އާމިރު ޚާންގެ "އައިޓަމް ލަވަ" ދައްކާލައިފި
އާމިރު ޚާންގެ "އައިޓަމް ލަވަ" ދައްކާލައިފި

ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ ފުރަތަމަ "އައިޓަމް ލަވަ" ދައްކާލައިފި އެވެ.

މި މަހުގެ 26 ގައި ރިލީޒްކުރާ ސައިކޮލޮޖިކަލް ތުރިލާ "ކޮއީ ޖާނޭ ނާ" އިން ފެންނަ ލަވައިގެ ނަމަކީ "ހަރް ފަނު މައުލާ" އެވެ. ބޮސްކޯ-ސީޒާ ކޮރިއޯ ހަދާފައިވާ ލަވައިގައި އާމިރާ އެކު ފެންނާނީ އެލީ އަވްރަމެވެ. ލަވަ ޝޫޓްކޮށްފައި ވަނީ ބާއެއްގެ ތެރޭ ނެށުމެއްގެ ގޮތުގަ އެވެ.

ތަނިޝްގް ބަގްޗީގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ ވިޝާލް ދަދުލާނީ އާއި ޒާރާ ޚާނެވެ.

"ހަރް ފަނު މައުލާ" ގެ ޅެން ހެދީ އަމީތާބް ބަޓަޗަރިއާ އެވެ.

މި ލަވައިގެ ވާހަކަ ފޭސްބުކްގައި ހިއްސާކޮށް އާމިރު ބުނީ ލަވައިގެ ޓީމާ އެކު އެއަށް ކުރި މަސައްކަތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށާއި ޝޫޓިން ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. "ކޮއީ ޖާނޭ ނާ" އަކީ އާމިރާ އެކު "ލަގާން" ފަދަ ފިލްމުތަކުން ފެނިފައިވާ އެކްޓަރު އަމީން ހާޖީގެ އަލަތު ޑައިރެކްޝަނެވެ.

އާމިރު ފިލްމުގެ ލަވައަކަށް އެއްބަސްވީ ވެސް އަމީންއާ އޮންނަ ގާތް ރަހުމަތްތެރިކަމެއްގެ ސަބަބުންނެވެ.

"ކޮއީ ޖާނޭ ނާ" ގެ ލީޑް ރޯލު ކުޅެފައި ވަނީ ކުނާލް ކަޕޫރާއި އަމީރާ ދާސްތޫރެވެ. މި ފިލްމުގައި އާމިރުގެ ލަވައެއް ހިމެނުންވެގެން ދާނީ ފިލްމު ބަލާ އޯޑިއަންސްގެ ޝައުގުވެރިކަން ފިލްމަށް ލިބޭނެ ކަމަކަށެވެ.

އާމިރުގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރުގައި ގެނެސްދޭ "ލާލް ސިންގް ޗައްޑާ" އެވެ.