15 މާޗް 2021 - 11:21

ސިޔާސީ ބޭފުޅުން އަބަދުވެސް ހީކުރައްވާނީ އާންމު ރައްޔިތުންނަކީ "މޮޔައިން" ކަމަށެވެ. އަމިއްލަ ފައިދާއަށް ކުރައްވާ ކަންކަން ވެސް ސިއްރުކުރައްވަން އެހާމެ މަސައްކަތް ކުރައްވަ އެވެ. އާ ގާާނޫނުއަސާސީއާ އެކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މުސާރަ ބޮޑުވެ، "މިނިވަންވެ"، ރައްޔިތުންގެ "ހައްގުގައި" އަޑުއުފުލާ ކަމަށް، ވެރިކަން ކުރާ ޕާޓީތަކާއި އިދިކޮޅު ޕާޓީތަކުން ބުންޏަސް، ގިނަ ފަހަރަށް ކަން ވެފައި އޮތީ، ކަން ވަމުން ދަނީ ވެސް އެ މަގަކުންނެއް ނޫނެވެ.
މަޖިލިހުގެ މެމްބަރުންގެ މެޖޯރިޓީ ކޮންޓްރޯލްކުރަން އަބަދުވެސް އޮންނަނީ "ފިލި ޖަހަން" ވެފަ އެވެ. އެއީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހޯދާ މުދަލާއި ހިދުމަތުގެ ތެރެއިން ކަމަށް ވިޔަސް، ސީދާ ނަގުދު ފައިސާއިން ކަމަށް ވިޔަސް، އެ ސަގާފަތް، ރާއްޖޭގެ ތާރީހުގައި އޭގެ ކުރިން ނުދެކޭހާ ލަދުވެތިކަން ބޮޑު ގޮތެއްގައި އުފެދިގެން އައީ 2008ގައި ލިބުނު އާ ގާނޫނުއަސާސީގެ ފަހުންނެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އެކަމަކު ރައްޔިތުންގެ މަޖިލިހުގެ އަގުލަބިއްޔަތު އޮތުގެ އިތުރުން އާންމުންގެ ތެރޭގައި ވެސް އޭރު ވަރުހުރި، ރޫހު ބޮޑު އިިދިކޮޅު ޑީއާރުޕީގެ ކޯލިޝަން ފުނޑާލަން ބައެއް މެމްބަރުން "ގަތް" ގޮތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލިހުގެ މެމްބަރުން ހިފެހެއްޓުމުގެ އުކުޅެއްގެ ގޮތުން، އަޑިއަޑިން ދިން މަޝްރޫއުތަކާއި ވިޔަފާރީގެ ފުރުސަތުތަކެވެ. އެހެންކަމުން ވަކި ޕާޓީއެއް، ވަކި ވެރިއެއް އިސްތިސްނާއެއް ނުވެ އެވެ. ކިތައްމެ ރީތި ގާނޫނުއަސާސީއަކާއި މިނިވަން މުއައްސަސާތަކެއްގެ ނަމުގައި ގައުމީ އިދާރާތަކެއް ހިންގިޔަސް، އަސްލު މަސައްކަތުގައި އޮތީ "ވިކުންކަން" މިދިއަ 13 އަހަރު ދިވެހިންނަށް ވަނީ ތަޖުރިބާކުރެވިފަ އެވެ. އަދި މިހާރު ވެސް މި ދަނީ ތަޖުރިބާކުރަމުންނެވެ.
މިހާރު ވެސް ރައްޔިތުންގެ މަޖިލިހުގެ އެތައް މެމްބަރުންނެއް، އެ ބޭފުޅުން ސީދާކޮށާއި ނުސީދާކޮށް ކުރައްވާ އެކި ވިޔަފާރިތަކަށް ފަސޭހަވާނެ، ފައިދާ ލިބޭނެ ކިތައްމެ އުކުޅެއް ބޭނުންކުރައްވަ އެވެ. އެއީ ހުޅުމާލޭއިން ވެލްނެސް ސެންޓަރެއް އަޅަން ހާއްސަކުރި ބިމެއް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހިއްސާވާ ކުންފުންޏަކަށް ލިބުމާ ހަމައިން ހުއްޓިފައި އޮތް އެޑްވާންޓޭޖްތަކެއް ނޫނެވެ. އާންމުންނަށް ތިލަނުވާ ކިތައްމެ ކަމެއް ހިނގަމުން ދެ އެވެ.
ވެލްނެސް ސެންޓަރާ އެކު ކްލިނިކެއް ވެސް ހިމެނޭ ގޮތަށް އިމާރާތްކުރަން ހާއްސަކުރި ބިމަށް ބިޑް ހުށައެޅީ ރޮޒައިނާ އާއި ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ސްކޭން ޑޮކްޓަރު އައިމިނަތު ނަޒީރުގެ ހިއްސާ އޮންނަ ޑީވައިއެމް އާއި މެޑިކުއިޕް އިންނެވެ. މެޑިކުއިޕްގެ އެއް ހިއްސާދާރަކީ، އެމްޑީޕީގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްގެ އަނބިކަނބަލުންނެވެ. އެހެންކަމުން މި ބިޑްގައި "ތަޅާފޮޅަން" މި ޖެހުނީ އެމްޑީޕީގެ ދެ މެމްބަރެއްގެ ކުންފުނިތަކަށެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ނުފޫޒު އޮވެގެން ރޮޒައިނާގެ ކުންފުންޏަށް ބިން ލިބުނީ ކަމަށް، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުގެ މަގުސަދަކީ، ވަރަށް ސާފުކޮށް އެނގޭ ގޮތުގައި، ރޮޒައިނާ ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮޅުގައި ކަމަށް ވުމެވެ.
އެކަމަކު ވިޔަފާރީގެ ދާއިރާގެ ބައެއް މީހުން ބުނާ ގޮތުގައި ހަގީގަތުގައި މި ބިޑްގައި މައްސަލަތަކެއް ވެސް އެބަ ހުއްޓެވެ. އެއް ކަމަކީ އެވަރުގެ ޕްރޮޖެކްޓެއް ދޭވަރުގެ ތަޖުރިބާ ހުރި ބަޔަކަށް ޑީވައިއެމް ނުވުމެވެ. ރޮޒައިނާގެ ބަހުން އެނގޭ ގޮތުގައި އެއީ އޭނާގެ ބައްޕަ އުވާލަން ތައްޔާރުވެފައި އޮތް ކުންފުންޏެކެވެ. އެކަމަކު "ބިޑް ލާން އެހާ ކައިރިވެފައި އޮއްވާ [އާ ކުންފުންޏެއް ހަދަންޏާ] ވަރަށް ގިނަ ޕްރޮސީޖާތައް އޮންނާނެ" ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ޑރ. އައިމިނަތު ނަޒީރަށް ހިއްސާ ދެއްވައިގެން، އޭނާގެ ސިއްހީ ދާއިރާގެ ތަޖުރިބާ، ކުންފުނީގައި ހިމެނީ އެވެ.
ބިމު ކުއްޔަށް ހުށައެޅި އަގަށް ބަލާ ކަމަށްވަންޏާ ޑީވައިއެމް އުޅެނީ މާ ކުރީގަ އެވެ. ބިޑްގެ 50 ޕަސެންޓް މާކްސް ލިބެނީ ވެސް އަގަށް ކަމަށް ވާ އިރު ޑީވައިއެމްގެ އަކަފޫޓަކަށް 35ރ. އަކީ ފަސް އަހަރަށް އެޗްޑީސީ އަށް 16 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މެޑިކުއިޕް އިން އެކި އަހަރުތަކަށް ބަހާލައިގެން އަކަފޫޓަކަށް 22ރ، 23، އަދި 24ރ. ހުށައެޅިޔަސް ފަސް އަހަރުގެ ތެރޭގައި އެޗްޑީސީ އަށް ލިބެނީ 10 މިލިއަން ރުފިޔާ އެވެ.
އެކަމަކު މެޑިކަލް ދާއިރާގެ އެއްވެސް ކަމެއްގައި ހަރަކާތްތެރިވުމާއި ތަޖުރިބާ އަށް ބަލާ ކަމަށް ވަންޏާ މެޑިކުއިޕް އަކީ ޑީވައިއެމް އަށް ވުރެ ބޮޑު ބައެކެވެ. އަދި މާލީ ގޮތުން ވެސް ގާބިލް ކުންފުންޏެކެވެ.
މި ބިޑް ދިޔަ ގޮތުން އުފެދޭ އެންމެ ސީރިއަސް އެއް ސުވާލަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކުން ސަރުކާރާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ މަޝްރޫއުތަކަށް ކުރިމަތިލުމާއި ސީދާކޮށާއި ނުސީދާކޮށް ނުފޫޒު ފޯރުވާ ހެއްޔޭ އެވެ؟ އަނެއް ސުވާލަކީ އާންމު ވިޔަފާރިވެރިންނަށް ކިހާ ބޮޑެތި ހުރަސްތަކެއް ދިމާވާނެ ހެއްޔެވެ؟
ރޮޒައިނާ ވިދާޅުވެފައިވާ ގޮތުގައި އަމިއްލަ ނަމުގައި ވިޔަފާރިއެއް ހިންގުމަކީ މަޖިލީސް މެންބަރަކަށް ވުމަކުން ހުރަސްއެޅޭ ކަމެއް ނޫނެވެ. އަދި "ގަވައިދާއި އުސޫލުގެ ތެރެއިން [އެފަދަ ކަމެއް] ކުރުމަކީ ލިބިގެންވާ ހައްގެއް" ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ދެއްވި ޔަގީންކަމަކީ، ހުޅުމާލޭގެ ބިޑް ކާމިޔާބުކުރުމުގައި ފައްޔާޒުގެ ނުފޫޒެއް ހޯއްދަވާފައިނުވާނެ ކަމެވެ.
ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒަކީ ތަފާތު ވިޔަފާރިތައް ހިންގަވާ ބޭފުޅެކެވެ. މެމްބަރުންގެ ކުންފުނިތަކުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަޝްރޫއުތަކަށް ކުރިމަތިލުމުން ނުފޫޒުގެ މައްސަލަ ދިމާވާ ކަމަށް ކުރި ސުވާލަށް އޭނާ ވެސް ދެއްވީ ރޮޒައިނާގެ ޖަވާބެވެ: ވިޔަފާރިކުރުމަކީ މެމްބަރުންނަށް މަނާ ކަމެއް ނޫނެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި ހުޅުވާލާފައިވާ ބިޑެއްގައި، މާކްސް ދޭނެ ގޮތް ވެސް ކަނޑައެޅި އާންމުވެފައިވާ ހާލަތުގައި، މެމްބަރެއްގެ މަސްލަހަތު އޮންނަ ކުންފުނިތަކުން ވާދަކުރުމަކީ "އެއްވެސް މައްސަލައެއް ނޫނެ"ވެ.
"ރަނގަޅަށް ކުރިއަށް ގެންދާ ބިޑްތަކުގައި ނުފޫޒެއް ބޭނުމެއް ނުކުރެވޭނެ. އޭގައި [މެމްބަރުންގެ ކުންފުނިތަކުން ބިޑްކުރުމުގައި] އެއްވެސް އިޝޫއެއް ނެތް،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މެމްބަރުންގެ ނުފޫޒު ބޭނުންކޮށްގެން ބިޑްތައް ކާމިޔާބުކުރަންޏާ އެކަންކަން ހާމަކުރާނެ މީޑިއާތަކާއި މިނިވަން މުއައްސަސާތައް އޮންނަ ނަމަ، އެއީ އެކަންކަން ހުއްޓުވަން ވަރަށް ބޮޑު ބާރަކަށް ވާނެ އެވެ.
ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރެއްގެ ކަންބޮޑުވުމަކީ ވަކި މަސައްކަތްތަކުގެ ތަޖުރިބާކާރު މީހުންނަށާއި ވިޔަފާރިތަކަށް ވެސް ބިޑްތައް ކާމިޔާބުކުރަން އުނދަގޫކަން އެނގި ސިޔާސީ މީހުންނާ ގުޅޭ ހިސާބަށް ދިއުމެވެ. އެއީ ބޮޑު މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"[ނަންތައް އުނިކޮށް] މީސްމީހުންނަކީ ކުރިންސުރެ ވެސް މެޑިކަލް ކަންކަމުގައި އުޅޭ މީހުން. އެކަމަކު [ނަންތައް އުނިކޮށްފައި] ނެތް ސިޔާސީ މީހަކާ ނުގުޅި ވަކި ކަމެއް ކުރެވޭކަށް،" ތަޖުރިބާކާރު ވިދާޅުވި އެވެ.
"އެހާ ހިސާބުން އަސްލު ނިޒާމް އެބަ ގޯސްވޭ. އެގޮތަށް އާންމުކޮށް ވިސްނޭ ގޮތް ވުމަކީ ވެސް މައްސަލައެއް."
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ވިޔަފާރިކުރެވެ އެވެ. އެ ހައްގު އުނިކުރެވޭނެ ކަމަކަށް ވެސް ނުފެނެ އެވެ. އެކަމަކު ރާއްޖޭގައި ސިޔާސީ ނުފޫޒުން ކަންކަން ކުރުން މިހާރު ވަނީ ވަރަށް ބޮޑު އާދައަކަށް ވެފަ އެވެ. ވިޔަފާރި އާއި ސިޔާސީ މަސައްކަތާ އެކުވެ، ފުރުސަތުތައް ތަނަވަސްވާން އޮތީ ސިޔާސީ މީހުންނާ ގުޅިގެންކަން އާންމުކޮށް ވިސްނޭ ގޮތް ވުމުގެ ނުރައްކާ ބޮޑެވެ. އޭރުން އަބަދުވެސް އޮންނާނީ ނުފޫޒެވެ.
ހިޔާނާތުގެ މުގޫތައް ގިނަވެ، ފުންވެފަ އެވެ.