ވަޒީރުންނަށް މަޖިލީހުން ބިރުދައްކާ ކަމަށް މަލީހު ވިދާޅުވުމުން އިމްތިޔާޒް ކޮމެޓީ އަށް ހާޒިރު ކުރަނީ
ވަޒީރުންނަށް މަޖިލީހުން ބިރުދައްކާ ކަމަށް މަލީހު ވިދާޅުވުމުން އިމްތިޔާޒް ކޮމެޓީ އަށް ހާޒިރު ކުރަނީ

ކޮމިއުނިކޭޝަންސް މިނިސްޓަރުގެ މަގާމުން ދާދިފަހުން ވަކިކުރި މުހައްމަދު މަލީހު ޖަމާލް ރައްޔިތުންގެ މަޖިލީހާ ބެހޭގޮތުން ކުރެއްވި ތުހުމަތުތަކާ ގުޅިގެން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމެޓީ އަށް އޭނާ ހާޒިރުކުރަން ނިންމައިފި އެވެ.

ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުން މަލީހު މަގާމުން ވަކިކުރީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ހުށަހަޅައިގެންނެވެ. އެ މައްސަލާގައި މަޖިިލީހުގައި ޖަވާބުދާރީވަމުން މަލީހު ވިދާޅުވެފައިވަނީ މަޖިލީހުން ސަރުކާރުގެ ބައެއް ވަޒީރުންނަށް ބިރު ދައްކަމުންދާ ކަމަށެވެ. ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވީ ވެސް ބިރު ދެއްކުމުން ކަމަށް މަލީހު ވިދާޅުވި އެވެ.

މަލީހުގެ އެ ތުހުމަތަކީ މަޖިލީހުގެ ކަރާމާތާއިި ގަދަރަށް އުނިކަން ލިބޭ ކަމެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިމްތިޔާޒް ކޮމެޓީ އަށް އެ މައްސަލަ ފޮނުއްވައިފަ އެވެ.

މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމީ ބެލުމަށް އެ ކޮމެޓީ އަށް ހާޒިރު ކުރުމަށެވެ. އަދި ވީހާ ވެސް އަވަހަކަށް އޭނާ ހާޒިރުކުރަން ނިންމި އެވެ.

މަލީހުގެ އިތުރުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެންޓިލޭޓަރުތަކާ ބެހޭގޮތުން މަޖިލީހަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނާ މައްސަލައެއް ވެސް އިމްތިޔާޒް ކޮމެޓީން އަންނަނީ ބަލަމުންނެވެ.

މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނު ބުނާގޮތުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމަކީ ނުވަތަ މަޖިލީހުގެ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ނުވަތަ މަޖިލީހަށް ދޮގު މައުލޫމާތު ދިނުމަކީ ޖޫރިމަނާ ނުވަތަ ޖަލު ހުކުމް އަންނާނެ ފަދަ ކުށެކެވެ. އެކަމަކު އިމްތިޔާޒް ގާނޫނުގެ ދަށުން މިހާތަނަށް އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައެއް ނުވެ އެވެ.