ ތެރޭގައި ހިމެނެނީ ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނަވާ ޒަހާ މަގާމުން ދުރުކުރަން އިދިކޮޅު މެންބަރުން ހުށަހެޅި އިރު ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން އެހެން ޕާޓީތަކުގެ ސްލޮޓްތަކުގައި ތިއްބެވި ވަޒީރުން ވަކިކުރަން މަސައްކަތްކުރާ ކަމަށް އަންނަނީ ތުހުމަތުކުރަމުންނެވެ. އެންމެ ފަހުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމުން ދުރުކޮށްފައި ވާއިރު ޖެންޑާ މިނިސްޓަރު އައިޝަތު މުހަންމަދު ދީދީއާ ދެކޮޅަށް ވެސް އެމްޑީޕީ މެންބަރުން ވާހަކަ ދައްކާފައިވެ އެވެ.