12 ނޮވެމްބަރ 2016 - 07:39

ބީނޯޒް އޭރީޒް (ނޮވެމްބަރު 12) - ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އަތުން ބުރާސްފަތި ދުވަހުގެރޭ 3-0 އިން ބަލިވި ނަމަވެސް ވޯލްޑް ކަޕަށް ކޮލިފައިވެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ ބުނެފި އެވެ.
މި ނަތީޖާއާ އެކު އާޖެންޓީނާ ވަނީ ކޮލިފައިންގެ ހަ ވަނަ އަށް ވެއްޓިފަ އެވެ. ރަަޝިއާގައި 2018 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕުން ޖާގަ ހޯދަން ބޭނުންނަމަ ކޮލިފައިންގައި ބާކީ އޮތް ހަތް މެޗުގެ ތެރެއިން ގިނަ މެޗުތަކުން އާޖެންޓީނާ މޮޅުވާންޖެހެ އެވެ.
"ދެ ދުވަސް ފަހުން އަނެއްކާ ވެސް މެޗެއް އެބައޮތް. ހަގީގަތުގައި އަދިވެސް އަމިއްލަ ބާރު އެބައޮތް. ކޮލިފައިވުމުގެ ފުރުސަތު މިއޮތީ އަހަރެމެންގެ އަތްމަތީގައި. ވަރަށް ބޮޑު އުއްމީދެއް އެބައޮތް ނަތީޖާ ރަނގަޅުވެ ކޮލިފައިވާނެ ކަމުގެ،" ބައުޒާ ބުންޏެވެ.
ބައުޒާ ބުނީ ބްރެޒިލް މެޗުގައި ގިނަ ގޯލް ވަނީ އެ ޓީމަށް މާގިނަ ހުސް ޖާގަ ދިނުމުން ކަމަށާއި އެކަމަކު މޮޅުވުމަށްޓަކައި އެއީ ނަގަން ޖެހުނު ރިސްކެއް ކަމަށެވެ.
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނީ ބްރެޒިލް އަތުން ބަލިވުމަކީ އުއްމީދުކުރި ނަތީޖާއެއް ނޫން ކަމަށާއި އަދިވެސް ބާރު އެބައޮތް ކަމަށް އޭނާ ވެސް ގަބޫލުކުރި އެވެ.
"ކޮލަމްބިއާ އަތުން މޮޅުވެވެވިއްޖެއްޔާ އަނެއްކާ ވެސް އަހަރެމެން ވާދަވެރި ހިސާބަކަށް ދިޔައީ. އެކަމަކު އޭގެ މާނައަކީ އަހަރެމެން މިތިބީ ހިތްހަމަޖެހިފައެކޭ ނޫން. އަހަރެމެން މިއޮތީ އޮންނަން ޖެހޭ ހިސާބެއްގައެއް ނޫން. އެބަޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ބަދަލުކުރަން،" މެސީ ބުންޏެވެ.