13 ނޮވެމްބަރ 2016 - 07:23

އޭރު ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމެއް ނެތެވެ. އެކަމަކު ކިރިޔާ ވެސް ލިޔެވެން އޮތް، އަދި ހާއްސަކޮށް އެއީ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ މައްސަލައެއް ނަމަ، އެކަން ކިއުންތެރިންނާ ހަމައަށް ގެނެސްދެއްވަން ހިރިގާ އަހުމަދު ޒާހިރު ނުކުރައްވާނެ މަސައްކަތެއް ނޯންނާނެ އެވެ. އަމިއްލަ އަށް ލިއުއްވި އެއްޗިއްސާއި އެހެން ނޫސްވެރިންނަށް މަގުދައްކަވައިގެން ނެރެދެއްވި އުފެއްދުންތަކެވެ. ނިއުސްރޫމްގެ މަސައްކަތްތައް ތަރުތީބުކުރެއްވުމާއި އުނދަގޫ ދަނޑިވަޅުތަކުގައި ޒުވާން ނޫސްވެރިންނަށް ކަންކަން ވިސްނައިދީ ކުރިއަށް ދާންވާ ގޮތުގެ އިރުޝާދުތަކެވެ.

ގިނަ ފަހަރަށް ހިރިގާގެ ނޫސްވެރިކަމުގެ މަސައްކަތް އޮންނާނީ ކިއުންތެރިންނަށް ނުފެންނަ ހިސާބުގައި، ނިއުސްރޫމް މެނޭޖްކުރުމުގަ އެވެ. އެކަމަކު އެއީ ކޮންމެ ނޫސްވެރިއަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެއީ ހަބަރެއް ލިޔެލުމަށް ވުރެ މާ އުނދަގޫ، މާ ގިނަ ވަގުތު ބޭނުންވާ ދާއިރާއެކެވެ. އެހެންކަމުން ނޫސްވެރިކަމުގެ ރޮނގުން ގައުމީ އިނާމު، މިދިއަ ބުރާސްފަތިދުވަހުގެ ރޭ ހިރިގާ އަށް ލިބިވަޑައިގަތުމުން އަޅުގަނޑަށް ކުރެވުނީ، ހަގީގަތުގައި މީގެ އެތައް އަހަރެއް ކުރިން ކޮށް ނިމިފައި އޮންނަން ޖެހޭނެ އިހުސާސެކެވެ.
ރާއްޖޭގައި ހިރިގާ ފެންވަރުގެ ނޫސްވެރިން ފެންނާނީ ވަރަށް މަދުންނެވެ. ގައުމީ ފެންވަރެއްގައި އޭގެ އަގުވަޒަންކުރުން ލަސްވެއްޖެ އެވެ. އެކަމަކު އެންމެ ފަހުން އެ ދުވަސް ފެނުމުން އުފާވެ، ހިރިގާ އަށް މަރުހަބާ ދަންނަވަމެވެ.
މީގެ 26 އަހަރު ކުރިން "ހަވީރު"ގެ ނިއުސްރޫމުން އަޅުގަނޑާ އެންމެ ފުރަތަމަ ބައްދަލުވި އެއް ބޭފުޅަކީ ހިރިގާ އެވެ. އެޑިޔުކޭޝަން މިނިސްޓްރީގައި ފުލް ޓައިމް ވަޒީފާއެއް އަދާކުރައްވަމުން، މެންދުރު ފަހު "ހަވީރު"ގެ ހިސާބުތައް ނިންމައި، ފައިސާގެ ހުރިހާ ކަމެއް ބެލެހެއްޓެވުމުގެ ޒިންމާ އުފުއްލެވި އެވެ. އޭނާ އިންނަވަނީ ނިއުސްރޫމާ ޖެހިގެން ހުރި ކޮޓަރިއެއްގަ އެވެ. އެކަމަކު ނޫސްވެރިކަމުގެ ލޭ ހިރިގާގެ ގައިގައި ހިނގަން ފެށީ ނޫސްވެރިންނާ އެހާ ކައިރީގައި އިންނަވަން ޖެހިވަޑައިގަތުމަކުންނެއް ނޫނެވެ؛ އާންމު މީހާ އަށް މައްސަލައަކަށް ވާ ކަންކަމާއި ގައުމީ މައްސަލަތައް ވަރަށް ސާފުކޮށް އެނގިވަޑައިގަތުމުގެ ގާބިލްކަން ހުރުމެވެ.
ގިނަ މީހުންގެ ނެތް އެކަމަކު ރަނގަޅު ނޫސްވެރިންނާއި އެޑިޓަރުންގެ ހުރުން ލާޒިމް އެ ދެ ސިފަ ހިރިގާ އަށް ލިބިވަޑައިގެންފައިވެ އެވެ. އެހެންކަމުން މެނޭޖްކުރުމުގެ މަސްއޫލިއްޔަތަށް ވުރެ ނޫސްވެރިކަމުގެ ޝައުގުވެރިކަން އޭނާގެ ބޮޑުވެ، އެންމެ ފަހުން ވެވަޑައިގަތީ ނޫސްވެރިޔަކަށެވެ.
ދިރިއުޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ނޫސްވެރިކަން ނަގައިގެން "ހަވީރު" ކުރިއަށް ގެންދިޔަ އޭރުގެ ޒުވާން ނޫސްވެރިންގެ ޓީމުގެ ފަހަތުގައި ހުންނެވި އެއް ބޭފުޅަކީ ހިރިގާ އެވެ. މިނިވަންކަން ނެތް އެ ޒަމާނުގައި އެންމެ އުނދަގޫ އެއް ދާއިރާ އަށް ވި ރައްޔިތުންގެ މަޖިލިހުގެ ކަވަރޭޖްގައި އިސް ބައެއް އަދާކުރެއްވި އެވެ. ބައެއް ކަންކަމުގައި ސަރުކާރުގެ ވެރިންނާ ކެރިގެން ސުވާލުތައް ކުރެއްވި އެވެ. ނޫހަށް އެރިޔަސް ނޭރިޔަސް، ނޫސްވެރިއެއްގެ ގޮތުން ކުރައްވަން ޖެހޭ ކަމެއް ވިއްޔާ، ދަތި ހާލުގައި ނަމަވެސް، ނިންމަވާލައްވަ އެވެ.
މަސައްކަތް ކުރިޔަސް ކިއުންތެރިންނާ ހަމައަށް ނުގެނެވިދާނެ ހަގީގަތްތައް ހުންނާނެކަން އޭރު އަޅުގަނޑަށް ދަސްކޮށްދެއްވީ ހިރިގާ އެވެ. އެއީ ސަރުކާރުގެ ތެރޭގައި ހުރި ސީރިއަސް އެތައް މައްސަލަތަކެއް ލިއެވޭނެ ގޮތް ނެތުމުން މާޔޫސްވި ދުވަސްވަރެވެ. އެކަމަކު މިނިވަންކަން ނެތް ތަނެއްގައި، ރައްޔިތުންގެ ގިނަ މީހުންގެ ބިރު ކެނޑުމުގެ ކުރިއަކުން ދެތިން ނޫސްވެރިންނަށް ކުރެވޭނެ ކަމެއް ނޯންނާނެ އެވެ. ޖަލަށް ލުމުން އެ ނޫސްވެރިންގެ އަޑު އެ ދިޔައީ އެވެ. އެހެންކަމުން ނުލިޔެވޭ އެއްޗެހި، ކެތްތެރިކަމާ އެކު ދޫކޮށް، ލިއެވޭ އެއްޗެހިން ނޫސް ފުރުމުގެ އާދަ އަޅުގަނޑުމެން ދަސްކުރީ އެކުއެކީގަ އެވެ.
މިނިވަންކަން ލިބުނު އިރު އޭގެ ތެރެއިން ގިނަ ނޫސްވެރިން ތިބީ ފަހިވާ ކޮންމެ ފުރުސަތެއްގައި ރަނގަޅު ލިއުންތަކެއް ކިއުންތެރިންނަށް ފޯރުކޮށްދިނުމުގެ ގާބިލްކަމާ އެކުގަ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަން 2005 އިން ފެށިގެން ހުޅުވެން ފެށުމުން ހިރިގާ އަކީ "ހަވީރު"ގެ އެންމެ އިސް ސިޔާސީ އެއް ނޫސްވެރިޔާ އެވެ. ސިޔާސީ އެކި ވެރިންނަށް އޭނާގެ އުނދަގޫ ބޮޑުވި އެވެ. ސަރުކާރަށާއި އިދިކޮޅު މީހުންނަށް ވެސް މެ އެވެ. އޭނާގެ ބައެއް ލިއުންތަކާއި ސުވާލުތަކާ ހެދި، ދެ ފަރާތުން ވެސް ހުނި ޖަހަމުން ދިޔަ އެވެ. ސަރުކާރުން އެޅުވީ އެމްޑީޕީ މީހެއްގެ ތުހުމަތެވެ. އެމްޑީޕީން ނެގީ އޭގެ އަނެއް ކޮޅަށެވެ. އަދި އެމްޑީޕީ ވެރިކަމުގައި އެ ޕާޓީން އޭނާ ފާހަގަކުރީ ސަރުކާރާ ޖައްސާލައިގެން އުޅޭ ނޫސްވެރިއެއްގެ ގޮތުގަ އެވެ.
"ހަވީރު"ގެ މެނޭޖިން އެޑިޓަރުގެ މަގާމުގައި ހުންނަވަނިކޮށް 2010 ގައި "ހިރިގާ"ގެ ޚިދުމަތް ނިމުމަކަށް އައި އިރު އެމްޑީޕީ ސަރުކާރުގެ އިސް ބައެއް ވެރިންނަށް އޭނާ އަކީ އެންމެ އުނދަގޫވި ނޫސްވެރިޔާ އެވެ.
އެކަމަކު އަޅުގަނޑު ދަންނަ ހިރިގާ އަކީ ވަކި ކޮޅަކަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫނެވެ. ހާލަތުގެ ގޮތުން އޭނާ މަޑުން ހުންނަވާފާނެ އެވެ؛ ނަ،މަވެސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ހިމާޔަތުގައި އަބަދުވެސް ވަކާލާތުކުރައްވައި، ގޮތްތައް ހޯއްދަވާނެ އެވެ. އަމިއްލަ އެދުމަށްޓަކައި އެ މިނިވަންކަން ގުރުބާންކުރައްވައި، ފަސޭހަ މަގެއް ހިޔާރެއް ނުކުރައްވާނެ އެވެ. އެހެން ނޫން ނަމަ މިދިއަ ކޮންމެ ސަރުކާރެއްގެ ވެސް އެހީތެރިކަމުގައި އޭނާ ހުންނަވާނީ ދައުލަތުގެ ކޮންމެވެސް މަގާމެއްގަ އެވެ.
"ސަން"ގެ ޗީފް އެޑިޓަރުގެ މަގާމުގައި މިހާރު ހުންނެވި ހިރިގާގެ ނޫސްވެރިކަމުގެ ހަޔާތުން އަޅުގަނޑަށް ފެނުނީ އެ ދާއިރާ ތަރައްގީކުރެއްވުމުގެ ނިޔަތާއި ގައުމީ މަސްލަހަތު އިސްކުރުމުގެ އަޒުމެވެ. އޭނާގެ ޒިންމާގެ ދަށުގައި ތިބޭ ނޫސްވެރިންނަށް މައްސަލަތައް ކިޔައިދެއްވުމުގެ ބަ އެވެ. ރުޅިގަދަ ދަނޑިވަޅުތައް މަދެއް ނުވާނެ އެވެ. އެކަމަކު އެ ރުޅިއަކީ އަނެކާއާ ގުޅުން ކަނޑާލައްވައި، އަބަދަށް ބާއްވަވާނެ އިހުސާސެއް ނޫނެވެ. ހޫނު ބަހުސެއް ނަމަ އެ ނިމުމާ އެކު އެކަން އެދިޔައީ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތް އެހެން މީހުން ގަބޫލުކުރުމާއި ނުކުރުން ދޫކުރައްވާނީ އެ ބަޔަކަށެވެ.
ހިރިގާއާ އެކު ނޫސްވެރިކަން ފެށި އަދި އެ ދާއިރާގައި ދިގު މުއްދަތެއް ހޭދަކުރި އެންމެންނަށް ކަހަލަ ގޮތަކަށް މީގެ އެތައް އަހަރެއް ކުރިން ވަނީ ގައުމީ އިނާމު ލިބިފަ އެވެ. އަގުވަޒަންކުރުން ލަސްވުމަކީ، އެއް ނަޒަރަކުން ބަލާއިރު، މައްސަލައެކެވެ. ނަމަވެސް އެންމެ ފަހުން އޭނާ އަށް ގައުމީ އިނާމު ލިބިވަޑައިގަތުމުން އަޅުގަނޑު ހިތްހަމަޖެހެ އެވެ.
އަދި ވެސް އަޅުގަނޑަށް ދެންނެވެން އޮތީ ހިރިގާ ކަހަލަ ނޫސްވެރިން ރާއްޖޭގައި މަދުވާނެ ކަމެވެ.