އޭއެފްސީ ކަޕްގެ މޮޅު ޑިފެންޑަރުންގެ ތެރޭގައި އަކޫ
އޭއެފްސީ ކަޕްގެ މޮޅު ޑިފެންޑަރުންގެ ތެރޭގައި އަކޫ

އޭއެފްސީ ކަޕްގެ ޑްރީމް ޓީމެއް ހޮވުމުގެ ގޮތުން ހުޅުވާލި އޮންލައިން ވޯޓިން ޕޯލެއްގައި މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ހިމެނިއްޖެ އެވެ.

އޭއެފްސީ ކަޕްގެ މޮޅު ޑިފެންޑަރުންގެ ތެރޭގައި އަކޫ
އޭއެފްސީ ކަޕްގެ މޮޅު ޑިފެންޑަރުންގެ ތެރޭގައި އަކޫ

އަކޫ އަކީ މި ޝޯޓްލިސްޓުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ހަމައެކަނި ކުޅުންތެރިޔާ އެވެ. ދެން ގިނައިން ހިމެނެނީ އޭޝިއާގެ ވެސްޓް ޒޯނަށް ނިސްބަތްވާ ގައުމުތަކުގެ ކުޅުންތެރިންނެވެ.

އޭއެފްސީ ރަސްމީ ވެބްސައިޓްގައިވާ ގޮތުން އޮންލައިން ވޯޓަކުން ހޮވާ ޑްރީމް ޓީމު އެކުލަވާލަނީ 3-4-3 ފޯމޭޝަނަށެވެ. އޭއެފްސީ ވެބްސައިޓް މެދުވެރިކޮށް ކުރިއަށްދާ މި ވޯޓުގައި އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖެހުމާ ހަމައަށް އަކޫ އަށް ވޯޓު ދެވޭނެ އެވެ. އޭއެފްސީން ވަނީ 12 ޑިފެންޑަރުން މި ޕޯލްގައި ޝޯޓްލިސްޓުކޮށްފަ އެވެ.

އަކޫ އެންމެ ފުރަތަމަ އޭއެފްސީ ކަޕްގައި ކުޅެފައިވަނީ އޭނާގެ އުމުރުން އެންމެ 17 އަހަރުގަ އެވެ. އެއީ 2005 ވަނަ އަހަރު ނިއު ރޭޑިއަންޓުން އޭއެފްސީ ކަޕްގެ ސެމީ ފައިނަލްގައި ކުޅުނު ފަހަރު އެވެ. އޭއެފްސީ ކަޕްގެ 10 މުބާރާތެއްގައި މިހާތަނަށް އަކޫ ވަނީ ކުޅެފަ އެވެ. އުމުރުން 33 އަހަރުގެ އަކޫ، ނިއުގެ އިތުރުން އޭއެފްސީ ކަޕްގައި ދެން ކުޅެފައިވަނީ ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ވިކްޓްރީ އަދި ޓީސީ ސްޕޯޓްސް ކްލަބަށެވެ.

އޭއެފްސީ ވެބްސައިޓްގައިވާ ގޮތުން އަކޫ ވަނީ މިހާތަނަށް އޭއެފްސީ ކަޕްގައި 25 މެޗު ކުޅެފަ އެވެ. އަކޫ އަކީ މި ވަގުތު ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ސީނިއާ އެއް ކުޅުންތެރިޔާ އެވެ. އަކޫ އަކީ 2018 ވަނަ އަހަރު ސާފް ސުޒުކީ ކަޕް ޗެމްޕިއަންކަން ހޯދި ގައުމީ ޓީމުގެ ކެޕްޓަނެވެ. އޭގެ 10 އަހަރު ކުރިން ފުރަތަމަ ފަހަރަށް ރާއްޖޭން ސަރަހައްދުގެ ޗެމްޕިއަންކަން ހޯދި ޓީމުގައި ވެސް އަކޫ ހިމެނެ އެވެ.

މި ވަގުތު ކްލަބް ވެލެންސިއާ އަށް ކުޅެމުން އަންނަ އަކޫ އަކީ ކްލަބް ކެރިއަރުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ.

މިދިޔަ އަހަރު އޭއެފްސީން ކުރިއަށް ގެންދިޔަ އޮންލައިން ޕޯލްތަކުގައި ދިވެހި ފުޓްބޯޅަ ސަޕޯޓަރުން ވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަށް ބޮޑު ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އެ ގޮތުން އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލުގެ މަގާމާއި އޭއެފްސީ ކަޕުގެ މޮޅު ގޯލު ހޮވުމުގެ ބްރެކެޓް ޗެލެންޖް ކާމިޔާބުކުރީ ދަގަނޑޭ އެވެ. މި ދެ ޕޯލުން ވެސް ދަގަނޑޭ އަށް ކުރި ލިބުނު ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް ޖެހި ގޯލެވެ.