09 މާޗް 2021 - 18:09

ފިލިޕީންސް ލީގުގައި ކުޅެފައިވާ ޖަޕާނުގެ މިޑްފީލްޑަރެއް ކަމަށްވާ ޓަކާޝީ އޮޑަވާރާ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އަށް ސޮއިކޮށްފި އެވެ.
އުމުރުން 28 އަހަރުގެ ޓަކާޝީ ވަނީ މާޒިޔާގެ މިހާރުގެ ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗާ އެކު ފިލިޕީންސް ލީގުގެ ސެރެސްގައި މަސައްކަތްކޮށްފަ އެވެ. ސެރެސް އިން މިދިޔަ އަހަރު ފިލިޕީންސް ލީގާއި ކަޕް ކާމިޔާބުކުރި ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ޓަކާޝީ ގެންނަން މާޒިޔާ އިން ނިންމީ ކުރިއަށް އޮތް އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުންނެވެ.
ޓޯކިޔޯ ޔުނިވާސިޓީ ޓީމުގައި ޔޫތު ކެރިއަރު ހޭދަކުރި ޓަކާޝީ އެންމެ ފުރަތަމަ ކުޅުނީ 2015-2017 އަށް ފިލިޕީންސް ލީގުގެ ޖޭޕީވީ މަރިކީނާ އަށެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ފިލިޕީންސް ލީގުގެ ޑަވާއޯ އަގީއަސް އަށް ކުޅުމަށް ފަހު 2019-2020 ގައި ކުޅުނީ ސެރެސް އަށެވެ. މާޒިޔާ އަށް ބަދަލުވުމުގެ ކުރިން އޭނާ އެންމެ ފަހުން ކުޅެފައިވަނީ އިންޑޮނީޝިއާގެ ޕާސިބް ބަންޑުން އަށެވެ. އެ ޓީމާ އެކު އޭނާ ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ކުޅެފަ އެވެ.
މާޒިޔާ އިން މި ސީޒަން ފެއްޓީ ބިދޭސީ ތިން ކުޅުންތެރިންނާ އެކު އެވެ. އެއީ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓާއި ސާބިއާގެ ކީޕަރު ނިކޮލަ ވުޔަނަކް އަދި އެ ޓީމުގެ ޑިފެންޑަރު ޕީޓަ ޕްލަނިޗް އެވެ. އޭއެފްސީ ކަޕަށް މާޒިޔާގެ ބައެއް ބިދޭސީ ކުޅުންތެރިން ބަދަލުވާނެ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އަންނަ މެއި މަހު ކުޅޭ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް ހޯސްޓްކުރާނީ ރާއްޖޭގަ އެވެ. ރާއްޖޭން އެ ގްރޫޕްގެ މެޗުތައް ބޭއްވުމުގެ ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ. ގްރޫޕް ސްޓޭޖުގެ ޖާގަ މި ވަގުތު ކަށަވަރުކޮށްފައިވަނީ މާޒިޔާގެ އިތުރުން އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. ބާކީ އޮތް ޖާގަ ލިބޭނީ ކޮލިފައިން ކާމިޔާބުކުރާ ޓީމަކަށެވެ.
ކޮލިފައިންގައި މި ފަހަރު ރާއްޖޭގެ އީގަލްސް ވާދަކުރާނެ އެވެ. މިދިޔަ އަހަރުގެ ކޮލިފައިން ކާމިޔާބުކުރީ މާޒިޔާ އިންނެވެ. އެއީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި އިންޑިއާގެ ބެންގަލޫރު ކަޓުވާލުމަށް ފަހު އެވެ. އެކަމަކު މިދިޔަ އަހަރު ކޮވިޑް-19ގެ ސަބަބުން އޭއެފްސީ ކަޕް ކުރިއަށް ގެންދެވޭނެ ގޮތެއް ނުފެނިގެން އޭއެފްސީން އެންމެ ފަހުން ނިންމީ މުބާރާތް ކެންސަލްކުރާށެވެ. އެ ގޮތަށް ނިންމީ ސެންޓްރަލައިޒްކޮށް ވެސް ހުރިހާ މެޗުތައް ބޭއްވޭނެ ގޮތެއް ނުފެނިގެންނެވެ. ސެންޓްރަލައިޒްކޮށް ބޭއްވި ނަަމަ މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ ބާކީ މެޗުތައް ހޯސްޓްކުރާ ގޮތަށް ހަމަޖެހިފައި އޮތީ ރާއްޖޭގަ އެވެ.
މިދިޔަ ޖެނުއަރީ މަހު ފަހުކޮޅުން ފެށިގެން މާލެ ސަރަހައްދުގައި އަނެއްކާ ވެސް ކޮވިޑް-19ގެ ކޭސްތައް ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅުތަކުގެ ތެރެއިން މިދިޔަ މަހު ތިން ވަނަ ދުވަހު ވަނީ ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލައިފަ އެވެ. މި މަހު 21 ވަނަ ދުވަހު ލީގު ފެށުމުގެ އަމާޒުގައި އެފްއޭއެމާއި އެޗްޕީއޭ އިން ހެދި ހާއްސަ ގައިޑްލައިނެއްގެ ތެރެއިން މިހާރު ކްލަބްތަކުގެ ޕްރެކްޓިސް ވަނީ ފަށައިފަ އެވެ.