11 މާޗް 2021 - 08:03

ދެކުނު ކޮރެއާގެ މަޝްހޫރު ކުންފުނި ސެމްސަންގުން މި އަހަރު ބާއްވާ ދެވަނަ އިވެންޓް މި މަހުގެ 17 އަށް ތާވަލުކޮށް، އޭގެ ދައުވަތު އާންމުކޮށް ހުޅުވާލައިފި އެވެ.
ސެމްސަންގުންގެ އަހަރުގެ ފުރަތަމަ އިވެންޓް ބޭއްވީ ޖެނުއަރީ މަހުގެ 14 ގަ އެވެ. އޭގައި ގެލެކްސީ އެސް 21 ސީރީޒްގެ ފޯނުތައް ދައްކާލާފައިވެ އެވެ.
މި މަހުގެ 17 ގައި "ގެލެކްސީ އޯސަމް އަންޕެކްޑް" ގެ ނަމުގައި ބާއްވާ އިވެންޓްގެ އުސްއައްޔަކަށް ވާނީ ގެލެކްސި އޭ-ސީރީޒްގެ ފޯނުތައް ދައްކައިލުމެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި އެ ދުވަހު ސެމްސަންގުން ގެލެކްސީ އޭ52 އާއި އޭ72 ދައްކައިލާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން އޭ ސީރީޒްގެ 9 މޮޑެލްއެއް ނެރެން ސެމްސަންގުން ނިންމާފައިވެ އެވެ.
މި ފަހަރުގެ މި އިވެންޓަކީ މެދުފަންތީގެ ޑިވައިސްތަކެއް ދައްކައިލާ އިވެންޓަކަށްވާތީ ކަސްޓަމަރުން އުފާވާ ކަހަލަ ގިނަ ޚަބަރުތަކެއް ސެމްސަންގުން ދޭނެ ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.