12 ނޮވެމްބަރ 2016 - 14:21

ގަލޮލު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ މައްޗަަށް ހުކުމްކޮށްފައިވާ ގޮތާ މެދު އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން ކަންބޮޑުވުން ފާޅުކޮށް، އޭނާ ގޭބަންދަށް ބަދަލު ކުރުމަށް ގޮވާލައިފި އެވެ.
ދުނިޔޭގެ ގައުމުތަކުގެ މަޖިލިސް މެމްބަރުން ތަމްސީލުކުރާ ޖަމިއްޔާ އިން ނެރުނު ރިޕޯޓެއްގައި ބުނީ މަހުލޫފްގެ މައްޗަށް ކޮށްފައިވާ 10 މަސްދުވަހުގެ ޖަލު ހުކުމަކީ އެކަށީގެންވާ ވަރަށް ވުރެ ބޮޑު ހުކުމެއް ކަމަށެވެ. އަދި ޖަލުގައި ހުރެ އޭނާގެ ސިއްހީ ހާލަތު ގޯސްވަމުން ދާތީ، ގޭބަންދަށް ބަދަލު ކުރުމަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.
މީގެ ތިން މަސް ކުރިން މަހުލޫފް ޖަލަށް ލާފައިވަނީ ފުލުހުންގެ ބަންދުގައި ހުރިއިރު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި، ފިލަން އުޅުނު ކަން ސާބިތުވުމާ ގުޅިގެންނާއި މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަތްކަން ސާބިތުވެގެންނެވެ.
މަހުލޫފްގެ އަނބިކަނބަލުން، ނަޒުރާ ނަސީމާއި ކަމާ ބެހޭ އިތުރު މީހުންނާ ބައްދަލުކޮށް އެ މީހުން ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލި މި ރިޕޯޓުގައި ބުނީ ގިނަ އަދަދެއްގެ ފުލުހުން ތިބި ތަނަކުން، ފުލުހުންނަށް ފިލަން މަހުލޫފް ދުވެ ވަޑައިގަތް ކަމަށް ބުނާ ވާހަކަ ގަބޫލު ކުރަން ދަތި ކަމަށެވެ. އަދި މިކަން ހިނގައި ދިޔަ ގޮތް ސާފުކުރުމަށް، ދަށު ކޯޓުން މި ކަމާ ގުޅޭ ގޮތުން ކުރި ހުކުމްގެ ކޮޕީއަކާއި ޝަރީއަތާ ގުޅޭ ލިޔުންތައް ފޯރުކޮށްދިނުމަށް ވެސް އައިޕީޔޫން ވަނީ އެދިފަ އެވެ.
އެ ޖަމިއްޔާ އިން ދެކޭ ގޮތުގައި މަހުލޫފްގެ މައްޗަށް ކޮށްފައިވަނީ އެންމެ އިންސާފުވެރި ޝަރީއަތެއް ނޫނެވެ.
މަހުލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވާއިރު، އެ މައްސަލައިގެ ޝަރީއަތް އަދި ނުފަށަ އެވެ.
އައިޕީޔޫން ބުނީ އެ ތަނުން ފޮނުވާ އޮބްޒާވަރަށް ޝަރީއަތް ދާ ގޮތް ބެލޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
މަހުލޫފްގެ ސިއްހީ ހާލަތު ގޯސްވަމުން ދާތީ އާއިލާ އިން ވަނީ އެކި ފަހަރު މަތިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.