13 ނޮވެމްބަރ 2016 - 06:10

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)
"ކަލޭ ހާދަ މޮޅޭ!" ހައިރާންވެފައި ޖިންނި ބުންޏެވެ. "އެކަމަކު، އަހަރެން އިސްލާމްވާން އުޅޭއިރަށް އިބިލީހަށް އެނގޭނެ. އޭނަ ފޮނުވާނެ އަހަރެން ބަލާ! މިހާރު އަންނާނެ މަ ބަލާ! އަވަހަށް މަ އިސްލާމް.."
ޖިންނީގެ ވާހަކަ މުޅިން ފުރިހަމައެއް ނުކުރެވުނެވެ. ކުރީ ފަހަރު އިވުނު ކަހަލަ އަޑެއް އަނެއްކާ ވެސް އިވުނެވެ. އެއްފަހަރު އެ ކަން ހިނގައިފައިވާތީ، އެ އަންނަނީ ކޯޗެއްކަމާއި އެ ސޮރުގެ މަޤްޞަދު އަހަރުމެންނަށް ވިސްނުނެވެ. ދެން ފެނުނީ ވިދުވަރެކެވެ. އަހަރުމެންގެ ލޯމަތިން ޖިންނި ގެއްލުނެވެ. އެ ފަހަރު އައި އެއްޗެއްގެ ހަރަކާތް އަވަސްކަމުން ވީނުވީއެއް ނޭނގުނެވެ. އެ އެތި އަހަރުމެންގެ އަތަކުނުޖެހުނެވެ. އެކަމަކު، ވަރަށް ބޮޑު އެއްޗެއް، ފެންގަނޑެއްގެ ތެރެއަށް ވެއްޓުނީމައި އިވޭ ކަހަލަ އަޑެއް އިވުނެވެ. އައީ ކަނޑުގެ އަހުލުވެރިއެކެވެ. ޖިންނި ޖަހައިގަނެގެން އެ އެތި ކަނޑަށް ފީނައިގަތީއެވެ. ކަނޑަށް ފޭބުމަށް ފަހު ދެން ގެނައުމަކީ ފަސޭހަކަމެއް ނޫނެވެ. ތަނަށް ވެރިވި ހަމަހިމޭންކަމުގެ ތެރެއަށް އަހަރުމެން ގެއްލިފައި ތިއްބާ މީހަކު ހަޅޭއްލަވާ އަޑުއިވުނެވެ.
"ބަދަލުހިފީ! ބަދަލުހިފީ!" ތަކުރާރުކޮށް އިވެނީ އެ އަޑެވެ.
އަހަރެންނަށް ފެނުނީ ކަނޑެވެ. ވަރަށް މަތިން ބަލައިލީމައި ފެންނަހެންނެވެ. އެއީ، މާލެ އާއި ހުޅުލެއާ ދޭތެރެއެވެ. ބިޔަ ޝައިތާނެއް އެ ދިމާ ކަނޑަށް ފައްތައިފައި ހުއްޓެވެ. އެ ސޮރުގެ ބޮލެއް ނެތެވެ. އެއީ ކާކުކަމާއި، ވީ ގޮތް އެނގުނީ ފަހުންނެވެ. ފަހުން އައި ޖިންނި ޖަހައިގަނެގެން ގެންދިޔައީ އޭނައަށް އިސްލާމް ނުވެވިގެން އުޅެނިކޮށެވެ. ނަގައިގަނެގެން ގެންދިޔަ ގޮތަށް އޭނަ ގެންދިޔައީ އިބިލީހުގެ ދަރުބާރަށެވެ. އައިސްފައި ހުރި ޖޯޝެއްގެ ސަބަބުން އެ ތަނުގައި އެ ޖިންނި އިސްލާމްވިއެވެ. އިބިލީހުގެ ކުރިމަތީގައެވެ. އިބިލީސް ވަގުތުން އެ ޖިންނީގެ ބޯ ބުރިކޮށްލިއެވެ. އެ ހާދިސާއަށް ފަހު، "ރަސޫލުން" ފޮނުވުން ހުއްޓުނެވެ. އެކަމަކު، އަހަރުމެންނަށް އެނގެއެވެ. ހަތްވަނަ ދުވަސް ކައިރިވާ ވަރަކަށް، ކުރިމަތިކުރާ ހުރަސްތައް ވެސް ގިނަވާނެއެވެ. ހަތް ދުވަސް ފުރިހަމަވިޔަ ނުދޭން ކުރެވެން ހުރި މަސައްކަތެއް ޝައިތާނުން ކުރާނެއެވެ.
އިސްލާމްދީން ވެގެންދިޔައީ އަނދިރީގައި ދިއްލައިލެވުނު، ނިއްވައިލަން އުނދަގޫ ދަންމަރަކަށެވެ. އިބިލީސް އެ އަށް ފުމޭވަރަކަށް އޭގެ އަލި ވީ ގަދައެވެ. އަހަރުމެން ފަނާކޮށްލަން ފޮނުވާ ކޮންމެ ޖިންނިއެއްގެ ހިތުގައި އިސްލާމީ ނޫރު ބަބުޅަން ފެށިއެވެ. ފެންކިޔަވާތާ ހަވަނަ ދުވަސް އަހަރެންގެ ހަށިގަނޑަށް ވަން ޖިންނި ވާހަކަދައްކަން ފެއްޓީ ލަންކާ ބަހުންނެވެ. ލަންކާ ބަހަށް އަހަރެން ފަރިތައެއް ނޫނެވެ. އޭނަޔާ އެކުގައި ފާދިރީއަކު ވެސް ހުއްޓެވެ. އެ ވެރިން ކިޔަނީ ވެސް ބުދުފައްޅީގައި ކިޔާ ކަހަލަ ބަނދިވަރުތަކެކެވެ. ބައެއް ފަހަރު އެއްފަހަރާ ހައެއްކަ ޖިންނި ވެސް ހަށިގަނޑު ތެރޭގައި އުޅެއެވެ. ބައެއް ޖިންނި ދައްކާ ވާހަކަތަކުގައި ހިންދީބަސް ގިނަކަމުން، ދައްކާ ވާހަކަ އަހަންނަށް ވިސްނޭ ވަރު ވެއެވެ.
"މަށަކީ ފާދިރީއެއް،" ފާދިރީކަލޭގެ އޯގާތެރިކަމާ އެކުގައި ބުންޏެވެ. "ކަލޭމެން ތި ދައްކާ ވާހަކަތައް އަހަރެން އަޑުއަހާތާ މިހާރު ކިތަންމެ ދުވަހެއް. ޝައުކަތު ކިޔަވާ އެއްޗެހި ވެސް މަ އަޑުއަހައިފިން. މަށަކަށް ނޭނގޭ އަރަބިބަހެއް. މަ ވަރަށް ޝައުޤުވެރިވެއްޖެ އޮޅުންފިލުވަން. ކަލޭ މާނަ ކިޔައިދީބަލަ! މައްސަލައެއް ނެތޭ އުރުދޫއާ، ހިންދީއާ، އިނގެރޭސިއާ އެއްކޮށްގެން ކިޔަސް."
ޝައުކަތު ކިޔައިވައިދޭން ފެށީ ބަޤަރާ ސޫރަތެވެ. ފުރަތަމަ ތިން އާޔަތުގެ މާނަ ކިޔައިދޭއިރަށް ފާދިރީއަކަށް ނީނދެވުނެވެ.
"ތީ ޙައްޤު ބަސް،" ފާދިރީކަލޭގެ ފުންމައިގެންފައި ބުންޏެވެ. "ހުވާކޮށްފަ މި ބުނަނީ މަ ވެސް ބޭނުން އިސްލާމްވާން."
ފާދިރީކަލޭގެ އިސްލާމްވިއެވެ. އޭނަ ބޭނުންވީ އިސްލާމްދީން ދަސްކުރާށެވެ. އެ ދީން ފަތުރާށެވެ. ޝަހާދަތުގެ ދެ ކަލިމަ ދަސްކުރިއެވެ. ކުރުސި ދަސްކުރިއެވެ. ކުރުސި ކިއިރު އޭނަ ކިއީ، އިހު ޒަމާނުގައި ދިވެހިން މާލޫދު ކިޔާ އުޅުނު ރާގަށެވެ. އަހަންނަށް އެ ކަން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. ހިތަށްއެރިއެވެ. އަހަރުމެން މާލޫދު ކިޔާ ރާގު އައީ، ބުދުދީނުން ހެއްޔެވެ؟ އަހަރެންގެ ހިތުގައި އުފެދުނު އެ ކަހަލަ ސުވާލުތައް ގިނަވާން ފެށިއެވެ. ލަންކާ ބަހުން ވާހަކަދައްކާ ޖިންނިތައް އައުން ގިނަވާން ފެށީމައެވެ. އެ ޖަމާޢަތްތައް އިސްލާމް ކުރަން ކުރި މަސައްކަތުގެ ތެރޭގައި، އިތުރު ކަންތައްތަކެއް އެނގުނެވެ. ލަންކާ ސިހުރުވެރިޔާ އަރިޔަސިރީގެ އެންމެ އަރިސް ސިހުރުވެރިޔާގެ މަޤްބޫލުކަން ގެއްލުނު ކަމެވެ. ބަދަލުގައި އެހެން ސިހުރުވެރިއެއް އަރިޔަސިރީއަށް ދީފިއެވެ. އެ މީހުންގެ މަސައްކަތް ހިނގަނީ، ނިގަންބޯގައި ހުންނަ ފައްޅިއެއްގައެވެ. ބާތިލުވި ސިހުރުތައް އަލުން ހަދައި، ކުރިއަށް ވުރެ ސިހުރު ވަރުގަދަ ކުރުމުގެ މަސައްކަތް އެ މީހުން ފެށިކަން ވެސް އެނގުނެވެ. ހަތް ދުވަސް ހަމަކުރިޔަނުދޭން އަރިޔަސިރީގެ މަސައްކަތް އެތައް ގުނައަކަށް ފުޅާކޮށްފިއެވެ.
ހަވަނަ ދުވަހުގެ ރެއެވެ. ކޮންމެ ކަމެއް ވެސް ވެދާނެކަމަށް އަހަރެން ތައްޔާރުވެގެން ހުރީމެވެ. ކުރިމަތިވީ، ހީ ވެސް ނުކުރާ ކަހަލަ ކަމެކެވެ. އަހަރެން އޮތީ ފޮތެއް ހިފައިގެން، ބޮޑުކޮޓަރީގައި ހުރި ސޯފާއެއްގައި އޮށޯވެގެންނެވެ. ގަޑިން ރޭގަނޑު ނުވައެއްޖަހަނީއެވެ. ވާރޭއަންނަން އުޅޭކަމުގެ ނިޝާންތައް ފާޅުވަމުންދިޔަ ވަގުތެކެވެ. ޒުމްރާ އިނީ އަހަރެންގެ ބޯލާކޮޅުގައި ހުރި ގޮނޑިއެއްގައެވެ. ޓީވީ ބަލާށެވެ. އުމުރުން އަށެއްކަ އަހަރުގެ ޒުމްރާއަކީ، ވަރަށް ގިނައިން ގެއަށް އައިސްއުޅޭ، ތިމާގެ ކުއްޖެކެވެ. އެ ދުވަހު ޒުމްރާގެ ފަރާތުން އަހަންނަށް ފެނުނީ ކުރިން ނުފެންނަ ކަންތައްތަކެކެވެ. އަހަރުމެން ދެ މީހުންނަކީ ސަމާސާކޮށް ސަކަރާތްޖަހާ ދެ މީހުންނެވެ. އެކަމަކު، އެ ދުވަހު ޒުމްރާ ވަރަށް ބަސްމަދެވެ. އަހަރެން ވާހަކަދެއްކިޔަސް ވާހަކައެއް ނުދައްކައެވެ. ސަބަބެއް އޭރަކު ނޭނގެއެވެ. ގެއަށް ދާންވެގެން ޒުމްރާގެ މަންމަ ގޮވިއަޑު އިވުނެވެ. ޒުމްރާ ފައިބައިގެން ދިޔަހެން ވެސް ހީވިއެވެ. އެހެން މީހަކު އެ ތާކު ނެތެވެ. ފޮތް ހިފައިގެން އޮއްވައި ފޮތަށް ފެންތިއްކެއް ވެއްޓުނެވެ. އޭރު އަދި ވާރެއެއް ނުވެހެއެވެ. މަތިން ފެންތިއްކެއް ޖަހާނެ އެއްވެސް ސަބަބެއް ނެތެވެ. އަހަރެން މަޑުމަޑުން މަތި ބަލައިލީމެވެ. ފަންގިފިލާގައި ހަތަރެސްފައި ޖަހައިގެން އޮތީ ޒުމްރާއެވެ. އެ އިސްކޮޅެވެ. ލައިގެން އޮތީ ވެސް އެ ހެދުމެވެ. މޫނު އޮތީ އަހަންނާ ދިމާއަށް އެނބުރިފައެވެ. އެހެން އޮވެގެން، ކުރަތްޕެއް ދުވާހެން "ޒުމްރާ" ދުވަން ފެށިއެވެ. ވަރަށް ހަލުވިކޮށް، ކުދި ވަށްބުރުތަކެއް އަޅަމުންނެވެ. ކޮންމެ ބުރެއް ހަމަކުރުމަށް ފަހު ހުއްޓިފައި އަހަންނަށް ބަލަން އޮވެއެވެ. ޝައުކަތު އޮތީ ބުނެފައެވެ. އަހަރެން ބިރުގަންނަވަން ޖިންނިޝައިތާނުން މަސައްކަތް ކުރާނެވެ. ފެންއެޅުން ހުއްޓުވުމަށްޓަކައެވެ. ހިތްވަރުކޮށްގެން އަހަރެން އޮތެއްކަމަކު، ވަރަށް ބިރުގަތެވެ. ގުޑައިލަން ވެސް ނުކެރުނެވެ. މީހަކަށް ގޮވައިލާކަށް ވެސް ނުކެރުނެވެ. ޒުމްރާ ކުއްލިއަކަށް އަހަރެންގެ މޭ މައްޗަށް ވެއްޓިގަތެވެ. މުޅި ހަށިގަނޑު ހުރީ ނުވަތަށް އަނބުރައިފައެވެ. މޭގެ ބަދަލުގައި އަހަންނަށް ފެންނަނީ ޒުމްރާގެ ބުރިކަށްޓެކެވެ. މޫނު ވެސް ހުރީ ނުވަތަށް އަނބުރައިފައެވެ. ކަރު ދިގުކުރިކުރީނުން އަހަރެންގެ މޫނުގައި އެ މޫނު ޖެހޭހާ ވެއެވެ. އެހެން އޮވެފައި އަނގަ ހުޅުވައިލިއެވެ. އަހަރެންގެ މޫނު އެ އަނގައިގެ އެތެރެއަށް ވަންނަ ވަރަށެވެ. ފަރުހަކި ވަހެއް އެ އަނގައިން ދުވިއެވެ. އަނގައިގެ ތެރޭގައި އެހެން އަނގަތަކެއް ހުއްޓެވެ. މިޔަރުގެ ހުންނަ ކަހަލަ، ކޮޅު ތޫނު ދަތްތަކެއް ހުޓެވެ. ކޮޅު ދެކަފިވެފައިވާ ދޫ ކުއްލިއަކަށް ނެރިލިއެވެ. އޭނަ މަސައްކަތް ކުރީ އެ ދުލުން އަހަރެން މުޑުދާރުކުރާށެވެ. ހިތަށްއެރިއެވެ. އަހަރެން ބިރު ނުގަންނަކަން އަނގައިލާނަމެވެ. އަހަރެން ކިޔަވަން ފެށީމެވެ. އެއީ، އެ ފަދަ ވަގުތެއް އަތުވެއްޖެ ނަމަ ކިޔަން ޝައުކަތު ދަސްކޮށްދީފައިވާ ދުޢާއެކެވެ. ދުޢާ ކިޔަން ފަށާއިރަށް ޝައިތާނާ ވިއްސައިގެންދިޔައެވެ. ކުރިމަތީގައިގައި ހުރި މޭޒުގައި ޖެހިފައި މޭޒު ވެސް އެއްފަރާތްވިއެވެ. ތަޅުންގަނޑުމަތީގައި ވެސް އެތައް އިރަކު އެ ޖިންނި އިނެވެ. އަހަންނާ ދިމާއަށް ކަޅިއަޅައިގެންނެވެ. މޭޒުން އިވުނު އަޑަށް ބައްޕަ ނުކުތެވެ. ޝައިތާނާ ގެއްލުނީ އެ ހިސާބުންނެވެ.
ހަތްވަނަ ދުވަހު ޒުމްރާ ފެނުނީ ހަމަހިމޭންވެފައި އިންނަ ތަނެވެ. ވާހަކަނުދައްކާ ތަނުގައި ހިނިތުން ވެސް ނުވެއެވެ. އެއީ ޒުމްރާގެ އާދައެއް ނޫނެވެ. އަހަރުމެން ވަރަށް ގިނައިން ސަކަރާތްޖަހަމެވެ.
"ކިހިނެއްވެފަ ތި އިންނަނީ ޒުންމު!" އަހަރެން ބުނީމެވެ.
"ބޭބެ އިއްޔެ ކިއި އެއްޗެހި މިހާރު ހަނދާނެއް ނެތް؟" ޒުމްރާ ސުވާލުކުރިއެވެ.
"ބޭބެ އެއްޗެހި ކިއީއޭ؟ ކޮންއިރަކު؟" އަހަރެން ހައިރާންވެފައި އެހީމެވެ.
"މަ ކޮޓަރީގަ އޮއްވާ ބޭބެ އައީމެއްނު،" ތުންދަމައިގެން އިނދެ ޒުމްރާ ކިޔައިދިނެވެ. "އެންމެ ފުރަތަމަ މަށަށް އުނދަގޫކުރީ. ދެން ހަޅޭއްލަވަން ފެށީ. ކީއްކުރަންހޭ މި ގެއަށް އަންނަނީ. ގޭގެ ޓީވީ ނުހުންނަނީހޭ. ކިހާ ބޮޑު އުނދަގުލެއްހޭ.."
އެ ކަހަލަ ކަމެއް އަހަންނެއް ނުކުރަމެވެ. އަހަރެންގެ ސިފައިގައި ޒުމްރާއަށް ފެނުނީ ޝައިތާނެކެވެ. ޒުމްރާއަށް އެ ވާހަކަތައް ކިޔައިދޭކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެކި ސިފަސިފައިގައި އައިސް ޝައިތާނާ މަސައްކަތްކުރީ ބޮޑު ހައިޖާނެއް އުފައްދާށެވެ. އެ ކަން ކާމިޔާބު ނުވީއެވެ.
"ހިތްހަމަނުޖެހިފަ ހުރީމަ އެހެން ބުނެވުނީ،" ވާހަކަ އޮއްބައިލަމުން އަހަރެން ބުނީމެވެ. "ސޮރީ! ހިނގާ ޕިއްޒާ ގެންނަމާ!"
އެ ދުވަހަކީ ފެންއަޅައި ނިމުނު ދުވަހެވެ. އައި އެއްވެސް ޖިންނިއަކަށް އަހަރެންގެ ހަށިގަނޑުގެ އެތެރެއަކަށް ނުވަދެވުނެވެ. އެ މަގު ބަންދުވީއެވެ. ޖިންނިން ތިބެން ޖެހުނީ ބޭރުގައެވެ. ރުޅިއައިސްގެން އެއްޗެހި ކިޔެވެ. އަހަންނަށް ވަރަށް ދުއްތުރާ ކުރިއެވެ. ޢާއިލާ މީހަކު އަހަރެން ގާތުގައި އިނދެއްޖެއްޔާ ޝައިތާނާ ކިޔަނީ ހުތުރު އެއްޗެއްސެވެ. ގާތުގައި އިންނަ މީހާއަށް ވުރެ އަޑު ގަދަކޮށެވެ. އެހެން ހަދަނީ، ވާހަކަދައްކަން އަހަންނަށް އުނދަގޫ ކުރުމަށްޓަކައެވެ. އެ އުނދަގޫވެއެވެ. އެ ނޫން އެހެން ކަމެއް ނުވެއެވެ.
އެއްދުވަހަކު، އަހަންނަށް ވަރަށް އުނދަގޫވާން ފެށިއެވެ. ފަހަކަށް އައިސް އުނދަގޫ ނުވާ ވަރަށެވެ. އަހަރެންގެ ހިތް ބުންޏެވެ. ހަށިގަނޑު ތެރެއަށް ކޮންމެވެސް އެއްޗެއް ވަދެއްޖެއެވެ. އެކަމަކު، އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ ހަތްދުވަހު ފެންއެޅުމުން އެކައްޗަކަށް ވެސް ވަދެވިގެން ނުވާނެއެވެ.
ނުނިމޭ