އިތުރު 125 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އިތުރު 125 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 125 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް މާލެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 103 މީހުން ކަމަށެވެ. އަދި ރަށްރަށުން ނުވަ މީހުން ޕޮޒިޓިވްވެފައިވާ އިރު ރިސޯޓުތަކުން 13 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެއާ އެކު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 20،919 އަށް އެރީ އެވެ. ނަމަވެސް މިވަގުތު މި ބައްޔަށް ފަރުވާ ހޯދަނީ 2،595 މީހުންނެވެ. ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 179 މީހަކަށް ފަރުވާ ދެމުން އަންނަ އިރު މި ބަލި ޖެހުނު 64 މީހަކު ވަނީ މަރުވެފަ އެވެ.

މީގެ އިތުރުން މިއަދު 6،170 މީހުން ވެކްސިން ޖަހާފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. އެއީ ރަށްރަށުގައި ހުރި 169 ސެންޓަރަކުން ވެކްސިން ޖެހި 3،984 މީހުންނާއި މާލެ ސަރަހައްދުން ވެކްސިން ޖެހި 2،186 މީހުންނެވެ. ވެކްސިން ޖަހައިދޭނެ އަށް ސެންޓަރަކާއި ދެ މޯބައިލް ޓީމެއް މާލެ ސަރަހައްދުގައި ހަރަކާތެރިވެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ވެކްސިން ރާއްޖޭގައި ޖަހަން ފެށީ މިދިޔަ މަހުގެ ފުރަތަމަ ދުވަހެވެ. މިހާތަނަށް 157،813 މީހުން މި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވެ އެވެ. ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުގެ މަސައްކަތް މާލެ ސަރަހައްދުގައި ކުރާނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވި އެވެ.