10 މާޗް 2021 - 14:25

ހައުސިން ޑިވަޕޮލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އަންހެން މުވަޒަފުންނަށް ހާއްސަކޮށްގެން "ކަނބަލުންގެ ޗުއްޓީ"ގެ ނަމުގައި ހާއްސަ މެޑިކަލް ލީވެއް ދޭން ނިންމުމުން ސޯޝަލް މީޑިޔާގައި އަންނަނީ ތަފާތު ހިޔާލު ފާޅުކުރަމުންނެވެ. ބައެއް މީހުންނަށް އެއީ "ނަމޫނާ ނިންމުމެކެ"ވެ. އަނެއް ބަޔަކަށް އެއީ "އެންމެ އިންސާފުވެރި ގޮތް ނޫނެ"ވެ.
މި އަހަރުގެ އަންހެނުންގެ ދުވަހު އެޗުޑީސީން އިއުލާންކުރި ގޮތުން ނަމަ އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް މަހަކު އެއް ދުވަހު އެ ހާއްސަ ޗުއްޓީ ލިބޭނެ އެވެ.
އެކަމަކު ސޯޝަލް މީޑިޔާގައ ހިޔާލު ފާޅުކުރި އެކަކު ބުނީ އެއީ "ހަމަހަމަ ވާން ޖެހޭ ގޮތް ނޫން" ކަމަށެވެ. އަދި އިންސާފު ހޯދުމުގެ ނަމުގައި އެފަދަ ކަމެއް ބަލައި ނުގަނެވޭނެ ކަމަށް ވެސް އެކަކު ބުނެފައިވެ އެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި "ކަނބަލުންގެ ޗުއްޓީ" ދޭ ގޮތުގެ ތަފުސީލު ވަނީ ހާމަކޮށްފަ އެވެ. އެގޮތުން އަންހެނުންގެ މައްސަރުގެ ކަންކަމާ ގުޅުވައިގެން ކޮންމެ މަހަކު އެއް ދުވަހު އެ ޗުއްޓީ ލިބޭނީ، ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ 30 ދުވަހުގެ ސަލާމުގެ ޗުއްޓީގެ ތެރެއިންނެވެ.
ގާނޫނުގައި އޮންނަ ސަލާމުގެ ޗުއްޓީގެ 30 ދުވަހުގެ ތެރެއިން 15 ދުވަސް މެޑިކަލް ސެޓްފިކެޓަކާ ނުލައި ނެގޭނެ އެވެ. އެ 15 ދުވަހު ބަލިވެގެން ސަލާމުގައި ހުންނަ އިރު، މުސާރަ އާއި އެލެވަންސުން އެއްވެސް އެއްޗެއް އުންޏެއް ނުވާނެ އެވެ. އެކަމަކު އަނެއް 15 ދުވަހު ސަލާން ބުނެވޭނީ މެޑިކަލް ސެޓްފިކެޓް ނުވަތަ އޭނާ ބަލިކަން ސާބިތުކޮށްދޭ އެހެން ލިއުންތަކެއް ހުށައަޅައިގެންނެވެ. އެގޮތަށް ހުށަނާޅައިފި ނަމަ، އެލަވަންސްތަކުން އުނިވާނެ އެވެ.
އެޗުޑީސީން މިހާރު ހަމަޖެއްސި ގޮތުން އަންހެން މުވައްޒަފުންނަށް މަހަކު އެއް ދުވަހު ހާއްސަ ޗުއްޓީ ލިބެނީ، މެޑިކަލް ސެޓްފިކެޓް ހުށައެޅުމަކާ ނުލަ އެވެ. މާނަ އަކީ، މެޑިކަލް ސެޓްފިކެޓް ހުށައެޅުމެއް ނެތި، އަންހެން މުވައްޒަފުންނަށް ކޮންމެ އަހަރަކު 27 ދުވަހުގެ ޗުއްޓީއެއް، އާމްދަނީން އެއްޗެއް އުނިނުވެ ލިބުމެވެ.
އެޗުޑީސީންގެ ނިންމުން ރަނގަޅުކަން ދެއްކުމުގެ ގޮތުން އެމެރިކަން އެކެޑަމީ އޮފް ފެމިލީ ފިޒީޝަންސްގެ ރިޕޯޓެއްގެ މައުލޫމާތު އާންމުކުރި އެވެ. އެ ރިޕޯޓް ބުނާ ގޮތުން ކޮންމެ ފަސް އަންހެނަކުން އެކަކަށް މައްސަރު ދުވަސްވަރު ބަނޑުގައި ރިއްސުމާއި އެނޫން އުނދަގޫތަކާ ކުރިމަތިވެ އެވެ. ބައެއް އަންހެނުން ތަހައްމަލްކުރަން ޖެހޭ ތަދު ބޮޑުކަމުން ދިރިއުޅުމުގެ ކަންކަމަށް ހުރަސް ވެސް އެޅޭ ކަމަށް، ރިޕޯޓްގައިވެ އެވެ.
ރާއްޖެއަށް މި ޗުއްޓީ އާ ކަމަކަށް ވިޔަސް ޖަޕާނާއި ސައުތު ކޮރެއާ އާއި ޓައިވާން ފަދަ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި މައްސަރު ކަންކަމާ ގުޅިގެން އަންހެނުންނަށް ހާއްސަ ޗުއްޓީއެއް ދެ އެވެ.
އިޖުތިމާއީ ކަންކަމުގައި އަޑުއުފުއްލަވާ ބައެއް ބޭފުޅުންނާއި، ހިއުމަން ރިސޯސަސް ދާއިރާގެ ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި އެޗުޑީސީގެ ނިންމުން ރަނގަޅެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަންގެ ޗައިލްޑް އެމްބެސެޑާ މުހައްމަދު ޝިހާބު ވިދާޅުވީ އެއީ "ހެޔޮ ކަމެއް ކޮށްދިނުމުގެ ބަދަލުގައި ނިޒާމުގެ ތެރެއިން ކުރަން ޖެހޭ ކަމެއް" ކަމަށެވެ.
"ސިވިލް ސާވިސް އިން ވެސް މިފަދަ އުސޫލެއް އަންނަން ޖެހޭ،" ޝިހާބް ވިދާޅުވި އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ގުދުރަތީ ނިޒާމްގެ ތެރެއިން ދިމާވާ ކަމެއްގައި ވަކި ޖިންސަކަށް ތަފާތު އުސޫލެއް ގެންގުޅުމަކީ ދެ ޖިންސްގެ މީހުންގެ މެދުގައި ތަފާތު ކުރުމެއް ނޫނެވެ.
އޭގެ ބަދަލުގައި "އެއީ އިންސާފު ގާއިމްކުރުން،" ޝިހާބު ވިދާޅުވި އެވެ.
"މިއީ ޕޮޒިޓިވް ޑިސްކްރިމިނޭޝަން. މަސައްކަތުގެ މާހައުލުގައި މިފަދަ ތަފާތުތައް ގެނައުމަކީ އެންމެ އިންސާފުވެރި ގޮތް."
ބައެއް މީހުން ބުނާ ގޮތުގައި އަންހެނުންނަށް މިފަދަ ޗުއްޓީއެއް ދިނުމުން އޭގެ ނާޖާއިޒު ފައިދާ ނަގާނެ އެވެ. އެކަމަކު ހިއުމަން ރިސޯސަސް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ހުސެއިން އަފީފް ވިދާޅުވީ ކޮންމެ މަހެއްގެ އެއް ދުވަސް އަންހެނުންނަށް ހާއްސަ މެޑިކަލް ލީވްއެއް ދީގެން އޭގެ ނާޖާއިޒް ފައިދާއެއް ނެގުން ނާދިރު ކަމަށެވެ.
"މިކަމުން އަންހެނުން ބާރުވެރިވާނީ. އަންހެނުން މަސައްކަތުގެ މާހައުލަށް ނެރެން ހިތްވަރުދެވޭނީ. އެހެންވީމަ މިއީ ކުރުން ވަރަށް ރަނގަޅު ކަމެއް،" އަފީފް ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި މިފަދަ ޗުއްޓީއެއް ދިނަސް އޮފީހެއްގެ ނުވަތަ ކުންފުންޏެއްގެ އަންހެން ހުރިހާ މުވައްޒަފުން އެ ޗުއްޓީ ނަގާފާނެ ކަމަށް ގަބޫލެއްނުކުރެއްވެ އެވެ. އެއީ މައްސަރުގެ އުނދަގޫ ދިމާނުވާ އަންހެނުން ވެސް އުޅޭތީ ކަމަށް، އޭނާ ވިދާޅުވި އެވެ.
"މިކަމުގައި އޮޅުވައިލުން ގެންގުޅޭނެ ކަމަށް ގަބޫލެއްނުކުރަން،" ލަކްސް ރިސޯޓްސް އެންޑް ހޮޓެލްސްގެ ރީޖަނަލް ޑައިރެކްޓަ، ޑިވެލޮޕްމަންޓް އެންޑް ކޮލިޓީ އެޝުއަރެންސްގެ މަގާމުގައި ހުންނެވި އަފީފް ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ބޮޑު ކުންފުންޏެއް ކަމަށްވާ ޔުނިވާސަލް އެންޓާޕްރައިޒަސްގެ އެޗްއާރް ޖެނެރަލް މެނޭޖަރު އަލީ އާދަމް ވިދާޅުވީ އަންހެނުންނަށް މިހާރު ވެސް އާލީ ޕްރެގްނެންސީ ލީވް އާއި މެެޓާނިޓީ ލީވް ލިބޭ އިރު އިތުރަށް ކޮންމެ މަހަކު އެއް ދުވަހު ހާއްސަ ޗުއްޓީއެއް ދިނުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަޒީފާއެއްގެ ޗުއްޓީ އާއި މުސާރައަކީ އަސާސީ ހައްގަކަށް ވާ އިރު ދެ ޖިންސުގެ މުވައްޒަފުންނަށް ހަމަހަމަ ވާން ވެސް ޖެހޭނެ އެވެ.
"އަންހެނުންނަކީ ގިނައިން ޑެސްކް ޖޮބްތަކުގައި ތިބޭ ބައެއް. ފީލްޑްގައި ގިނައިން މަސައްކަތް ކުރަނީ ފިރިހެނުން. އަންހެނުންނަށް ހާއްސަ ޗުއްޓީއެއް ދީފި ނަމަ ފިރިހެނުންގެ ކަންބޮޑުވުންތައް އޮންނާނެ،" ރާއްޖޭގެ މާހައުލުގައި މުވައްޒަފުންގެ ވިސްނުން މިހާރު ގެންގުޅޭ ގޮތަށް އިޝާރަތްކުރައްވަމުން، އަލީ ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ މުޖުތަމައު އެވެއާ [ހޭލުންތެރި]ކުރުން. މިފަދަ ޗުއްޓީއެއް މިވަގުތު ދީގެން މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ މައްސަލަތައް މާ ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.
އެޗްޑީސީން އަންހެން މުވައްޒަފުންނަށް ދޭން ނިންމި ހާއްސަ ޗުއްޓީ ކަހަލަ ޗުއްޓީއެއް، މައްސަރުގެ ކަންކަމާ ގުޅުވައިގެން ލިބޭ ގޮތަށް، ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ގެންނަވަން ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މޫސާ ސިރާޖު މިދިއަ އަހަރު މަސައްކަތްކުރެއްވި އެވެ. އެކަމަކު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލިހުން އެކަމަށް ތާއީދެއް ނުލިބުނެވެ.