09 މާޗް 2021 - 12:19

ކޮވިޑް-19 އިން ރައްކާތެރިވާން އިއްޔެ ވެކްސިން ޖެހި މީހެއްގެ ހާލު ކުއްލިއަކަށް ދެރަވެ، އިތުރު ފަރުވާ ދެނިކޮށް މަރުވުމުން، އެ މައްސަލަ ބަލަން ފަށައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެ އިދާރާ އިން ބުނީ އއ. މާޅޮސް، 45 އަހަރުގެ އެ ފިރިހެން މީހާއަށް އެ ރަށުގައި އިއްޔެ ވެކްސިން ދީފައިވާ ކަމަށެވެ. އަދި އޭނާ ދޯންޏެއްގައި ދަތުރުކުރަނިކޮށް ހާލު ދެރަވުމުން އިތުރުފަރުވާ އަށް ގެންދިޔައީ ކ. ހިންމަފުއްޓަށް ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. އޭނާ މަރުވީ މިއަދު ހެނދުނު 9:13 ގަ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖަހާފައިވާ މީހަކު މަރުވެއްޖެ ނަމަ، އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ބަލަމުން އަންނަ ކަމަށް އެ އިދާރާ އިން ބުންޏެވެ. ވެކްސިން ޖެހުމަށް ފަހު މަރުވި ނަމަވެސް އެކަމުގައި ސީދާ ގުޅުމެއް ނެތް ކަމަށް އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ.
ކޮވިޑް ވެކްސިން ޖެހި މީހަކު މީގެ ކުރިން ވެސް މަރުވެފައި ވެ އެވެ. އެ މައްސަލަ ވެސް އެޗްޕީއޭ އިން އަންނަނީ ތަހުގީގުކުރަމުންނެވެ.
ވެކްސިން ޖަހަން ފެށީ މިދިޔަ މަހުގެ ފުރަތަމަ ދުވަހެވެ. މިހާތަނަށް 157،813 މީހަކަށް ވެކްސިން ޖަހާފައިވާ އިރު، އިއްޔެ އެކަނި ވެސް 6،170 މީހުން ވެކްސިން ޖަހާފައި ވެ އެވެ.