ސެލީނާ ގޮމޭޒް މިއުޒިކާ ވަކިވުމުގެ އިޝާރާތެއް
ސެލީނާ ގޮމޭޒް މިއުޒިކާ ވަކިވުމުގެ އިޝާރާތެއް

މިއުޒިކް ދާއިރާ އިން ރިޓަޔާކޮށްފާނެކަމުގެ އިޝާރާތެއް އެމެރިކާގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް ދީފި އެވެ.

"ވޯގް" މަޖައްލާގެ އެމެރިކާގެ އެޑިޝަންގެ އަންނަ މަހުގެ އަދަދަށް ދިން އިންޓަވިއުއެއްގައި 28 އަހަރުގެ ބަތަލާ ބުނީ މިއުޒިކީ ދާއިރާ އިން މިހާރު ވަރަށް ގިނަ ކަންކަން ހާސިލުވެއްޖެ ކަމަށެވެ.

"ދެން އެހެން ނޫނަސް މިހާރު މީހުން އެހާ ސީރިއަސްކޮށް އަހަރެން ނުނަގަނާ ކަމަށްވަންޏާ މިއުޒިކްގެ ތެރޭގައި އުޅުމަކީ އެހާ ފަސޭހަ ކަމެއް ވެސް ނޫން،" ވަރަށް ޅަ އުމުރުގައި މަޝްހޫރުކަން ހޯދި ފަންނާނު ބުންޏެވެ. "މިހާރު ވަރަށް ގިނަ ދުވަހު މިކަމުގެ އުޅެވިއްޖެ. ދެން އިތުރަށް ހުރުމުގެ ބޭނުމަކީ ކޮބާ؟"

މިހާތަނަށް ތިން ސޯލޯ އަލްބަމް ނެރެފައިވާ ސެލީނާ ބުނި ގޮތުގައި އޭނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ލަވަ އަކީ "ލޫޒް ޔޫ ޓު ލަވް މީ" އެވެ. އޭނާ ބުނީ މިއުޒިކްގެ ދާއިރާ އިން މިހާރު އާދެވިފައި ހުރި ހިސާބަށް އާދެވުނީ ފޭނުން ދިން ލޯތްބާއި ސަޕޯޓުން ކަމަށެވެ.

"އަހަންނަށް ހީވަނީ އަހަރެންގެ މިއުޒިކް ވަރަށް ގަޔާވާ ބަޔަކު އަދިވެސް އުޅޭހެން. އެކަމަށްޓަކައި އެ މީހުންނަށް ޝުކުރު ވެސް އަދާކުރަން،" 2017 ގައި ކިޑްނީ ޓްރާންސްޕްލާންޓެއް ހަދާފައިވާ ސެލީނާ ބުންޏެވެ. "އެއީ އަސްލު ކުރިއަށްދާން ލިބުނު އެންމެ ބޮޑު ހިތްވަރަކީ ވެސް."

އޭނާ ބުނި ގޮތުގައި މިއުޒިކާ ދުރަށް ދިއުމުގެ ވިސްނުންތަކެއް ގެންގުޅުނަސް އޭގެ ކުރިން އަދި ފޭނުންނަށް އަލްބަމެއް ގެނެސްދޭން ބޭނުންވެ އެވެ.

"ވަރަށް ތަފާތު އެއްޗެއް ގެނެސްދޭން ބޭނުން ވަނީ. ރިޓަޔާކުރުމުގެ ކުރިން އެބަޖެހޭ އިތުރަށް މަސައްކަތްކޮށްލަން ވެސް." ސެލީނާ ބުންޏެވެ.

ޖަސްޓިން ބީބާ ފަދަ ބައެއް ފަންނާނުންނަށް ލޯބީގެ ގުޅުންތަކެއް ބޭއްވި ސެލީނާ އެންމެ ފަހުން ނެރުނު އަލްބަމަކީ މިދިޔަ އަހަރުގެ "ރެއާ" އެވެ. އޭގެ ކުރިން އޭނާ ނެރުނު އަލްބަމްތަކަކީ 2015 ގެ "ރިވައިވަލް" އާއި 2013 ގެ "ސްޓާޒް ޑާންސް" އެވެ.

ސެލީނާ އަކީ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. އަދި ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރެ އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ 2019 ގެ "އަ ރެއިނީ ޑޭ އިން ނިއު ޔޯކް" އިންނެވެ. ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އިން ދަ ޝެޑޯ އޮފް ދަ މައުންޓެއިން" އާއި "ޑޯލްހައުސް" ހިމެނެ އެވެ.