ސަލްމާންގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށަނީ
ސަލްމާންގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށަނީ

އިންޑިއާގެ ޖޯދްޕޫރުގައި 1998 ވަނަ އަހަރު ސަލްމާން ޚާނާއި "ހަމް ސާތު ސާތު ހޭ"ގެ ކުރޫން ފިލްމު ޝޫޓްކުރުމަށް ގޮސް ތިބިއިރު، ހިމާޔަތްކޮށްފައިވާ ވައްތަރެއްގެ ދެ ފުއްލާއެއް ޝިކާރަކުރި މައްސަލައެއްގައި ރާޖަސްތާން ސަރުކާރުން އޭނާއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފައި އޮންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. މި މައްސަލަ އެ ގައުމުގެ ހައި ކޯޓުން ބަލައި މިދިޔަ ޖުލައި މަހު ވަނީ ހުކުމް ވެސް އިއްވާފަ އެވެ. އެ ހުކުމްގައިވަނީ ސަލްމާނާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތް ކަމަށާއި އެހެންވެ އެ މައްސަލައިގައި ސަލްމާން ކުށްވެރިވާކަމަށް ނިންމެން ނެތް ކަމަށެވެ.

އެއާއެކު ރާޖަސްތާން ސަރުކާރުން މިހާރު ވަނީ މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. އަދި މިދިޔަ ހުކުރު ދުވަހު އެ ކޯޓުން މައްސަލަ ބަލައިގަތުމަށްފަހު މައްސަލައިގައި ސަލްމާން ޖަވާބުދާރީ ވުމަށް ނޯޓިސް ވެސް ފޮނުވައިފި އެވެ.

އެންމެ ފުރަތަމަ މި މައްސަލަ ބެލި ދަށު ކޯޓުން ނިންމާފައި އޮތީ މިކަމުގައި ސަލްމާން ކުށްވެރިވާ ކަމަށެވެ. އަދި ފަސް އަހަރުގެ ޖަލު ހުކުމެއް އެ ފަހަރު ސަލްމާނާ ދެކޮޅަށް އިއްވާފައިވެ އެވެ. ނަމަވެސް ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް ސަލްމާނާ ދެކޮޅަށް ހެކި ނެތް ކަމަށް ނިންމާފަ އެވެ.

މި މައްސަލައިގައި އެންމެ މުހިއްމު ހެކި ކަމަށްވާ ހަރީސް ދުލާނީ ހައި ކޯޓަށް ހާޒިރުކޮށްފައެއް ނުވެ އެވެ. ހަރީޝް ހުރީ ސަލްމާނާ ދެކޮޅަށް ހެކިބަސް ދޭން މިހާރުވެސް ތައްޔާރަށެވެ. ނަމަވެސް ހައި ކޯޓުގައި މައްސަލަ ހިނގިއިރު ހަރީޝް ވީ ތަނެއް ނޭނގޭ ކަމަށް ބުނެ އޭނާއާ ސުވާލެއް ނުކުރެ އެވެ. ހަރީޝް އަކީ މި ހާދިސާއެއް ހިނގި ވަގުތު ސަލްމާން ދުއްވި ވެހިކަލްގައި އޭގެ ޑްރައިވަރެއްގެ ގޮތުގައި އިން މީހާ އެވެ.

ރާޖަސްތާނު ސަރުކާރުގެ ވަކީލުން ބުނެފައިވަނީ ގަސްތުގައި ހަރީޝްގެ ހެކި ބަސް ނަގާފައިނުވަނީ އޭނާގެ ހެކިބަހުން ސަލްމާން ކުށްވެރިވާކަން ޔަގީން ވާނެތީ ކަމަށެވެ.

ހަރީޝް ފިލައިގެން އުޅުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރީ ހައިކޯޓުން ސަލްމާންގެ ކުށެއް ނެތްކަމަށް ބުނެ އޭނާ މުޅީން އެ މައްސަލައިން މިނިވަން ކުރުމުންނެވެ. ހަރީޝް ބުނީ އޭނާ ފިލައިގެން އުޅެނީ ފުރާނައަށް ނުރައްކާވެފައި ވާތީ ކަމަށެވެ. އަދި އޭނާއަށް ހިމާޔަތްދޭޭން ފުލުހުން އެއްބަސްވާ ނަމަ ކޯޓަށް ހާޒިރުވެ ހެކިބަސް ދޭނެކަމަށް ހަރީޝް ބުނެފައިވެ އެވެ.

ހަރީޝް ކޯޓަށް ހާޒިރުވެ ސަލްމާނާ ދެކޮޅަށް ހެކިބަސް ދީފި ނަމަ ސަލްމާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން ވަނީ އުފެދިފަ އެވެ.

ސުޕްރީމް ކޯޓުގައި މައްސަލައިގެ އަޑުއެހުން އޮންނަ ދުވަހެއް އަދި އަންގާފައެއް ނުވެ އެވެ.