ބްރެޒިލްގެ ސިއްހީ ނިޒާމަށް އޮބިނޯންނަ ވަރަށް ބަލި މީހުން ގިނަވެއްޖެ
ބްރެޒިލްގެ ސިއްހީ ނިޒާމަށް އޮބިނޯންނަ ވަރަށް ބަލި މީހުން ގިނަވެއްޖެ

ބްރެޒީލިއާ (މާޗް 10) - ބްރެޒިލްގެ ބޮޑެތި ސިޓީތަކުގައި ކޮވިޑް-19 ގެ ބަލި މީހުން އިތުރުވެ ސިއްހީ ނިޒާމަށް އޮބިނޯންނަވަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ބްރެޒިލްގެ 27 ސްޓޭޓުގެ ތެރޭން 25 ސްޓޭޓުގެ ވެރިރަށުގެ އައިސީޔޫގެ އެނދުގެ 80 ޕަސެންޓް ވަނީ ފުރިފަ އެވެ. ފަނަރަ ސްޓޭޓެއްގެ ވެރިރަށުގެ އައިސީޔޫގެ އެނދުގެ 90 ޕަސެންޓް ވަނީ ފުރިފަ އެވެ. ދެ ސިޓީއެއްގައި ވަނީ އައިސީޔޫގެ އެނދުގެ އަދަދަށް ވުރެ އިތުރަށް އެޑްމިޓް ކުރަން ޖެހިފަ އެވެ.

އަންގާރަ ދުވަހު ބްރެޒިލުން ވަނީ 1،972 މީހުން މަރުވެފަ އެވެ. މިއީ އެއް ދުވަސްތެރޭ އެ ގައުމުން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އަންގާރަ ދުވަހު ވަނީ 70،000 މީހުން ޕޮޒިޓިވްވެފަ އެވެ. އެއީ ކުރީ ހަފުތާ އަށް ވުރެ 38 ޕަސެންޓް އިތުރު އަދަދެކެވެ. އެ ގައުމުން މިހާތަނަށް ވަނީ 266،000 މީހުން މަރުވެ 11 މިލިއަން މީހުން ޕޮޒިޓިވްވެފަ އެވެ. ބްރެޒިލްގައި އެހާ ހަލުވިކަމާ އެކު ބަލި ފެތުރިގެން ދަނީ މަނައުސް ސިޓީން ފެނުނު އާ ވޭރިއަންޓާ ގުޅިގެން ކަމަށް އޮފިޝަލުން ބުނެ އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭ ވެސް ބްރެޒިލްގެ ހާލަތަށް ބަދަލު އަތުވެދާނެހެން ހީނުވާ ކަމަށާއި ބަލި ޖެހޭ މީހުންގެ އަދަދު މަދުކުރެވެން އޮތީ ވެކްސިން ޖަހާ ރޭޓް އިތުރުކޮށްގެން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.

ބްރެޒިލްގައި މިހާތަނަށް ފުރަތަމަ ޑޯޒް ޖަހާފައި ވަނީ އަށް މިލިއަން މީހުންނެވެ. އެއީ އެ ގައުމުގެ އާބާދީގެ ހަތަރު ޕަސެންޓް މީހުންނެވެ.

ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރަހައްދީ ގަވަރުނަރުން އަޅުއްވާ ފިޔަވަޅުތަކަށް ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އޭނާ ވިދާޅުވަނީ ވައިރަހުން ލިބޭ ގެއްލުމަށް ވުރެ އިގްތިސާދަށް ލިބޭ ގެއްލުން މާބޮޑު ކަމަށެވެ.