08 މާޗް 2021 - 14:03

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިރެކްޓަރަކަށް އައިޝަތު ސަމާހު އައްޔަން ކޮށްފި އެވެ.
ސަމާހު ވަނީ ބީއެމްއެލްގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓުގައި 13 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ. އަދި 2009 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ ބޭންކުގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމު ވެސް އަދާކުރައްވަމުންނެވެ.
މި މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ސަމާހު ހުންނެވީ ހެޑް އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ކަމުގެ މަގާމުގަ އެވެ.
އޭނާ ވަނީ ބޭންކިން އަދި ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިފަ އެވެ. އަދި އޭނާ ވަނީ ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތައް ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައި ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ސަމާހު ފަދަ ތަޖުރިބާ ހުރި ބޭފުޅަކު ބޭންކުގެ ލީޑާޝިޕާ ގުޅުމަކީ ލިބޭ ކުރިއެރުމެއް ކަމަށެވެ.
ބީއެމްއެލުން ވަނީ އެ ބޭންކުގެ އޮނިގަނޑަށް ގެނައި އިތުރު ބަދަލުތައް ވެސް މިއަދު ހާމަކޮށްފަ އެވެ. އެގޮތުން، ކާޑްސް އެންޑް ޑިޖިޓަލް ބޭންކިން ވަނީ އަލަށް އެކުލަވާލި ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން ޑިވިޝަންގެ ދަށަށް ބަދަލުކޮށްފަ އެވެ.