ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމުން ދެވޭނެ ލުއިތަކާ މެދު މަޝްވަރާކުރަނީ
ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމުން ދެވޭނެ ލުއިތަކާ މެދު މަޝްވަރާކުރަނީ

ކޮވިޑް-19 އިން ދިފާއުވާން ވެކްސިންގެ ދެ ޑޯޒު ރާއްޖޭގައި ފުރިހަމަކުރާ މީހުންނަށް ދެވޭނެ ލުއިތަކާ ގުޅޭ ގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީގް ރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ފުރަތަމަ ޑޯޒަށް ފަހު ވެސް ބައެއް ގައުމުތަކުގައި އަންނަނީ ލުއިތައް ދެމުންނެވެ.

ރާއްޖޭގައި ވެކްސިން ޕްރޮގްރާމް ފެބުރުއަރީ މަހު ފަށާފައިވާއިރު ވެކްސިންގެ ދެ ވަނަ ޑޯޒު މި މަހުގެ ފަހުކޮޅު ފަށާގޮތަށް ވަނީ ނިންމައިފަ އެވެ.

ވެކްސިނާ އެކު ދޭނެ ލުއިތަކާ ގުޅޭ ގޮތުން ނަޒްލާ ވިދާޅުވި ގޮތުގައި މިހާތަނަށް ވިސްނުން ހުރީ ދެ ޑޯޒު ފުރިހަމަކުރުމުން ލުޔެއް ދޭށެވެ. އެއީ ކޮވިޑް ވެކްސިން ފުރިހަމަވާނީ ދެ ޑޯޒު ޖެހުމުން ކަމަށް ވާތީ އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ކޮވިޑް ވެކްސިން ޖަހާ މީހުންގެ އިމުއުނިޓީ އުފެދެން ދެ ޑޯޒު ޖަހާތާ ވެސް ދެ ހަފުތާގެ މުއްދަތެއް ހޭދަވެ އެވެ. އެކަމަކު ލުއި ދިނުމުގައި އެކި ވެކްސިން ޖަހާ ތަންތަނުގައި ގައިޑްލައިން ތަފާތު ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް މަޝްވަރާކުރަމުން މިދަނީ މިހާރު ވެކްސިން ޖަހާފައި ތިބޭ ފަރާތްތަކަށް މިހާރު ހުރި ފިޔަވަޅުތަކުގެ ތެރެއިން ލުއި ދެވޭނީ ކޮންކޮން ކަމަކަށްތޯ، ކޮން މިންވަރަކަށްތޯ އަދި ކޮން ހާލަތަކަށް ދިއުމުންތޯ ލުއިތައް ދެވޭނީ. އާބާދީގެ ކިހާ ޕަސެންޓަކަށް ވެކްސިން ޖެހީމަތޯ ލުއި ދެވޭނީ،" ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަމާ މެދު ގޮތެއް ނިމުމުން އިއުލާނުކުރާނެ އެވެ.

ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވެފައިވާ ގޮތުގައި ދެ ޑޯޒަށް ފަހު، ރަށްރަށަށް ދަތުރުކުރުމުގައި ކަރަންޓީންވާކަށް ނުޖެހޭނެ އެވެ. އަދި ބޭރުގެ ދަތުރުތަކުގެ ފަސޭހައަކަށް ވެކްސިން ޕާސްޕޯޓެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮވިޑުގެ ތިން ވަނަ ރާޅުގައި ނުރައްކާތެރި ހާލަތެއްގައި ރާއްޖެ އޮތުމުން ރައްކާތެރިވުމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. އޭގެތެރޭގައި ގިނަ މީހުން އެއްވެ މަގުތަކުގައި ނޫޅެވުމާއި ވަކި ގަޑިތަކެއްގައި ސައިކަލް ދުއްވުން މަނާކޮށް ކެފޭ ރެސްޓޯރަންޓްތައް ވެސް ރޭގަނޑު ބަންދުކުރަން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން އެންމެ ބޮޑު ދައްޗަކީ މާލެ އިން ރަށްރަށަށް ގޮސް 10 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަން ޖެހުމެވެ.

ކޮވިޑު ފެތުރިދާނެ ކަމުގެ ބިރަށް ރާއްޖޭގައި ވެސް ގިނަ ބަޔަކު "ރަށު ބަންދުގައި" ތިބޭތާ އަހަރަކަށް ވުރެން ގިނަ ދުވަސްވެއްޖެ އެވެ. ކޮވިޑުގެ ބަލި މީހުން މަދުނުވާތީ ސިއްހީ ހިދުމަތްތެރިން ތިބީ ވަރުބަލިވެފަ އެވެ. މި ހާލަތުން އަރައިގަތުމަށް ރާއްޖޭގައި ވެސް އަވަހަށް ވެކްސިން ނިންމަން އޮތީ އަމާޒު ހިފައިފަ އެވެ.

އާބާދީގެ ނިސްބަތުން ވެކްސިން ޖެހުމުގެ ކުރީގައި އުޅޭ ރާއްޖެ އިން މިހާތަނަށް ވަނީ 165،675 މީހުންނަށް ވެކްސިން ދީފަ އެވެ.