އިންޑިއާގެ ހަމައެކަނި އަންހެން ޓްރަކް މެކޭނިކް
އިންޑިއާގެ ހަމައެކަނި އަންހެން ޓްރަކް މެކޭނިކް

ޝާންތީ ދޭވީ، 50، އަކީ އިންޑިއާގެ ނިއު ދިއްލީގެ ސަންޖޭ ގާންދީ ޓްރާންސްޕޯޓް ނަގަރުގައި ހުންނަ އޭނާގެ އަމިއްލަ އޮޓޯމޮބައިލް ވޯކްޝޮޕެއްގައި މަސައްކަތްކުރާ އަންހެނެކެވެ. އޭނާ މަޝްހޫރުވެފައި ވަނީ އިންޑިއާގައި ހުރި ހަމައެކަނި ޓްރަކް މެކޭނިކްގެ ގޮތުގަ އެވެ. އެއީ އަށް ކުދިންގެ މަންމައެއްކަން އެނގުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބޭނެ އެވެ.

އޮޓޯމޮބައިލް މަސައްކަތަކީ ވަރަށް ބުރަ ކަމެއް ނަމަވެސް ދުވާލަކު 12 ގަޑިއިރު މި މަސައްކަތުގައި އުޅޭކަށް ޝާންތީ ދޭވީ އަށް އެއްވެސް ކަމަކަށް ނުވެ އެވެ.

އޭނާ އަދާކުރާ ވަޒީފާއަކީ ބުރަ މަސައްކަތެއްކަން ޚުދް ޝާންތީ ވެސް ގަބޫލު ކުރެ އެވެ. ނަމަވެސް އެ މަސައްކަތް އޭނާ ކުރަނީ ވަރަށް ކުރާ ހިތުން ލޯބިންނެވެ. އޭނާގެ ގަރާޖަށް ގެންނަ ބޮޑެތި ޓްރަކް ފަދަ ވެހިކަލްތަކުގެ ފުރޮޅު ނައްޓައި މަރާމާތުކޮށްދިނުމަކީ ޝާންތީއަށް އެއްވެސް ކަމެއް ނޫނެވެ.

ޝާންތީ އާއި އޭނާގެ ފިރިމީހާ ރާމް ބަހާދުރަކީ މަދްޔަ ޕްރަދޭޝްގެ ބައެކެވެ. އެމީހުން ދިއްލީއަށް ދިރިއުޅުން ބަދަލުކުރީ މީގެ 20 އަހަރު ކުރިންނެވެ.

މުޅިން އެހެން ރަށަކަށް ބަދަލުވެ އާ މަސައްކަތެއް ފެށުމަކީ މާޒީ އަށް ބަލާލާއިރު އެމީހުންނަށް ވަރަށް ރަނގަޅު ތަޖުރިބާތަކެއް ކުރެވުނު ކަމެއް ކަމަށް ޝާންދީ އާއި އޭނާގެ ފިރިމީހާ ގަބޫލު ކުރެ އެވެ. އަދި އޭނާއަކީ އިންޑިއާގައި ހުރި ހަމައެކަނި އަންހެން، ޓްރަކް މެކޭނިކޭ މީހުން ކިޔާތީ ވަރަށް އުފާވެ އެވެ.