09 މާޗް 2021 - 14:30

ކޮލަމްބޯ (މާޗް 9) - ސްރީ ލަންކާ ސަރުކާރުން މިހާރު ފައިސާ ޖަހަމުން ގެންދަނީ ނޫހެއް ޕްރިންޓްކުރާ ގޮތަށް ކަމަށް އިދިކޮޅު ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ލީޑަރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
ބޮރެއްލާގައި ގްރީން ބްލަޑް އޮގަނައިޒޭޝަނުން ބޭއްވި ބައްދަލުވުމެއްގައި ކުރީގެ ބޮޑުވަޒީރު ވިދާޅުވީ އިގްތިސާދު މެނޭޖް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ލަންކާގެ އިގްތިސާދު މިހާރު ވަޅުޖަހާފައިވާ ހިސާބުން ކޮޅަށް ޖަހަން 10 އަހަރު ނަގާނެ ކަމަށެވެ. މިސާލު ދައްކަވަމުން ރަނިލް ވިދާޅުވީ ވޭތުވެދިޔަ 10 އަހަރު ލަންކާ ރުޕީސް ޗާޕްކުރިވަރުގެ ތިން ގުނަ މިހާރުގެ ސަރުކާރުން ޕްރިންޓްކޮށްފައިވާ ކަމަށެވެ.
ރަނިލް ވިދާޅުވީ 2015 ވަނަ އަހަރު އެމަނިކުފާން އިގްތިސާދަށް ގެންނަން ފެށި ހެޔޮ ބަދަލުތައް މިހާރު އުވެމުންދާތީ ހިތާމަ ކުރައްވާ ކަމަށެވެ. ކުރީގެ ބޮޑުވަޒީރު ވިދާޅުވީ ސަރުކާރުން ޓެކްސްތައް ކުޑަކުރަމުން ދަނީ ބޮޑެތި ކުންފުނިތަކަށް ފައިދާވާ ގޮތަށް ކަމަށާއި އެކަމުގެ ސަބަބުން އާއްމު ރައްޔިތަކަށް ކުރާ ފައިދާއެއް ނެތް ކަމަށެވެ.
"ނަތީޖާ އަކީ ގައުމަށް ލިބޭ އާމްދަނީ މަދުވެ ފައިސާ ޗާޕްކުރަން ޖެހުން. އެ މީހުން އެކަން ކުރަމުން އެ ދަނީ ނޫހެއް ޗާޕްކުރާ ގޮތަށް. އަޅުގަނޑުމެންގެ ވެރިކަމުގައި ރިޒާވްގައި 7.5 ބިލިއަން ޑޮލަރު ބެހެއްޓިން. އެ އަދަދު މަދުވަމުން ގޮސް މިހާރު ހުރީ 4.5 ބިލިއަން ޑޮލަރު،" ރަނިލް ވިދާޅުވި އެވެ.
ކުރީގެ ބޮޑުވަޒީރު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ދަރިވަރުންނަށް ޓެބްލެޓް ދޭން އުޅުމުން އޭރުގެ އިދިކޮޅު ފަރާތްތަކުން އެކަމަށް ދެކޮޅު ހެދި ކަމަށެވެ. އެކަމަކު އޭރު ޓެބް ދިން ނަމަ ކިޔައިދިނުމުގައި މިހާރު ދިމާވެގެން އުޅޭ މައްސަލަތައް ވާނީ ހައްލުވެފައި ކަމަށް ވިދާޅުވި އެވެ.
ރަނިލް ވިދާޅުވީ ގައުމުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް އާ ސަރުކާރުން ފަށާފައި ނުވާ ކަމަށާއި އިންވެސްޓަރުން މާޔޫސްވެ ގައުމު ދޫކޮށް ދާން ފަށާފައިވާ ކަމަށެވެ. ސަރުކާރަށް އާމްދަނީ ލިބޭނެ ގޮތެއް ނެތި އިންޑިއާ އާއި ޗައިނާ އިން ދެ ބިލިއަން ޑޮލަރުގެ ލޯނަކަށް މިހާރު އެދިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.