އެޓަލަންޓާ އަތުން އިންޓަ އަށް އުނދަގޫ މޮޅެއް
އެޓަލަންޓާ އަތުން އިންޓަ އަށް އުނދަގޫ މޮޅެއް

މިލާން (މާޗް 9) - އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް އިންޓަ މިލާން ރޭ ކުޅުނު މެޗުން 1-0 އިން އެޓަލަންޓާ އަތުން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

މި މޮޅާ އެކު އިންޓަ ވަނީ އެއް ވަނައިގައި އަލުން ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އިންޓަ އެއް ވަނައިގައި އޮތީ 26 މެޗުން 62 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް 26 މެޗުން ވަނީ 56 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަަސް އޮތީ 25 މެޗުން 52 ޕޮއިންޓާ އެކު އެވެ.

މެޗުގައި އިންޓަ އިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ އެ ޓީމުގެ ފަހަތަށް ކުޅޭ މިލާން ސްކްރިނިއޭ އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ސްކްރިނިއޭ މި ގޯލު ޖެހީ މެޗުގެ 54 ވަނަ މިނިޓްގަ އެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި ތިން ވަނަ ގޯލެވެ.

އިންޓަ އަށް އިތުރު ގޯލެއް ޖަހައިދޭން ލަޓާރޯ މާޓީނޭޒް އާއި ރޮމެލޫ ލުކާކޫ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އެޓަލަންޓާގެ ކުރިއަށް ކުޅޭ ޑުވާން ޒަޕާޓާ އާއި ލުއިސް މުރިއެލް އަށް މި މެޗުގައި އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ.

މެޗާ ބެހޭގޮތުން އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ވާދަވެރި ޓީމުތައް މޮޅުވެފައިވަނިކޮށް ހަފްތާގެ ފަހު މެޗު ކުޅެން ޖެހުމަކީ ޕްރެޝަރު އޮންނާނެ ކަމެއް ކަމަށާއި އެ ގޮތަށް ބަލާއިރު މިއީ ލިބުނު ވަރަށް މުހިއްމު ތިން ޕޮއިންޓް ކަމަށެވެ.

"މިއީ ވަރަށް ޓެކްޓިކަލް މެޗެއް. އަހަރެމެންގެ ނަސީބުން ގޯލެއް ޖެހުނީ. ދެން އެ ލީޑު ހިފަހައްޓަން ކުޅުންތެރިން ކުރި މަސައްކަތް ރަނގަޅު. ޑިފެންސިވް މަސައްކަތަށް ޓީމު ކުރި ހިތްވަރުން އިތުރު ގޯލު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފުނީ. އެންމެ މުހިއްުމު ކަމަކީ ތިން ޕޮއިންޓް ހޯދުން މި ހާލަތުގައި. އެކަން ކުރެވުމުން ހިތްހަމަޖެހޭ،" ކުރިން ޔުވެންޓަސްއާ އެކު ލީގު ހޯދާފައިވާ ކޮންޓޭ ބުންޏެވެ.

އިންޓަ އިން މި ފަަހަރު ލީގުގެ ރޭހުގެ ކުރީގައި އޮތްއިރު އެ ޓީމުން އެންމެ ފަހުން ޗެމްޕިއަންކަން ހޯދީ 2010 ވަނަ އަހަރު ހޯސޭ މޮރީނިއޯގެ ކޯޗުކަމުގަ އެވެ.