12 މާޗް 2021 - 09:01

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މި އަހަރު ގެނެސްދޭން ތައްޔާރުވަމުން އަންނަ ފިލްމު "ގަންގޫބާއީ ކަތިއަވާޅީ" ގެ އެސިސްޓަންޓް ޑައިރެކްޓަރުންގެ ގޮތުގައި، އޭނާ ޕްރޮޑިއުސްކުރި ފިލްމަކުން ބޮލީވުޑަށް ތައާރަފުވި ދެ ތަރިއަކު މަސައްކަތްކުރާކަން ކަށަވަރުވެއްޖެ އެވެ.
އެ ދެ ތަރިންނަކީ ބަންސާލީ ޕްރޮޑިއުސްކޮށް، މަންގޭޝް ހަޑަވާލޭ 2019 ގައި ޑައިރެކްޓްކޮށް ގެނެސްދިން "މަލާލް" ގެ ތަރިން ކަމަށްވާ މީޒާން ޖެފްރީ އާއި ޝަރުމިން ސޭގަލް އެވެ. މީޒާން އަކީ އެކްޓަރު ޖާވިދު ޖެފްރީގެ ދަރިއެކެވެ. ޝަރުމިން އަކީ ބަންސާލީ މިހާތަނަށް ގެނެސްދިން ގިނަ ފިލްމުތައް އެޑިޓްކުރި އޭނާގެ ކޮއްކޮ ބޭލާ ސޭގަލްގެ ދަރިއެކެވެ.
މީޒާނާއި ޝަރުމިން "ގަންގޫބާއީ" ގެ އެސިސްޓަންޓް ޑައިރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރާކަން ބައެއް މީޑިއާތަކުން ވެސް ކަށަވަރުކޮށް ދީފައިވެ އެވެ. އަދި ދެ ތަރިން ފިލްމުގެ ކްލިޕް ބޯޑާ އެކު ނަގާފައިވާ ފޮޓޯތަކެއް އާންމުކޮށްފައިވެ އެވެ.
މީޒާންގެ ކުރިއަށް އޮތް ފިލްމަކީ ޑައިރެކްޓަރު ޕްރިޔާދަރުޝަންގެ "ހަންގާމާ 2" އެވެ. އެ ފިލްމުގެ ކާސްޓްގައި ޝިލްޕާ ޝެޓީ އާއި ޕްރަނީތާ ސުބާޝް އަދި ޕަރޭޝް ރާވަލް ހިމެނެ އެވެ.
ޝަރުމިން ދާދި ފަހުން ވަނީ އޭނާގެ ދެވަނަ ފިލްމު، ޑައިރެކްޓަރު ހާޑިކް ގައްޖަރްގެ "އަދިތީ ބޫތޯ ބާވާ" ގެ ޝޫޓިން ނިންމާލައިފަ އެވެ. މި އަހަރުގެ ޖޫންގައި ރިލީޒްކުރާނެ ކަމަށް ބެލެވޭ އެ ފިލްމުގެ ކާސްޓްގައި ޕްރަތީކް ގާންދީ އާއި ޖެކީ ޝްރޮފް ވެސް ހިމެނެ އެވެ.
ބަތަލާ އާލިއާ ބަޓް ޓައިޓްލް ރޯލް ކުޅޭ "ގަންގޫބާއީ" ގެ އެސިސްޓަންޓް ޑައިރެކްޓަރުންގެ ގޮތުގައި މީޒާނާއި ޝަރުމިން މަސައްކަތްކުރާ އިރު އެ ފިލްމު ސިނަމާތަކަށް އަންނާނީ ޖުލައި 30 ގަ އެވެ. ބަންސާލީ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފިލްމުގެ މަސައްކަތް މި ވަގުތު އޮތީ މަޑުޖައްސާލައިފަ އެވެ.
ބަންސާލީ އަމީތާބް ބައްޗަނާއި ރާނީ މުކަރްޖީއާ އެކު 2005 ގައި ގެނެސްދިން "ބްލެކް" ގެ އެސިސްޓަންޓް ޑައިރެކްޓަރުންގެ ގޮތުގައި ރަންބީރް ކަޕޫރާއި ސޯނަމް ކަޕޫރް ވެސް މަސައްކަތްކޮށްފައިވެ އެވެ. އަދި ދެ ތަރިން ބޮލީވުޑަށް ނުކުތީ ބަންސާލީ 2007 ގައި ގެނެސްދިން "ސާވަރިޔާ" އިންނެވެ.