08 މާޗް 2021 - 15:36

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވި މެޑިފްލެކްސް ލެބޯޓްރީން ޕީސީއާރު ޓެސްޓް ހަދައިދޭ އަގު 700ރ. އަށް ކުޑަކޮށްފި އެވެ.
އެ ލެބޯޓްރީން ކުރިން ޓެސްޓު ހަދައިދެމުން އައީ 1000ރ. އަށެވެ. ނަމަވެސް ޓެސްޓް ހެދުން އިތުރުކުރުމަށާއި ހެޔޮ އަގެއްގައި ޓެސްޓް ހެދުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގައި މިއަދުން ފެށިގެން އަގު ދަށް ކުރީ ކަމަށް މެޑްޓެކްގެ ޗެއާމަން އަހުމަދު ހައިކަލް ވިދާޅުވި އެވެ. މި ފުރުސަތު އެތަނަށް ގޮސް ހިދުމަތް ހޯދާ ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ވެސް އޮވެ އެވެ.
އޭނާ ވިދާޅުވީ މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން އެ ލެބޯޓްރީން ހިދުމަތް ހޯދާ ކަމަށެވެ. މީގެ ތެރޭގައި އެކި ބޭނުމަށް ރިސޯޓުތަކަށް ދާ މީހުންނާއި ބޭރު ގައުމުތަކަށާއި ރަށްރަށްރަށް ދާ މީހުން ވެސް ހިމެނެ އެވެ.
މެޑިފްލެކްސްގައި ޕީސީއާރު ޓެސްޓް ކުރަނީ ދުނިޔޭގެ އިތުބާރު ހޯދާފައިވާ، އެމެރިކާގެ މަޝްހޫރު ތާމޯފިޝާ ސައިންޓިފިކްގެ ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ. އަދި ޓެސްޓުކުރުމަށް ބޭނުންކުރާ ކިޓަކީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ޑަބްލިއުއެޗްއޯގެ އެޕްރޫވަލް ލިބިފައިވާ ކިޓްތަކެކެވެ.
ކަނބާ އައިސާ ރަނި ހިނގުމުން އައިޖީއެމްއެޗް ހޮސްޕިޓަލް ކުރިމައްޗަށްވާ ގޮތަށް ހުންނަ މ. ކޮޓޭޖް ގްރައުންޑް ފްލޯގައި ހިންގާ މެޑިފްލެކްސްގެ ހިދުމަތް 24 ގަޑިއިރު ލިބެމުން ދާނެ އެވެ.