10 މާޗް 2021 - 11:37

ޖެނީވާ (މާޗް 10) - ކޮރޯނާވައިރަހަށް ތަފާތު ވެކްސިންތައް އުފައްދާފައިވާ އިރު ދުނިޔޭގެ 100 ގައުމެއްގައި މިހާރު ވަނީ 300 މިލިއަން މީހުން ވެކްސިން ޖަހައިފަ އެވެ.

ނަމަވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ވެކްސިން ޖަހަމުންދާ ނިސްބަތް ވަރަށް ތަފާތެވެ. ބައެއް ގައުމުތަކުން ވެކްސިން ހޯދައި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހިއިރު އަނެއްބައި ގައުމުތަކުން އަދިވެސް ތިބީ ފުރަތަމަ ޝިޕްމަންޓުގެ އިންތިޒާރުގަ އެވެ.
ދުނިޔެ: 305 މިލިއަން (ކޮންމެ 100 މީހަކަށް 3.9 ޑޯޒް)
އެމެރިކާ: 90 މިލިއަން (ކޮންމެ 100 މީހަކަށް 27.3 ޑޯޒް)
ޗައިނާ: 52.5 މިލިއަން (ކޮންމެ 100 މީހަކަށް 3.6 ޑޯޒް)
ޔޫކޭ: 23.5 މިލިއަން (ކޮންމެ 100 މީހަކަށް 35.2 ޑޯޒް)
އިންޑިއާ: 20.9 މިލިއަން (ކޮންމެ 100 މީހަކަށް 1.5 ޑޯޒް)
އިޒްރޭލް: 8.7 މިލިއަން (ކޮންމެ 100 މީހަކަށް 101 ޑޯޒް)
ޔޫއޭއީ: 5.6 މިލިއަން (ކޮންމެ 100 މީހަކަށް 63.4 ޑޯޒް)
ސައުދީ އަރަބިއާ: 1.3 މިލިއަން (ކޮންމެ 100 މީހަކަށް 3.8 ޑޯޒް)
ލަންކާ: 724,278 (ކޮންމެ 100 މީހަކަށް 3.4 ޑޯޒް)
ސިންގަޕޫރު: 565,000 (ކޮންމެ 100 މީހަކަށް 9.7 ޑޯޒް)
ރާއްޖެ: 165،000 (ކޮންމެ 100 މީހަކަށް 27 ޑޯޒް)
(ވެކްސިން ޖެހި އަދަދު ބަލާފައި ވަނީ ވެކްސިން ޑޯޒުގެ ނިސްބަތުންނެވެ. އެހެންވެ އާބާދީގެ ކޮންމެ 100 މީހަކަށް ބަލާ ނަމަ ވެކްސިން ޑޯޒުގެ އަދަދު 100 އަށް ވުރެ އިތުރުވާނެ އެވެ. އެއީ ކޮންމެ މީހަކަށް ދެ ޑޯޒް ޖަހަން ޖެހޭތީ އެވެ.)
މިއީ ދުނިޔޭގެ ތާރީޚުގައި ވެސް ހިންގާ ވެކްސިން ދިނުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ. ހުރިހާ ގައުމެއްގައި ވެސް ބޮޑެތި މީހުންގެ އާބާދީ އަށް ވެކްސިން ދޭން ވަނީ އަމާޒުކޮށްފަ އެވެ. އެންމެ ގިނައިން ވެކްސިން ޖަހާފައި ވަނީ އެމެރިކާ އާއި ޗައިނާ އެވެ. ދެން އިނގިރޭސިވިލާތެވެ. އެމެރިކާ އާއި ޔޫރަޕުގެ ހުރިހާ ގައުމެއްގައިހެން ވެކްސިން ދޭން ފަށާފައިވާ އިރު އެފްރިކާގައި ވެކްސިން ފަށާފައި ވަނީ މަދު ގައުމެއްގަ އެވެ. ފަގީރު ގިނަ ގައުމުތަކުން އިންތިޒާރު ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ކޮވެކްސް ސްކީމުން ލިބޭ ވެކްސިނަށެވެ. މި ސްކީމުން މި އަހަރު ނިމުމުގެ ކުރިން ދެ ބިލިއަން ޑޯޒުގެ ވެކްސިން އެކި ގައުމުތަކަށް ފޮނުވަން ވަނީ ނިންމައިފަ އެވެ.
ޑަބްލިއުއެޗްއޯ އިން އެންމެ ފުރަތަމަ ހުއްދަ ދިނީ ފައިޒާ ވެކްސިނަށެވެ. ގިނަ ގައުމުތަކުގައި މިހާރު ދެނީ ވެސް ފައިޒާ ވެކްސިނެެވެ.
ފައިޒާ: ބޭނުން ކުރާ ގައުމުގެ އަދަދު: 69
އޮކްސްފޯޑް/އެސްޓްރަޒެނެކާ - ބޭނުން ކުރާ ގައުމުގެ އަދަދު: 62
މޮޑާނާ - ބޭނުން ކުރާ ގައުމުގެ އަދަދު: 30
ސްޕުޓްނިކް ވީ - ބޭނުން ކުރާ ގައުމުގެ އަދަދު: 18
ސިނޯފާމް - ބޭނުން ކުރާ ގައުމުގެ އަދަދު: 18
ސިނޯވެކް - ބޭނުން ކުރާ ގައުމުގެ އަދަދު: 12
ޖެންސަން - ބޭނުން ކުރާ ގައުމުގެ އަދަދު: 1
ކޯވެކްސިން - ބޭނުން ކުރާ ގައުމުގެ އަދަދު: 1