10 މާޗް 2021 - 10:58

ކޮވިޑް-19 ފެތުރުމުން މޮނިޓަރިންގެ ހާލަތަށް ގެންދިޔަ ފުވައްމުލަކުގައި ބަލި ކޮންޓްރޯލްވެ މަސް ދުވަސް ފަހުން މޮނިޓަރިން އުވާލައިފި އެވެ.
ކޮވިޑް-19 އަށް ޓެސްޓުކުރަން ނެގި ރެންޑަމް ސާމްޕަލްތަކުން ދެ ސާމްޕަލެއް ޕޮޒިޓިވްވުމުން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ ނުވެއްގަ އެވެ. އޭގެ ފަހުން 54 މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވެ އެވެ.
އާބާދީގައި 13،000 އުޅޭ ރަށުން އެންމެ ފަހުން މީހަކު ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. މޮނިޓަރިންގެ ހާލަތު އުވާލިއިރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 10 އެވެ.
އެ ރަށުން މިހާތަނަށް 7،089 ސާމްޕަލް ނަގާފައި ވެ އެވެ. އިއްޔެ ހަވީރު 6:00 އާ ހަމައަށް ނަތީޖާ ނުލިބި 96 ސާމްޕަލް އެބަހުއްޓެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ މޮނިޓަރިންގެ ހާލަތު އުވާލުމުން މިއަދުން ފެށިގެން ސްޕެޝަލިސްޓް ޑޮކްޓަރުންގެ އޯޕީޑީ ހިދުމަތާއި ޕަބްލިކް ހެލްތު ޔުނިތޫގައި ކުޑަކުދިންގެ ވެކްސިން ދިނުމާއި ކިރުން އަދި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފިޒިއޮތެރަޕީގެ ހިދުމަތް ދޭނެ ކަމަށެވެ.