09 މާޗް 2021 - 19:23

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެމްބަރުން އަމަލު ކުރުމަށް 2014 ވަނަ އަހަރު ސުޕްރީމު ކޯޓުން ނެރުނު ގައިޑްލައިން، މުއާހަދާތަކާ ހިލާފު ކަމަށާއި އޭގެ ސަބަބުން މެމްބަރުންގެ މަދަނީ އަދި ސިޔާސީ ހައްގުތަކަށް އުނިކަން އައިސްފައިވާ ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީން ކަނޑައަޅައިފި އެވެ.
އެޗްއާރުސީއެމްގެ މެމްބަރުންނާ ދެކޮޅަށް ސުޕްރީމް ކޯޓުން 2014 ވަނަ އަހަރު ބެލި ސުއޯ މޯޓޯ މައްސަލައިގައި ވަނީ، މެމްބަރުން އަމަލުކުރާނެ ގޮތުގެ 11 ނުކުތާގެ ގައިޑްލައިނެއް ކަނޑައަޅައިފަ އެވެ. އެއީ އެޗްއާރުސީއެމުން އދ. އަށް ހުށަހެޅި ރިޕޯޓެއްގެ ސަބަބުން އަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަން ގެއްލޭ ކަމަށް ބުނެ އެވެ. ސުޕްރީމް ކޯޓުން އޭރު ނިންމި ގޮތުގައި ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގެ ދެ ވަނަ ސައިކަލްއަށް ހުށަހެޅި އެ ރިޕޯޓަކީ ގާނޫނާ ހިލާފު، ވަކިކޮޅަކަށް ބުރަވެފައިވާ ރިޕޯޓެކެވެ.
ސުޕްރީމް ކޯޓުގެ މި ހުކުމާއި ގައިޑްލައިނުގެ މައްސަލަ، އެތަނުން 2016 ގައި ވަނީ އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅައިފަ އެވެ. މައްސަލަ ހުށަހެޅުއްވީ އެ ކޮމިޝަނުގެ ކުރީގެ މެމްބަރުން ކަމުގައިވާ އަހުމަދު ތޮލާލާއި ޖީހާން މަހުމޫދެވެ. އަދި ކޮމިޓީން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ މައްސަލަ ބަލައި، މިދިޔަ މަހުގެ ތެރޭގައި ސަރުކާރާ ވަނީ ހިއްސާކޮށްފަ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި އެޗްއާރުސީއެމުން މަސައްކަތްކުރިއަށް ގެންދާނެ ގޮތާއި އދ.އަށް މައުލޫމާތު ހިއްސާކުރުމުގައި އެ ކޮމިޝަނުގެ ދައުރު ހަނިވެގެންދާ ގޮތަށް، އަމަލުކުރަން ޖެހޭ ވަކި ގައިޑްލައިނެއް ސުޕްރީމު ކޯޓުން ކަނޑައެޅުމުން، އެ ކޮމިޝަނުގެ މެމްބަރުންނަށް މަދަނީ އަދި ސިޔާސީ ހައްގުތަކަށް އުނިކަން އައިސްފައިވާކަން ކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ.
އަދި ސުއޯ މޯޓޫ މައްސަލައިގައި ނެރުނު ގައިޑްލައިނަކީ، ޝަކުވާ ހުށަހަޅާފައިވާ ފަރާތްތަކުގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު، ގައިދުކުރުން ކަމަށް ވެސް ކޮމިޓީން ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ. އަދި އެޗްއާރުސީއެމަށް ކޯޓުން ކޮށްފައިވާ ތުހުމަތުތަކާއި ފާހަގަކޮށްފައިވާ ކަންކަމަކީ، މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާގެ ތަރަހައިގެ ތެރެއިން ކަނޑައެޅޭ، ވަކި ކަމެއް ހާސިލްކުރުމަށް ގައިދުކޮށްފައިވާ ގައިދުކުރުމެއް ކަމަށް ނުބެލެވޭނެ ކަމަށް ވެސް ކޮމިޓީން ކަނޑައަޅާފައިވާ ކަމަށް އޭޖީން ބުންޏެވެ.
"އަދި މުސްތަގްބަލުގައި މި ފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއްކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ." އޭޖީގެ ނޫސް ބަޔާނުގައި ބުންޏެވެ.
އެޗްއާރުސީއެމްގެ މައްޗަށް ސުޕްރީމު ކޯޓުން ނެރުނު ގައިޑްލައިންގެ ގާނޫނީ ބާރު ނިމުމަކަށް ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅީ 2019 ވަނަ އަހަރު އެވެ. އެ އިސްލާހު މިދިޔަ ސެޕްޓެމްބަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމުން، ގައިޑްލައިންގެ ބާރު ވަނީ ކެނޑިފަ އެވެ.