އޮޑިޓް ހިދުމަތް ދޭ ފަރާތްތައް ރޭޓް ކުރެވެން ޖެހޭ: އަމީރު
އޮޑިޓް ހިދުމަތް ދޭ ފަރާތްތައް ރޭޓް ކުރެވެން ޖެހޭ: އަމީރު

އޮޑިޓާއި އެޝުއަރެންސްގެ ހިދުމަތް ދޭ ފަރާތްތައް ރޭޓް ކުރެވޭނެ ނިޒާމެއް އޮންނަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ފަރާތުން އޮޑިޓްކުރުމާއި، އެޝުއަރެންސް ހިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކުރައްވަ އެވެ. އޭނާ ވިދާޅުވީ ލައިސަންސް ދޫކުރުމުގައި، ލައިސަންސް އެ ލިބޭ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ ކަންކަން ކަށަވަރުވެފައި އޮތުމަކީ މި ހިދުމަތަށް ބަރޯސާ ވެވޭ މިންވަރު އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.

ޗާޓަޑް އެކައުންޓެންޓުންގެ ބިލް ތަސްދީގުކުރި ފަހުން، ލައިސަންސް ދިނުމުގައި ކުރިން އަމަލު ކުރަމުން އައި ގޮތްތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ. މި ބަދަލުތަކުގެ ތެރޭގައި ލައިސަންސް ދޫކުރުމުގައި ފަންތިތަކަށް ބެހުން ވަނީ އުނިކޮށްފަ އެވެ.

ފަންތި ކުރުން ހުއްޓާލި ނަމަވެސް ސަރުކާރާއި ދައުލަތުގެ ބޮޑެތި ކުންފުނިތަކާއި މާލީ އިދާރާތައް ފަދަ ތަންތަނަށް ހިދުމަތް ފޯރުކޮށްދޭއިރު ރޭޓު ކުރުން މުހިންމު ކަމަށް އަމީރު ވިދާޅުވި އެވެ. އަދި މި ރޭޓިންގެ ސަބަބުން އެ ތަނެއްގެ ގާބިލް ކަން ހުރި ވަރު ދެނެގަނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރާއި ދައުލަތުގެ ބޭނުމަށް ހާއްސަ ގޮތެއްގައި ދައުލަތުގެ ބޮޑެތި ކުންފުނިތަކާއި މާލީ އިދާރާތައް ފަދަ ތަންތަނަށް ހިދުމަތް ފޯރުކޮށްދޭއިރު، އެފަދަ ބޮޑަތި އޮޑިޓްތައް ކުރުމަށް ގާބިލިއްޔަތުކަން ހުރި މިންވަރު ދެނެގަނެވޭފަދަ ރޭޓިންއެއް އޮތުމަކީ ކޮންމެހެން ބޭނުން ކަމެއް. އެކަމަށް ސީއޭ މޯލްޑިވްސް އިން ހައްލެއް ހޯއްދަވައި ދެއްވާނެކަމަށް އުއްމީދު ކުރަން،" އަމީރު ވިދާޅުވި އެވެ.

ސީއޭ މޯލްޑިވްސް ލައިސަންސް ދީފައިވަނީ އެކަމަށް ފުރުސަތު ހުޅުވާލުމުން އެދެނު ފަރާތްތަކުގެ ތެރެއިން ލައިސަންސް ހޯދުމުގެ ހުރިހާ ކަމެއް ފުރިހަމަ ކުރި ފަރާތްތަކެވެ. ލައިސަންސް ދިނުމަށްފަހު އެ ފަރާތްތަކުން ކުރާ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެ ދޭ ހިދުމަތަކީ ބަރޯސާ ވެވޭ ފަދަ އިތުބާރު ހުރި ފެންވަރު ރަނގަޅު މަސައްކަތަކަށް ހެދުމަށްޓަކައި ތަމްރީން ފޯރުކޮށްދޭނެ ކަމަށް ސީއޭ މޯލްޑިވްސް އިން ބުންޏެވެ.

މިހާތަނަށް 19 މީހަކަށާއި 11 ފާމަކަށް ވަނީ އޮޑިޓް ލައިސަންސް ދޫކޮށްފަ އެވެ.

އޮޑިޓް ލައިސަންސް ދިނުމުގެ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން މީގެ ކުރިން އޮޑިޓާ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ ލައިސަންސްތައް މިއަދުން ފެށިގެން ބާތިލު ވާނެ އެވެ. އެހެންކަމުން ލައިސަންސް އާ ކުރުމަށް ސީއޭ އިން ވަނީ އަންގައިފަ އެވެ.