13 ނޮވެމްބަރ 2016 - 06:13

އެކްޓަރު-ޕްރޮޑިއުސަރު ސަނީ ޑެއޯލް ދެން އުފައްދާ ފިލްމެއް ކޮއްކޮ ބޮބީ ޑެއޯލްއަށް ދޭނީތޯ ނުވަތަ ދަރިފުޅު ކަރަން ޑެއޯލް ތައާރަފްކުރާ ފިލްމަކަށް އެ ފިލްމު ހަދާނީތޯ ނިންމަން ސަނީ އަށް އުނދަގޫ ކަމަކަށް ވެއްޖެ އެވެ.
ފަހަކަށް އައިސް ބޮބީގެ ފިލްމީ ކެރިއަރު ވަނީ ވަރަށް ބޮޑަށް ވަޅުޖަހާފަ އެވެ. އަދި އޭނާ ކުޅޭނެ ފިލްމެއް އެއްގޮތަކަށް ވެސް މިހާރަކު ނުލިބެ އެވެ. އެހެންވެ ބޮބީ އަށް އެހީތެރިވާން ވެސް ސަނީ ބޭނުމެވެ. އެއާއެކު ދަރިފުޅުގެ ފިލްމީ ކެރިއަރު ފަށައިދޭން ވެސް ބޭނުންވެ އެވެ. އެންމެފަހުން ވަރަށް ވިސްނާފައި ސަނީ ނިންމީ ދަރިފުޅު ފިލްމީ ދުނިޔެއަށް ތައާރަފްވާ ފިލްމަށް އިސްކަން ދިނުމަށެވެ.
ސަބަބަކީ ބޮބީގެ ފިލްމަކަށް ވުރެ ދަރުމެންދުރަ އާއިލާގެ ތިން ވަނަ ޖީލުގެ އެކްޓަރެއް ތައާރަފްވާ ފިލްމަކަށް ބެލުންތެރިން މާ ބޮޑު ތަރުހީބެއް ދޭނެކަން ޔަގީން ވާތީ އެވެ.
އެގޮތުން ކަރަން އަށް ސަނީ ޕްރޮޑިއުސްކޮށްދޭ "ޕަލް ޕަލް ދިލްކޭ ޕާސް" އަންނަ އަހަރުގެ ޖެނުއަރީމަހު ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަނީ ފަށާފަ އެވެ.
ބޮބީ ވެސް ޗަންގޭޒް ޚާން ކިޔާ މީހެއްގެ ބައޮޕިކެއް ކުޅެން ވަރަށް ބޮޑަށް ފަލަވެ ބަނޑުވެސް އެހާމެ ބޮޑުކޮށް ތުނބުޅިދިގުކޮށް ހެދިފަހުން ފިލްމު ވަނީ ހުއްޓިފަ އެވެ. އެންމެ ފަހުން މާޔޫސްވެގެން ބޮބީ ވަނީ ތުނބުޅި ބާލައި ބަނޑުވެސް ހިންދާލަން މަސައްކަތްތަކެއް ފަށައިފަ އެވެ.