ރޯދަ މަހު ކޮވިޑް ވެކްސިން ޖަހާނީ ރޭގަނޑު
ރޯދަ މަހު ކޮވިޑް ވެކްސިން ޖަހާނީ ރޭގަނޑު

ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިން، ކުރިއަށް އޮތް ރޯދަ މަހު ދޭނީ ރޭގަނޑު ކަމަށް ހެލްތު އިމަޖެންސީީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނެފި އެވެ.

އެޗްއީއޯސީގެ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ރޯދަ މަހު ވެކްސިން ޖަހައިދޭނެ ތަންތަނާއި ވަގުތު ފަހުން ހާމަކުރާނެ ކަމަށެވެ.

މިއަދު ރާއްޖޭގައި 7،862 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. އެއީ މާލެ ސަރަހައްދުން 4،083 މީހުންނާއި ރަށްރަށުން 3،779 މީހުންނެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު މިހާރު ވަނީ 165،000 އަށް އަރައިފަ އެވެ. އޭގެ ތެރެއިން، 95،000 އަށް ވުރެ ގިނަ މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ.

މިދިޔަ ފެބްރުއަރީ ފުރަތަމަ ދުވަހު ދޭން ފެށި ވެކްސިންގެ ފުރަތަމަ ޑޯޒް، ދެން ދޭނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ. އެއަށް ފަހު ދެ ވަނަ ޑޯޒް، މާލެ ސަރަހައްދުގައި ދޭން ފަށާނެ އެވެ. ދެ ވަނަ ޑޯޒް ދޭނީ، ފުރަތަމަ ވެކްސިން ޖެހިތާ އަށް ހަފުތާ ފަހުންނެވެ.

މާލޭގައި މި ވަގުތު ވެކްސިން ދޭ އަށް ތަނެއް އެބަހުއްޓެވެ. އަދި ވެކްސިން ޖަހާ މޮބައިލް ޓީމު ހަރަކާތްތެރިވެ އެވެ. ރަށްރަށުގައި ވެކްސިން ޖަހަނީ އެ ރަށެއްގެ ހެލްތު ސެންޓަރު ނުވަތަ ހޮސްޕިޓަލުގަ އެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި، ކޮވިޝީލްޑް ވެކްސިނެވެ. އޭގެ 100،000 ޑޯޒްގެ ވެކްސިން ހިލޭ ލިިބިފައިވާއިރު، އިތުރު އެއް ލައްކަ ޑޯޒް އިންޑިއާއިން ވަނީ ހަދިޔާކޮށްފައެވެ. އަދި 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު ވަނީ އެގްރިމަންޓް ހަދައިފަ އެވެ.

ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހަން ފެށިތާ އެއް މަހަށް ވުރެ ގިނަ ދުވަސްވީ ނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދުު އަދިވެސް މަދެއް ނުވެ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބަލި ފެތުރުން ކޮންްޓްރޯލް ކުރަން އަދިވެސް ގިނަ މީހުން ވެކްސިން ޖަހަން ޖެހޭ ކަމަށާއި ހާއްސަކޮށް، މާލެ ސަަހައްދުގައި އުޅޭ މީހުން ވެކްސިން ޖެހުން މުހިއްމު ކަމަށެވެ.