10 މާޗް 2021 - 12:03

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ދަތިކަމުގައި އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ދޫކުރި ރިކަވަރީ ލޯންތަކުގެ ގްރޭސް ޕީރިއަޑްގެ މުއްދަތު ހަ މަހަށް އިތުރުކޮށްދޭން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
މިއީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ދޫކުރި ލޯނުތަކެވެ.
ފިނޭންސުން ބުނީ މި ނިންމުމާ އެކު މިހާތަނަށް ނަގާފައިވާ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެފައިވާ ކުންފުނިތަކަށް ވެސް އިތުރު ހަ މަހުގެ މުއްދަތަކަށް ގްރޭސް ޕީރިއަޑް އިތުރުކޮށް، ޖުމްލަ 12 މަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ ކަމަށެވެ. އަދި މި ފުރުސަތު ދިނުމުގައި ލޯން އެޕްލިކޭޝަން އިވެލުއޭޓްކުރުމުގައި އެސްޑީއެފްސީން ގެންގުޅޭ މިންގަނޑުތަކަށް ބަލާނެ ކަމަަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން މިހާރު ލޯނު ނަގައި ގްރޭސް ޕީރިއަޑް ހަމަނުވާ ފަރާތްތަކަށް އެ މުއްދަތު ހަމަވުމުން އިތުރު ހަ މަހުގެ މުއްދަތެއް ލިބޭނެ އެވެ. އަދި ލޯނަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ލޯނު ލިބޭ މީހުންނަށް 12 މަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ އެވެ.
ފިނޭންސުން ބުނި ގޮތުގައި ގްރޭސް ޕީރިއަޑް އިތުރުކޮށްދޭ ފަރކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ގްރޭސް ޕީރިއަޑް އިތުރުކޮށްދޭ ފަރާތްތަކަށް އަންގާނެ އެވެ. މިކަން އަންގާތާ 30 ދުވަހުގެ ތެރޭގައި ގްރޭސް ޕީރިއަޑް އެކްސްޓެންޝަން ބަލައިގަނެ، އެކަމަށް ބޭނުންވާ ލިޔެކިޔުން ހަމަކުރަންވާނެ އެވެ.