އެނބުރޭ ވައިރޯޅި
އެނބުރޭ ވައިރޯޅި

އިންސާނުންނަކީ އަޖައިބެއް ކަހަލަ މަހުލޫގެކެވެ. ކިތަންމެ ފައިދާހުއްޓަސް ނުވަތަ ގެއްލުން ހުއްޓަސް، ކުރާހިތްވާ ކަމެއް ކުރެއެވެ. ކުރާހިތް ނުވާ ކަމެއް ނުކުރެއެވެ. ބައެއް ކަންކަން ކުރަމުން ގޮސް އެ ކަމަކަށް ދެވިހިފުމަކީ އިންސާނުން ތެރޭގައި ވަރަށް އާންމު ކަމެކެވެ. ދެވިހިފުމަކީ، ކަމެއް ހުއްޓައި ނުލެވޭ ވަރަށް އެ ކަމަކާ މެދު ޝައުގުވެރިކަން އުފެދުމެވެ. އެ ކަމުގައި އަހަރެން ވެސް އިސްތިސްނާއެއް ނުވެއެވެ. އަހަރެން އުޅެނީ ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައެވެ. ތޮށި މައްޗަށް މަސްބާނަން ދިޔުމަކީ އަހަރެންގެ ކަށީގައި ހިފި ކަމެކެވެ. ރައްޓެހިންނާ އެކުގައެވެ. އެކަނި ވިޔަސް ވެހެވެ. ކާން ނުލިބޭތީކީ ނޫނެވެ. މަސް ކާ ހިތަކުން ވެސް ނޫނެވެ. އެކަމަކު ރަތްދަކައަވީގައި، އެތައް އިރެއް ވަންދެން އަހަރެން މަސްބާނަން ހުންނަމެވެ. އުމުރުން ވިއްސަކަށް އަހަރު ފުރެންދެން އަހަރެން އެ ކަމެއްގައި އުޅުނީމެވެ.

އަހަރެން ޒުމްރާޔާ ކައިވެނިކުރީ އަހަރެންގެ އުމުރުން އެކާވީސް އަހަރުގައެވެ. ހަމަ އެކަނި ދަރިފުޅު ކަމުގައިވާ ހައިފާ ލިބުނީ އަހަރެންގެ އުމުރުން ތޭވީސް އަހަރުގައެވެ. ހައިފާ އުފަންވީ އަހަރެން އުޅެބޮޑުވި ޒަމާނަކަށް ނޫނެވެ. ހައިފާގެ ޒަމާނުގައި މޯބައިލް ފޯނާއި، ލެޕްޓޮޕާއި، އިންޓަނެޓާއި އަދި ކޭބަލް ޓީވީ ވެސް ހުރެއެވެ. ވީމާ، ބޭރުތެރޭ މަޖާ ކުޅިވަރުތަކަށް ހައިފާގެ މާ ބޮޑު ޝައުގުވެރިކަމެއް ނެތެވެ. ހައިފާގެ ހުރިހާ ވެސް އެއްޗަކީ ޓީވީއެވެ. ޓެބްލެޓެވެ. ގޭމެވެ. ކާން އިނަސް، ނިދަން އެނދަށް އެރިޔަސް، ހުސްވަގުތެއް ލިބޭ އިރަށް ވެސް ހައިފާ އުޅޭނީ ޓެބްލެޓުން އަތް ދޫކޮށް ނުލެވިގެންނެވެ. އޭނަގެ ދުނިޔެއަކީ އެއީއެވެ.

އަހަރުމެން ތިން މީހުންގެ އިތުރުން ދެން ގޭގައި އުޅެނީ އަހަރެންގެ މަންމައެވެ. މަންމައާއި ޒުމްރާއަކީ ވެސް ދުވަހަކު އެއްގަލަށް ނޭރުނު ދެ މީހުންނެވެ. މަންމަގެ އެހެން ދަރިން އުޅެނީ މީހުނާ އިނދެގެން ފިރިންގެ ގޭގައެވެ. ނުވަތަ އަނބިންގެ ގޭގައެވެ. މަންމަޔާ އެކުގައި އުޅެނީ އަހަންނެވެ. ބައްޕަ ނިޔާވުމުން ބައްޕަގެ ގެ އަލުން ހަދައި، މަންމަ ބޭނުންވީ އެ ގޭގައި، އަހަރެން ކައިރީގައި ހުންނާށެވެ. އެއީ ކިހާ ބޮޑު ނިއުމަތެއް ހެއްޔެވެ؟ ލޯ ކުރިމަތީގައި އަބަދު މަންމަ ހުރުމުން އަހަރެންގެ ލޮލަށް ފިނިކަން ލިބެއެވެ. މަންމަ މުސްކުޅިއެވެ. ކަންކަމަށް ބޭސްކާން ނުޖެހޭ ދުވަހެއް ނާދެއެވެ. އެކަމަކު މަންމަ އެންމެ ލޯބިވަނީ އަހަރެން ދެކެއެވެ. އެ ކަމާ އަހަރެން ވަރަށް އުފާވެއެވެ. އަހަރެންގެ ހިތާމައަކީ ވެސް ހަމަ އެއީއެވެ. އަހަރެން ޒުމްރާއާ ކައިވެނި ކުރުމުން މަންމައަށް ހީވަނީ މަންމަ އެންމެ ލޯބިވާ ދަރިފުޅު އެހެން އަންހެނަކު ޖަހައިގަނެގެން ގެންދިޔައީ ހެންނެވެ. ޒުމްރާ ދެކެ މަންމަ އަންނަނީ އެ ރުޅިއެވެ. އޭގެ ސަބަބުން މަންމައަށް ކަމުދާ ގޮތަކަށް ޒުމްރާއަކަށް އެއްވެސް ކަމެއް ކުރެވޭ ކަމަކަށް ނުވެއެވެ. ޒުމްރާ ވަރަށް ކެތް ގަދައެވެ. އަހަރެންގެ މަންމައަށް ވީތީ، ހުރިހާ ގޮތަކުން ވެސް މަންމައަށް ދޫ ދެއެވެ. އެހެނަސް ހައްދުން ނައްޓައިގެން ދާ ފަހަރު ޒުމްރާއަށް ރޮވެއެވެ. ކުޑަކޮށް ޝަކުވާ ވެސް ކުރެއެވެ. އެކަމަކު ދެވަނަ ސިކުންތުގައި ޒުމްރާ ހިތް ތިރިކުރެއެވެ. އަނެއްކާ ދޭތެރެއަކުން ކުންޏެއް ޖެހެއެވެ. ވީމާ ކުޑަ އިރު ޓީވީން އަހަރެން ދުށް ޓޮމް އެންޑް ޖެރީ ކާޓޫނު ދެން ތަމްސީލުވާން ފެށީ ގޭތެރެއިންނެވެ.

ކިޔަވަން ފެށުމުން ހައިފާގެ ދުވަހު ތާވަލު ރާވަނީ ޒުމްރާއެވެ. ހައިފާގެ މަންމައެވެ. ބައެއް ކަންކަން ރޭވިފައި ހުންނަ ގޮތް ކަމުނުގޮސްގެން އަހަރެން ބުނަމެވެ. ފަހު ބަސް ބުނަން ދޫކޮށްލަނީ ޒުމްރާއަށެވެ. ޒުމްރާއަކީ ވެސް އަންހެނަކަށް ވީތީ އަންހެން ދަރިފުޅަށް އެންމެ ހެޔޮ ގޮތް އެނގޭނީ ޒުމްރާއަށް ކަމަށް ބަލައިފައެވެ.

ހިތާމައާއި އުފަލަކީ ހަޔާތުގެ ދެ ފައްޔެވެ. ދިރިއުޅުން ކުރިއަށް ދާނީ އެ ދެ ފަލިން ޖަހައިގެންނެވެ. ކޫސަނި ކަންކަން ކުރިމަތިނުވާ އެކަކު ވެސް ނުހުންނާނެއެވެ. އަހަރެންގެ ޝަކުވާއެއް ނެތެވެ. ދިމާވާ ކަންކަމާ ކުރިމަތިލަމުން، ކަންކަން ހައްލުކުރަމުން އަހަރެން ކުރިޔަށް ދިޔައީމެވެ. ހަޔާތުގެ ބައްތެލި ފަރަށް އަރައިފާނެކަމަކަށް އަހަރެން ފަހަރެއްގައި ވެސް ހިޔެއް ނުކުރަމެވެ. މަހުޖަނަކަށް ނުވިޔަސް އަހަންނަކީ އަތްމަތި ދަތި މީހެއް ނޫނެވެ. ވީމާ، ހަތަރު އުދަރެސް ފެނުޖެހޭ ވަރުގެ ކަމެއް އަހަންނަކާ ކުރިމައްޗެއް ނުވާނެއެވެ. ކޮންމެ ކަމަކަށް ވެސް އަހަންނަށް ކޮންމެވެސް ހައްލެއް ހޯދޭނެއެވެ. ހީކުރީ އެހެންނެވެ.

ހައިފާއަކީ މަޖާ މިޒާޖެއްގެ ކުއްޖެކެވެ. އަވަހަށް މީހުންނާ ރައްޓެހިވާ، ދައްކަން ހުންނަ ވާހަކަ ހުސްނުވާ، އެއްތާކު ހިމޭނުން ގިނަ އިރު ނުހުންނަ ކުއްޖެކެވެ. އެއް ތާކު އިށީނދެގެން އިންނަން ހައިފާ ފޫހިވެއެވެ. ޓެބްލެޓު ހިފައިގެން ވެސް ހައިފާއަކަށް ހިމޭނަކުން ނީނދެވޭނެއެވެ. ސޯފާގައި އިށީނުމާއެކު ތެދުވާނެއެވެ. ދުވެފައި ގޮސް އެނދަށް އަރާނެއެވެ. ގޭގައި ހުސް ޖާގަ އޮތުމާއެކު، ގޭތެރޭ ދުވެ ސަކަރާތްޖެހުމަށް ހައިފާ ލޯބިކުރެއެވެ. ހިނގެން ފެށީއްސުރެ ކަން އޮންނަނީ އެހެންނެވެ. ކަމެއް ނެތިއްޖެއްޔާ އޮންނާނީ ހައިފާ މާމަގެ ބިއްދޮށަށް އަރައެވެ. އެ ތަނުގައި މާމަޔާ ވާހަކަދައްކަން ކިތަންމެ އިރަކު ވެސް ހައިފާ އޮވެދާނެއެވެ. ކުޅެއިން އިނަސް، ކާން އިނަސް، ނިދަން އެނދުގައި އޮތަސް ދޫ މައިތިރިއެއް ނުވާނެއެވެ. ބައެއް ފަހަރު ކޮށްލާ ސުވާލުތަކުން އަހަރެން ވެސް ބަސް ހުސްވެފައި އިންނަމެވެ.

އިނގެރޭސި ކާޓޫނު ސިލްސިލާއެއް ކަމުގައިވާ "މައި ލިޓްލް ޕޯނީ" އަކީ އެ ދުވަސްވަރު ހައިފާ އެންމެ މަގުބޫލު ކާޓޫނެވެ. ހައިފާއަކީ މެދުމިންގަނޑު ދަންނަ ކުއްޖެއް ނޫނެވެ. އެއްޗެއް މަގުބޫލުވެއްޖެއްޔާ އެ ނޫން އެހެން އެއްވެސް އެއްޗެއް ހައިފާއަކަށް ކަމަކުނުދާނެއެވެ. ކާއެއްޗަކަސް، ބޯއެއްޗަކަސް ނުވަތަ ވާހަކަފޮތެއް ވިޔަސް ވެހެވެ. ގަޔާވެއްޖެއްޔާ އެ ދެން ނިމުނީއެވެ. މައި ލިޓްލް ޕޯނީއަށް ހައިފާ ގޮސް ހުސްވި ވަރަކީ، އެ ނޫން އެއްޗެއް އޭނަ ނުކުރަހައެވެ. ނުބަލައެވެ. ފިހާރަޔަކުން ދަބަހެއް، ފޮތެއް، ޓީޝާޓެއް ނުވަތަ އިންޓަވަލް ހަމެއް ގަތަސް މައި ލިޓްލް ޕޯނީ ނޫން އެއްޗެއް ހައިފާއަކަށް ކަމަކުނުދެއެވެ. ހައިފާއަކީ އަހަރެންގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. އޭނަ ދެކެ އަހަރެން ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. ވީމާ، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ވެސް އަހަރެން ގަނެދެނީ އެޔެވެ. ފައިވާނާއި، ބާލީސްއުރަޔާއި، އެނދުގައި އަޅާފައި އޮންނަ ފޮތިގަނޑާއި، ކޮޓަރީގެ އެތައް މިތަނުގައި ހުންނާނީ އެ ކާޓޫނުގައި އުޅޭ ކުލަކުލައިގެ އަސްތަކާއި ޖަނަވާރުތަކެވެ. ހައިފާ ގެންގުޅޭ ޓެބްލެޓުގައި ވެސް ހުންނާނީ އޭގެ ގޭމުތަކެވެ. ލަވަތަކެވެ. ކާޓޫނުތަކެވެ. ބައެއް ފަހަރު އެ ކަމާ އަހަންނާއި ޒުމްރާ ހިޔާލު ތަފާތުވެއެވެ.

"ތިހެން އުޅެނިކޮށް ދެވިހިފާފާނެ!" ޒުމްރާ އެއް ފަހަރަކު ބުންޏެވެ.

އަހަރެންނަށް ހީނގަނެވުނެވެ. ޒުމްރާއަކީ އެހާ ކަޓު ހިޔާލު ހުންނަ މީހެއް ކަމަކަށް އަހަރެން ކުރިން ހިޔެއް ނުކުރަމެވެ.

"ހިފައިފިއްޔާ ނައްޓާލާނީ!" ސަމާސާ ރާގަކަށް އަހަރެން ބުނީމެވެ.

"މީ ސަމާސާއެއް ނޫނޭ!" ޒުމްރާ ވަރަށް ސީރިއަސްވެފައި ބުންޏެވެ. "އަހަރުމެން ކުޑަ އިރު މަންމަ.."

"ޒުމްރާ!" ޒުމްރާ ދެއްކި ވާހަކަ މެދުކަނޑައިލައިފައި އަހަރެން ބުނީމެވެ. "މީ އެ ޒަމާނެއް ނޫނޭ! މިހާރު ކޮންމެ ކުއްޖަކު ވެސް ކުޑައިރުއް ސުރެ ފޭވަރިޓް ކާޓޫން ކަރެކްޓަރުން ގެންގުޅޭނެ. ޕީޓާޕޭން، މިކީމައުސް، ރެޕަންޒަލް ނުދަންނަ ކުއްޖަކު ނުހުންނާނެ. ބޮޑުވާ ވަރަކަށް އެ ކަން ދާނީ ބަދަލުވަމުން. ދެން އަންނާނީ ސްޕަމޭން، ވޮންޑަރވުމަން، ޑޮކްޓަރ ހޫ. ޖިންނި އަވަލަވާ ކަމަށް އަހަރެން އެއްބަސް. އެކަމަކު ދެވިހިފައިގަނެގެން ނެއްޓެން ނޭނގިގެނެއް ނޫޅޭނެ. އަހަރެން ކުރިން މަސްބާނަން ތޮށިމަތީގަ ހުންނަނީ. މިހާރު ހުންނަން؟"

ޒުމްރާގެ ނަޒަރުގައި އެއްވެސް އެއްޗަކާ ހެދި ހައިފާ އުޅޭ ވަރަށް އުޅޭކަށް ނުވާނެއެވެ. ޒުމްރާ އެހެން ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. ކުޅެން އުޅޭ އިރު ވެސް ހައިފާއާ އެއްކޮށް ކުޅެން "އުޅޭނީ" މައި ލިޓްލް ޕޯނީގައި އުޅޭ ކޮންމެވެސް އަހެކެވެ. ނުވަތަ ޔުނިކޯނެކެވެ. ބައެއް ފަހަރު ހައިފާ ހިނގާފައި ދާނީ އަސްތައް ދިރިއުޅޭ ބަގީޗާގެ ތެރެއިންނެވެ. ބައެއް ފަހަރު އެ ދުނިޔެއަށް ހައިފާ ގެއްލެއެވެ. އަހަރުމެން އުޅުނެއްކަމަކު ހައިފާގެ ހުރިހާ ވެސް ބަޔަކީ އެ ކާޓޫނުގައި އުޅޭ ޖަނަވާރުތަކެވެ. އެއްފަހަރަކު ހުވަފެނުން އަހަކަށް ކޮންމެވެސް އަނިޔާއެއް ވެގެން ހައިފާ ރޮމުން ހޭލިއެވެ. ޕޯނީ އައްޗިޔޭ ވެސް ހައިފާ އެއްދުވަހަކު ބުންޏެވެ. ޒުމްރާ އެ ކަންކަން ވަރަށް ފާހަގަކުރެއެވެ. އަހަރެން ބެލީ އެއީ އާދައިގެ ކަމެއް ކަމުގައެވެ. އެއީ ކުޑަކުދިންގެ މިޒާޖުކަމުގައެވެ.

ހައިފާގެ އުމުރުން ހަތް އަހަރު ފުރުނުތާ ދެތިން މަހެއް ފަހެވެ. ހަނދާންވާ ގޮތުގައި އެއީ އިސްކޫލު ބަންދު ދުވަސްވަރެކެވެ. އަހަރުމެން ތިން މީހުން ނިދަނީ އެއްކޮޓަރީގައެވެ. އެއް އެނދެއްގައެވެ. އެންމެ ފުރަތަމަ ހޭލާނީ ހައިފާއެވެ. އަހަރުމެންނަށް ހޭލެވޭނީ ހައިފާ ހޭލާ ފަހުންނެވެ. އެ ދުވަހު އަހަރެން ހޭލި އިރު ގަޑިން ހެނދުނު ނުވައެއް ޖަހަނީއެވެ. އަހަންނަށް ހޭލެވުނު އިރު ޒުމްރާ އުޅެނީ ފާހާނައިގައެވެ. ހައިފާ އޮތީ ނިދާފައެވެ. ހައިފާ ރަނގަޅަށް ވާހަކަދައްކަން ފެށި ފަހުން ދުވަހަކު ވެސް ހައިފާއަށް ވުރެ ކުރިޔަކުން އަހަންނަކަށް ނުހޭލެވެއެވެ. ހެނދުނު ހައެއްޖަހާ އިރު ހޭލިޔަސް ހައިފާ އިންނާނީ އޭނަގެ ކުޅޭ ސާމާނު އެއްކޮށްގެން، އެކަނިމާއެކަނި ކުޅޭށެވެ. ކުޅެން އިންނަ އިރު ހައިފާ ވާހަކަދައްކައެވެ. ބައެއް ފަހަރު ހައިފާ ބުނެލާ އެއްޗެހިން، ހައިފާ ގާތުގައި އެހެން މަހުލޫގެއް އިންނަންހެން ވެސް ހީވެއެވެ. އެއީ ކުޑަކުދިން އާންމުކޮށް ކުރާ ކަމެކެވެ. ކުޅުމުގެ ބޭނުމުގައެވެ. އެހެން އެއްވެސް ސަބަބެއް ނެތެވެ. ޔަގީނުން ވެސް އަހަރެން ދުށީ އެ ގޮތަށެވެ. ހައިފާގެ އެ ފަދަ މަންޒަރުތަކަށް އަހަރެން އާދަވިޔަސް، ހައިފާ ނުހޭލައި އޮތް ތަން ފެނުމުން އަހަރެން ހައިރާންވިއެވެ. ހިތަށްއެރިއެވެ. އެހެން ވެގެން ނުވާނެއެވެ. ހައިފާއާ ދިމާއަށް އެނބުރިގެން އެ ކަމާ ވިސްނަން އޮއްވައި ކުއްލިއަކަށް ހައިފާ ލޯ ހުޅުވައިލިއެވެ. ނިދާފައި އޮންނަ ކުއްޖަކު ލޯހުޅުވާހެނެއް ނޫނެވެ. ލޯމަރައިލައިގެން އޮތް ކުއްޖަކު ލޯހުޅުވާހެންނެވެ.

ނުނިމޭ