އެޗްޑީސީގެ ނަން ބަދަލުކޮށް، ކުންފުނި ރީބްރޭންޑް ކުރަނީ
އެޗްޑީސީގެ ނަން ބަދަލުކޮށް، ކުންފުނި ރީބްރޭންޑް ކުރަނީ

ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަން ބަދަލުކޮށް، އެ ކުންފުނި ރީބްރޭންޑު ކުރުމާ ގުޅޭ ގޮތުން އެ ތަނުގެ ބޯޑުގައި މަޝްވަރާ ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި، އެޗްޑީސީގެ ނަން ބަދަލުކުރަން ބޯޑުގައި މަޝްވަރާ ކޮށްފައި ވަނީ "މޯލްޑިވްސް އާބަން ޑިވެލޮޕްމެންޓް ކޯޕަރޭޝަން" އަށެވެ. އެކަމަކު، އެ ނަމާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް ވިދާޅުވީ، އެ ކުންފުނީގެ ނަން ބަދަލުކުރުމުގައި ގޮތްތަކެއް އަދި ނުނިންމާ ކަމަށެވެ. އެކަމަކު، ކުންފުނި ރީބްރޭންޑު ކުރުމާ ގުޅޭ މަޝްވަރާތައް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އެޗްޑީސީ އެއްކޮށްލައި ބޯޑަށް ގެނައި ބަދަލުތަކާ އެކު އެންމެ ބޮޑު ޑިރެކްޓަރުންގެ ބޯޑެއް އޮތް ސަރުކާރުގެ ކުންފުންޏަކަށް އެޗުޑީސީ މިހާރު ވަނީ ވެފަ އެވެ. އެ ކުންފުނީގައި މިހާރު ޑިރެކްޓަރުންގެ ބޯޑުގައި 11 މެމްބަރުން ތިއްބަވަ އެވެ.

އެޗްޑީސީއަކީ ސަރުކާރުން ހިންގާ ހައުސިން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާ ކުންފުންޏެކެވެ. އެޗްޑީސީ ރީބްރޭންޑް ކުރުމާ ގުޅޭ މަޝްވަރާތައް ފެށި އިރު އެ ކުންފުނީގެ ބެލުމުގެ ދަށުގައި އޮތް ހުޅުމާލޭ، މާލޭ ސިޓީ ކައުންސިލްގެ އިހުތިސޯސް ތެރެއަށް ބަދަލު ކުރުމާ ގުޅޭ ގޮތުން އަންނަނީ ސަރުކާރުން ވާހަކަ ދައްކަމުންނެވެ.

ސަރުކާރުން އެންމެ ގިނަ ސޮވެރިން ގެރެންޓީ ދީފައި ވަނީ ވެސް އެޗުޑީސީއަށެވެ. ކުރީގެ ސަރުކާރުން ގެރެންޓީ ދީގެން އެޗްޑީސީގެ ބޮލުގައި 11 ބިލިއަން ރުފިޔާގެ ލޯނުގެ ދަރަނި އެޅިފައިވެ އެވެ. މި ސަރުކާރުން ހުޅުމާލޭގެ މަގު ހަދަން އިންޑިއާގެ އެގްޒިމް ބޭންކުން 19.25 މިލިއަން ޑޮލަރު (295 މިލިއަން ރުފިޔާ) ގެ ލޯނު ނެގީ ވެސް ސަރުކާރުން ގެރެންޓީ ދީގެންނެވެ.