10 މާޗް 2021 - 16:23

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފާހަގަކުރުމުގައި ބޭނުންކުރާނެ "ގޯލްޑަން ޖުބްލީ" ލޯގޯ މިއަދު އިފްތިތާހުކޮށްފި އެވެ.
މިއަދު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި، ޓޫރިޒަމް އެންމެ ފުރަތަމަ ފެށުނު އިރު މަސައްކަތްކުރެއްވި ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. ލޯގޯ އިފްތިތާހުކޮށްދެއްވީ މި ބޭފުޅުންގެ ތެރެއިން މުހައްމަދު އުމަރު މަނިކެވެ.
އަބްދުﷲ ނަޝާތާއި މުހައްމަދު އަޒްލީފް ފަރުމާކުރި މި ލޯގޯ އިން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މުއްސަނދިކަން އަދިސަގާފަތާއި ތަރިކަ ރަމްޒުކޮށްދެ އެވެ.
ކްރައުން ކުންފުނީގެ ވެރިޔާ ހުސައިން އަފީފްގެ އިތުރުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވެސް ބައިވެރިވެވަޑައިގަތް މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވީ، އަންނަ އަހަރު ރާއްޖޭގެ ރަން އަހަރު ފާހަގަކުރާ އިރު އުފާކުރަން ޖެހޭ ގިނަ ކާމިޔާބީތަކެއް ހާސިލުވެފައިވާ ކަމަށެވެ.
މިދިޔަ އަހަރު ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އެ އުނދަގޫތަކާ އެކު ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން މުހިއްމު މަސައްކަތްތަކެއް ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
މައުސޫމު ވިދާޅުވީ، ދިވެހިން ޓޫރިޒަމް ދާއިރާގެ ވެރިންނަށް ހެދޭނީ އެންމެ ލަގްޒަރީ ރިސޯޓުތަކުގެ ހިއްސާ ވެސް ދިވެހިންނަށް ލިބިގެން ކަމަށެވެ.
"ބޮޑެތި މުސާރަ ލިބޭ އިސް ވަޒީފާތަކަށް ދިވެހިން ގެންދިއުމަށްޓަކައި ދާއިރާގެ ފަރާތްތަކުގެ މަސައްކަތްތަކަށް އެއްބާރުލުން ދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގަައި މިހާރުގެ ހެލްތް މިނިސްޓަރު އަދި ޓޫރިޒަމް ދާއިރާ ފެއްޓެވުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އަހުމަދު ނަސީމު ވިދާޅުވީ، ޓޫރިޒަމް ދާއިރާ މިހާ ހިސާބަށް ގެނެވުނީ ވިސްނުންތެރިކަމާ އެކު ވިޔަފާރިތަކުން ކުރި މަސައްކަތުން ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ ހެދޭ ގެސްޓްހައުސް. އެކަމަކު ސެކަންޑަރީ ބަޔަކަށް ދިވެހިން ވާކަށް ނުވާނެ. އަޅުގަނޑުމެންގެ އަތުން މި އިންޑަސްޓްރީ ބީވެގެންދާތަން މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.