ޗައިނާ އިން "ވައިރަސް ޕާސްޕޯޓް" ތައާރަފްކޮށްފި
ޗައިނާ އިން "ވައިރަސް ޕާސްޕޯޓް" ތައާރަފްކޮށްފި

ބެއިޖިން (މާޗް 9) - ޗައިނާ އިން ބައިނަލްއަގުވާމީ ދަތުރުތައް ކުރަން ބޭނުންވާ މީހުންނަށް "ވައިރަސް ޕާސްޕޯޓް" ގެ ނަމުގައި ހެލްތު ސެޓިފިކެޓެއް ތައާރަފްކޮށްފި އެވެ.

ޑިޖިޓަލް ސެޓިފިކެޓުން އެ މީހެއްގެ ވެކްސިނޭޝަން ހާލަތާއި ވައިރަސް ޓެސްޓްތަކުގެ ނަތީޖާ އެނގޭނެ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ އެ ސެޓިފިކެޓް ދޫކުރަން ނިންމީ އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގެ ވޮލިއުމް އިތުރުކޮށް ޓޫރިޒަމުން ދުނިޔޭގެ އިގްތިސާދަށް މަންފާ ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ. އެ ސެޓިފިކެޓް ބޭނުން ކުރާނީ ޗައިނާ މީހުން އެތެރޭގެ އަދި ބައިނަލްއަގުވާމީ ދަތުރުތައް ކުރުމަށް ފަސޭހައަކަށެވެ. އެއީ ދަތުރު ކުރާ ކޮންމެ މީހަކަށް މަޖްބޫރު ލިޔުމެއް ނޫނެވެ.

ޗައިނާގެ ޓޫރިސްޓުން އެ ސެޓިފިކެޓާ އެކު އެހެން ގައުމުތަކަށް ދަތުރު ކުރުމުން އެ ގައުމުތަކުން އެ ލިޔުމާ މެދު އަމަލު ކުރާނެ ގޮތެއް ނޭނގެ އެވެ. ރަސްމީ ނޫސް އެޖެންސީ ޒިންހުއާ އިން ބުނެފައި ވަނީ ޗައިނާގެ ސެޓިފިކެޓުގައި ހިމެނޭ އެންކްރިޕްޓްކޮށްފައިވާ ކިޔުއާރް ކޯޑުން އެ މީހެއްގެ ސިއްހީ ހުރިހާ މައުލޫމާތެއް ކޮންމެ ގައުމަކަށް ވެސް ބަލާލެވޭނެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި ޗައިނާ އިން ތައާރަފްކުރި ލިޔުމަކީ ދުނިޔޭގެ ފުރަތަމަ "ވައިރަސް ޕާސްޕޯޓް" އެވެ. ސެޓިފިކެޓް ދޫކޮށްފައިވާ މީހާގެ ފޯނުގައިވާ އެޕުން، އެ މީހަކު ހުރި ތަނަކާއި ޕޮޒިޓިވް މީހަކާއި ކޮންޓެކްޓްވެފައި ނުވާ ނަމަ އަދި ވައިރަސް ފެތުރޭ ސަރަހައްދަކަށް ދަތުރުކޮށްފައި ނުވާ ނަމަ، "ފެހި ކޯޑެއް" ލިބޭނެ އެވެ. އެ ކޯޑް ލިބުމުން އޭގެ މާނައަކީ އެ މީހަކު އެ ހުރީ ވައިރަހުގެ އަސަރެއް ނެތި ރަނގަޅު ސިއްހަތެއްގައި ކަމެވެ.

އެ ބާވަތުގެ ސެޓިފިކެޓެއް ދޫކުރުމުގެ ޕްލޭންތައް ގެންގުޅޭ ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި އިނގިރޭސި ވިލާތް ހިމެނެ އެވެ. ޔޫރަޕިއަން ޔޫނިއަން އިން ވެސް އަންނަނީ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް "ފެހި ފާސް" ދޫކުރަން ވިސްނަމުންނެވެ. އެ ފާހުން އީޔޫގެ އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރެވޭނެ އެވެ.