13 ނޮވެމްބަރ 2016 - 06:17

ހަމުގައި ލައް ޖަހާފައި ހުރުމަކީ ޒުވާން އަންހެނުން ހިތްހަމަނުޖެހޭ ކަމެކެވެ. ނަމަވެސް ބައެއް މީހުންގެ ހަންގަނޑުގެ ބާވަތުން ހަމުގެ ތަފާތު މައްސަލަތަކާ ކުރިމަތިލާން ޖެހެ އެވެ.

ބްލެކްހެޑްސް އަކީ ވެސް ވަރަށް ގިނަ ޒުވާނުންނަށް ދިމާވާ މައްސަލައެކެވެ. ހިރަފުހާއި ތެޔޮ އެކުވެ އިސްތަށިތަކުގެ ބުޑުތަކަށް ޖަމާވުމުން އެތަންތަނުން ކަޅުކުލައިގެ ތިކިތައް ފާޅުވާން ފަށަ އެވެ.

ބްލެކްހެޑްސް އަށް ބޭނުންކުރަން އަގުބޮޑު ޓޯނާ އާއި ސްކްރަބްސް އަދި ސްޓީމާ ފަދަ ތަކެތި ހުރި ނަމަވެސް ގުދުރަތީ ފަރުވާއަކުން މި ތަކެތި ނައްތާލެވިއްޖެ ނަމަ ޖީބަށް ބާރު ކުޑަވެފައި ހަންގަނޑަށް ވެސް ކެމިކަލްގެ އަސަރުކުރާލެއް ކުޑަވާނެ އެވެ. އެހެންކަމުން ތިރީގައި މިވާ ބައެއް ރިމެޑީޒްގެ އަޖުމަ ބަލާލުން ރަނގަޅުވާނެ އެވެ.
ލުނބޯ މެދުން ފަޅިކޮށްލާފައި އެއް ފަޅިއަށް މާމުއި ފޮދެއް އޮއްސާލާށެވެ. ދެން އޭގެ މައްޗަށް ދޯބުރާލި ހަކުރުކޮޅެއް ބުރުވާލާށެވެ. އަދި ހަމުގައި ބްލެކްހެޑްސް ހުރި ހިސާބުގައި ލުނބޯ ކިބަ ހާކާ މަސާޖުކޮށްލާށެވެ. ހަފުތާއަކު އެންމެ ފަހަރަކު މި ފަރުވާ ދިނުމަށް ރަނގަޅު ނަތީޖާއެއް ފެންނާނެ އެވެ.
ޕެޓްރޯލިއަމް ޖެލީ އަކީ ހަންގަނޑަށް ގިނަ ގުނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ. މި ފަރުވާ ދޭން އެންމެ ރަނގަޅީ ހޫނު ފެނުން ފެންވަރާލުމަށް ފަހުގަ އެވެ. އޭރުން އިސްތަށިތަކުގެ ބުޑުތައް ހުންނާނީ ހުޅުވިފަ އެވެ. ބްލެކްހެޑްސް ހުރި ހިސާބުގައި ވެސްލީން ހާކާފައި ޕްލާސްޓިކް ފޮއިލްކޮޅަކުން އެތަން ބަންދުކޮށްލާށެވެ. އެއަށްފަހު ތުވާލިކޮޅެއް ހޫނު ފެނަށް ލާ ފޯކޮށްލުމަށްފަހު ފެލާލާފައި ޕްލާސްޓިކް ފޮއިލް މަތީގައި އަޅާލާފައި ތުވާލި މުޅިން ހިހޫވަންދެން ބަހައްޓާށެވެ. އެއަށްފަހު ޕްލާސްޓިކް މާސްކް ވެސް ނަގާފައި ޓިޝޫއަކުން ވެސްލީންތައް ފޮހެލާށެވެ. ދެން މަޑުމަޑުން ބްލެކްހެޑްސްތައް ފިއްތާލުމުން ހައިރާންވާހާ ފަސޭހައިން ނެގޭނެ އެވެ.
ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައި ހުންނަހާ ކާށިތެޔޮ މައިކްރޯވޭވުން ހޫނުކޮށްލާފައި އޭގެ ތެރެއަށް 10 ތިކި އެސެންޝަލް އޮއިލް ޖަހާށެވެ. އެ މީހަކަށް އެންމެ ކަމުދާ ތެލެއް ރަނގަޅުވާނެ އެވެ. ލުނބޯހުތް ނުވަތަ ޓީ ޓްރީ އޮއިލް ވެސް ރަނގަޅެވެ. ރަނގަޅަށް ދެބައި އެއްކޮށްލުމަށް ކަފަކޮޅެއް ތެލުން ތެންމާލާށެވެ. އަދި މި ތެޔޮ ކޮންމެ ދުވަހަކު ހެނދުނު ޓޯނާއެއް ގޮތަށް ބޭނުންކުރާށެވެ.
ސައިސަމުސަލެއްގެ މުގުރާ ހިމުންކޮށްފައި ހުރި ފޮނިތޮއްޓާއި ހަމަ އެހާ ވަރަށް އޯޓްސް ފުށް އެއްކުރާށެވެ. ދެން ފެންފޮދެއް ޖަހައިގެން ރަނގަޅަށް އޮލަ ކްރީމަކަށް ވަންދެން އެއްކުރާށެވެ. ދެން ބްލެކްހެޑްސް ނަގާފައި ހުރި ހިސާބުތަކުގައި މި ކްރީމުން މިނިޓެއްހާއިރު ވަންދެން ސްކްރަބް ކުރުމަށްފަހު ފިނިކޮށް ހުރި ފެނުން ދޮވެލާށެވެ. މިއީ މަހަކު ދެ ފަހަރަކު ދޭން ރަނގަޅު ފަރުވާއެކެވެ.
ސައިސަމުސަލެއްގެ އެލޫވެރާ ޖެލް އާއި ދެ ސައިސަމުސަލުގެ ވައިޓް ކްލޭ އެއްކުރާށެވެ. ދެން ސަމުސަލެއްހާ ޑިސްޓިލްޑް ވޯޓާ އެއްކުރާށެވެ. އަދި ހައެއްކަ ތިކި އެސެންޝަލް އޮއިލް ޖަހާށެވެ. މި ފޭސް މާސްކް ބްލެކްހެޑްސް ހުންނަ ހިސާބުގައި ހާކާފައި 10 މިނިޓް ބެހެއްޓުމަށްފަހު ހޫނުފެނުން ދޮވެލާށެވެ. މިއީ މަހަކު ދެ ފަހަރު ދިނުމުން ނަތީޖާ ފެންނާނެ ފަރުވާ އެކެވެ.
ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައި އޯޓްމީލް، ދެ ސައިސަމުސަލުގެޔޯގަޓް، ދެ ސައިސަމުސަލުގެމާމުއި އަދި ހަމަ އެހާ ޒައިތޫނިތެޔޮ ފުޑް ޕްރޮސެސާއެއްގައި ރަނގަޅަށް ބްލެންޑްކޮށްލާށެވެ. އަދި ދެ މިނިޓް ވަންދެން އިނގިލިތަކުގެ ކުރިން ވަށްބުރަށް ވާ ގޮތަށް މަސާޖުކުރުމަށްފަހު ހޫނު ފެނުން ދޮވެލާށެވެ. ސެންސިޓިވް ހަންގަނޑެއް ނަމަ ފޭސް މާސްކެއް ގޮތަށް އުނގުޅާފައި ހަތް މިނިޓް ވަންދެން ބަހައްޓާފައި ދޮވެލާށެވެ.
ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައި ހަކުރާއި ހަމަ އެހާ ބްރައުން ޝުގާ ބޯތައްޓަކަށް އަޅައި ރަނގަޅަށް އެއްކުރާށެވެ. ދެން އޭގެ ތެރެއަށް ސައިތޫނިތެލާއި މޭޒުމަތީ ސަމުސަލެއްގެ މާމުއި އަޅާ ރަނގަޅަށް ގަށާށެވެ. އަދި ސައިސަމުސަލެއްގެ ދެބައިކުޅަ އެއްބައި ހުންނަހާ ވެނީލާ އެކްސްޓްރެކްޓް އަޅާ އެއްކޮށްލާށެވެ. ރަނގަޅަށް އޮމާންވާ ވަރަށް އެއްވުމުން ސްކްރަބް އެއް ގޮތަށް ބްލެކްހެޑްސް ހުރިހިސާބުތަކުގައި ހާކާށެވެ. އަދި ހޫނުފެނުން ދޮންނާށެވެ. މި ފަރުވާ ހަފުތާއަކު އެއްފަހަރު ދިނުން ރަނގަޅުވާނެ އެވެ.