ބާރަށަށް އަވަށްޓެރި މުރައިދޫ ރައްޔިތުންގެ ހަދިޔާ ދަތުރު
ބާރަށަށް އަވަށްޓެރި މުރައިދޫ ރައްޔިތުންގެ ހަދިޔާ ދަތުރު

ކޮވިޑް-19އާ ގުޅިގެން ބައެއް ރަށްރަށް މިނިޓަރިންގެ ހާލަތަށް ލުމުން، އަވަށްޓެރި ރަށްރަށުގެ ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑެވެ. އެގޮތުން މިހާރު މޮނިޓަރިންގައި އޮތް ހއ. ބާރަށުގެ ރައްޔިތުންނަށް، އަވަށްޓެރި މުރައިދޫ ރައްޔިތުންގެ ދަތުރު އޮތީ ކަނޑުމަހާއި ހަނޑުލާއި ނޫޑްލްސް ފަދަ އެއްޗެހިން ހަދިޔާކުރުމުގަ އެވެ.

ކޮވިޑް ފެތުރެން ފެށުމުން މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބާރަށުގެ ރައްޔިތުން ތިބީ ގޭގައި ބަންދުވެގެންނެވެ. މާލެއިން ގޮސް ހޯމް ކަރަންޓީނުގައި ތިބި ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވި ފަހުން، އެ ރަށުގެ 31 މީހަކަށް މިހާރު ވަނީ ބަލި ޖެހިފަ އެވެ. ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާއިރު، އެކަމާ އެންމެ ހަމްދަރުދީވީ، ބާރަށާ ޖެހިގެން އޮންނަ މުރައިދޫންނެވެ.

"އަޅުގަނޑުމެންނަށް އެނގޭ ބާރަށުގެ ރައްޔިތުން މިހާރު އުޅޭނެ ހާލު. އެހެންވެ، ބޭނުންވީ އެމީހުންނަށް ކޮންމެވެސް ގޮތަކަށް އެހީވާން،" މުރައިދޫ ކައުންސިލްގެ ރައީސް އަސްރާރު އަބްދުﷲ ވިދާޅުވި އެވެ.

ކަނޑު މަސް ގަންނަން މުރައިދޫން ފައިސާ އެއްކުރީ، ފަންޑު ފޮށި ބަހައްޓައިގެންނެވެ. ރަށުގެ ޒުވާނުންނާއި ކައުންސިލުން އިސްނަގައިގެން، ފުޓުބޯޅަ ދަނޑުގައި ބެހެއްޓި ފަނޑު ފޮއްޓަށް، އެއް ދުވަހުގެ ތެރޭގައި 18،000އަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.

ކައުންސިލުން ބުނިގޮތުގައި ރަށުގައި ދިރިއުޅޭ މީހުންގެ އިތުރުން މާލެ އާއި ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ އެ ރަށުގެ މީހުން ވެސް ފައިސާ ހަދިޔާކުރި އެވެ.

ފައިސާ އެއްކުރެވުމުން، ހަމަ އެ ދުވަހު، މަސް ދޯންޏަކުން އެއް ޓަނުގެ މަސް އެ މީހުން ގަތެވެ. އެއީ ބާރަށުގެ ކޮންމެ ގެއަކަށް ދެ ކިލޯގެ މަގުންނެވެ. ބާކީ ހުރި ފައިސާއިން، ކޮންމެ ގެއަކަށް ފަސް ކިލޯ ހަނޑުލާއި ދެ އުރަ ނޫޑްލްސް ދިނެވެ.

"ބާރަށާ އެންމެ ކައިރީގައި އޮތް ރަށުގެ ހައިސިއްޔަތުން، އެމީހުން ހާލުގައި ޖެހުމުން އަޅުގަނޑުމެން އެހީވާން ބޭނުންވީ،" އަސްރާރު ވިދާޅުވި އެވެ.

މުރައިދޫގެ އެހީތެރިކަމަށް، ބާރަށުން ޝުކުރުވެރިވެ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އާސިފް އަބްދުﷲ ވިދާޅުވީ އެއްވެސް ރަށެއްގެ އެހީތެރިކަމަށް އަދި ބާރަށުން އެދިފައި ނުވިޔަސް މި ހާލަތުގައި މުރައިދޫން ދިން އެހީތެރިކަމަށް، ބާރަށު ރައްޔިތުން ޝުކުރުވެރިވާ ކަމަށެވެ. އަވަށްޓެރި ރަށުން ދިން ހަދިޔާ ބެހީ ކައުންސިލާއި އެ ރަށުގައި އޮންނަ ކޮވިޑްގެ ޓާސްކްފޯސް ގުޅިގެންނެވެ.

މިއީ ކޮވިޑް އެންމެ ބޮޑަށް ފެތުރުނު ބައެއް އެހެން ރަށްރަށުން ވެސް ފެނުނު މަންޒަރެކެވެ. އެންމެ ފުރަތަމަ ގިނަ ބަޔަކު ޕޮޒިޓިވްވި، ށ. ނަރުދު އާއި ގއ. ދެއްވަދުއަށް ވެސް އަވަށްޓެރި ރަށްރަށުން އެހީތެރިވި އެވެ.

ބާރަށުން އިއްޔެ އެކަނި ވެސް ފަސް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ބަލިމަޑުކަން އޮތުމުން ގޭގެއިން މީހުން ބޭރަކަށް ނުނިކުމެ އެވެ. ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެނީ، ޓާސްކްފޯހުންނެވެ. ބޭނުންވާ އެއްޗެހި ގަތުމުގެ އިތުރުން، ގޭގެއިން ކޮންމެ ދުވަހަކު ކުނި އުކާލަނީ ވެސް އެމީހުންނެވެ.

"ކޮންމެ ދުވަހަކު ހެނދުނު، ގެތަކުން ޑަސްބިން އުކާލަ ދޭނީ ވެސް ޓާސްކްފޯހުން،" އާސިފް ވިދާޅުވި އެވެ.

ބާރަށުގައި މިހާތަނަށް ޕޮޒިޓިވްވީ، އެންމެ ފުރަތަމަ ބަލި ޖެހުނު މީހުންނާ ކޮންމެވެސް ގޮތަކުން ގުޅުން އޮތް މީހުންނެވެ. އޭގެ ފަހުން ނެގި ރެންޑަމް ސާމްޕަލްތަކުން މިހާތަނަށް މީހަކު ޕޮޒިޓިވްވެފައި ނުވުމަކީ ރައްޔިތުންނަށް އޮތް ހަމަޖެހުމެކެވެ.

އެކަމަކު އާސިފް ވިދާޅުވީ އާއްމުންގެ ތެރޭގައި ބިރުވެރިކަން ވަރަށް ބޮޑު ކަމަށެވެ.