14 އަހަރަށް ފަހު ލޯ ޖަރުމަނު ޓީމު ދޫކޮށްލަނީ
14 އަހަރަށް ފަހު ލޯ ޖަރުމަނު ޓީމު ދޫކޮށްލަނީ

މިއުނިކް (މާޗް 9) - މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ޖަރުމަނު ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށްލަން ޔަކީމް ލޯ ނިންމާފައިވާ ކަމަށް ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.

އުމުރުން 61 އަހަރުގެ ލޯ އެންމެ ފުރަަތަމަ ހުރީ 2004 އިން ފެށިގެން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް ޖަރުމަނު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށެވެ. އެ ފަހަރު ވޯލްޑް ކަޕަށް ފަހު ޖަރުމަނު ކޯޗުކަމުން އޭރުގެ ކޯޗު ޔާގެން ކްލިންސްމަން ވަކިވުމުން ދެން އެ ޓީމާ ހަވާލުވީ ލޯ އެވެ.

މިދިޔަ 14 އަހަރު ތެރޭ ލޯ ވަނީ ޖަރުމަނުގައި ރަނގަޅު ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެކަމަކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ހިސާބުން ލޯގެ މުސްތަގުބަލާ މެދު ސުވާލު އުފެދި އޭނާ އަށް ޕްރެޝަރު ބޮޑުވާން ފެށި އެވެ. އެކަމަކު އޭރު ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް ލޯ ބަހައްޓަން ނިންމައިފަ އެވެ.

ޖަރުމަނު ކޯޗުގެ މަގާމުން ވަކިވާނެކަން އިއުލާނުކުރުމަށް ފަހު ލޯ ބުނީ ގައުމީ ޓީމުގައި ހޭދަކުރި މުއްދަތުގައި ކުރި ހުރިހާ މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށެވެ. ލޯ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނަށް ކާމިޔާބުކޮށްދީފަ އެވެ.

ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ފްރިޓްޒް ކެލާ ވިދާޅުވީ ވަގުތު އޮއްވައި ލޯ މަގާމުން ވަކިވާނެކަން އެންގުމަކީ ގައުމީ ޓީމަށް ރަނގަޅު ކޯޗެއް ހޯދަން ލިބިގެންދިޔަ ފަސޭހައެއް ކަމަށެވެ.

ލޯ ބުނީ މި އަހަރު ޖޫން 11 އިން ފެށިގެން އެއް މަސް ދުވަހަށް ކުރިއަށްދާ ގޮތަށް ތާވަލުކޮށްފައިވާ ޔޫރޯ އަށް ޖަރުމަނު ނުކުންނާނީ ތަށްޓައް އަމާޒުކޮށް ކަމަށެވެ.

"ޔޫރޯގައި ސަޕޯޓަރުން އުފާވާނެވަރުގެ ކާމިޔާބެއް ހޯދަން އަހަންނަށް ކުރެވުނުހާ މަސައްކަތެއް ކުރާނަން،" ލޯ ބުންޏެވެ.

މި ފަަހަރުގެ ޔޫރޯގައި ޖަރުމަނު އޮތީ ހަންގޭރީ އާއި ޕޯޗުގަލް އަދި ފްރާންސާ އެއް ގްރޫޕެއްގަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ލޯގެ ބަދަލުގައި ޖަރުމަނުން ދެން ގެންނަން މަސައްކަތްކުރަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނުން ކާމިޔާބުކުރިިއިރު، އޭރު ލޯގެ އެސިސްޓަންޓް ކޯޗަކަށް ހުރި މިހާރު ބަޔާން މިއުނިކްގެ ހެޑް ކޯޗު ހަންސީ ފްލިކް ނޫނީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އެވެ. ފްލިކް ވަނީ ދާދި ފަހުން ބަޔާނާ އެކު ހަ މުބާރާތުގެ ތަށި އުފުލާލުމަށް ފަހު އެ ކްލަބާ އެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ކްލޮޕް ވަނީ މުސްތަގުބަލުގައި ޖަރުމަނު ކޯޗަކަށް ވުމުގެ ފުރުސަތު ލިބިއްޖެނަމަ އޭގެ އަށް ވިސްނާނެ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ދާދި ފަހުން ކްލޮޕް ވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ލިވަޕޫލާ އެކު ހަދާފައިވާ ކޮންޓްރެކްޓަށް އިހުތިރާމްކުރާނެ ކަމަށް ބުނެފަ އެވެ.

އެންމެ ފަހުން ކުޅުނު މެޗުތަކުގައި ލިވަޕޫލްގެ ނަތީޖާތައް ގޯސްވެފައިވާއިރު، މި ސީޒަން ނިމުމުން ކްލޮޕް ލިވަޕޫލް ދޫކޮށްލާނެ ކަމަށް ޖަރުމަނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެކަމަކު އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކްލޮޕް ވަނީ ލިވަޕޫލްގައި މަޑުކުރަން ނިންމައި އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރަން ގެންނާނެ ކުޅުންތެރިންގެ ޕްލޭންތަކެއް ހަދައިފަ އެވެ.