ޖާންވީ ބޭނުމީ މަންމަ ސްރީދޭވީ ދެއްކި ހިތްވަރު ދައްކަން
ޖާންވީ ބޭނުމީ މަންމަ ސްރީދޭވީ ދެއްކި ހިތްވަރު ދައްކަން

ކެރިއަރު ވަރަށް ކުރީކޮޅުގައި އޮތް ނަމަވެސް މަންމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީ ދެއްކި ހިތްވަރު ފިލްމީ ދާއިރާގައި ދައްކާފައި ނޫނީ ހިންދެމިނުލާނެ ކަމަށް އަރަމުން އަންނަ ޒުވާން ބަތަލާ ޖާންވީ ކަޕޫރް ބުނެފި އެވެ.

ހޮނިހިރު ދުވަހު 24 ވަނަ އުފަން ދުވަސް ފާހަގަކުރި ބަތަލާ ފިލްމުފެއާ ބުނީ އުފަން ދުވަހު ވެސް ފިލްމީ މަސައްކަތުގައި އުޅެން ޖެހުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. ފިލްމު "ދަޅަކް" އިން 2018 ގައި ބޮލީވުޑަށް ނުކުތް ބަތަލާ މި ވަގުތު އަންނަނީ "ގުޑް ލަކް ޖެރީ" ގެ މަސައްކަތްކުރަމުންނެވެ. ޖާންވީގެ އުފަން ދުވަސް ވެސް ފާހަގަކުރީ ފިލްމުގެ ސެޓްގަ އެވެ.

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ހޮރޯ-ކޮމެޑީ "ރޫހީ" ގެ ބަތަލާ ބުނީ މަސައްކަތް ދެކެ ލޯބިވާ ނަމަ އެއްވެސް މީހަކު ވަރުބަލިވެގެން ޝަކުވާ ނުކުރާނެ ކަމަށެވެ.

"އެހެންވީމަ އަހަންނަކަށް ވެސް ނެތް ވަރުބަލިވެއްޖޭ ނިދަން ދާންވެއްޖޭ ބުނުމުގެ ހައްގެއް. މަސައްކަތް ދެކެ އަހަރެން ވަރަށް ލޯބިވޭ،" އެންމެ އުފާވެރި ވަގުތުތަކަކީ ފިލްމު ސެޓްތަކުގައި ހޭދަކުރާ ވަގުތުތައް ކަމަށް ކުރިން ވެސް ބުނެފައިވާ ޖާންވީ ބުންޏެވެ.

އޭނާ ބުނީ މަސައްކަތުގެ އަހުލާގަށް ބަލައިފި ނަމަ ނަމޫނާއަކަށް ބަލަން އޮތީ މަންމަ ސްރީދޭވީ ކަމަށެވެ. ސްރީދޭވީ އަކީ އޭނާގެ ކެރިއަރުގައި އިންޑިއާގެ ވަރަށް ގިނަ ބަހުރުވަތަކުން ފިލްމު ކުޅުނު ވަރަށް ހުނަރުވެރި ބަތަލާއެކެވެ. ދެހާސް އަށާރައިގައި އޭނާ މަރުވި އިރު ކުޅެފައިވާ ފިލްމުތަކުގެ އަދަދު 300 އާ ގާތްކުރެ އެވެ.

"އަހަންނަށް މަންމަގެ ކެރިއަރާ ބެހޭ ގޮތުން އެނގިފައި ހުރި މައުލޫމާތުތަކަށް ބަލާ އިރު މަންމަ އަކީ ފިލްމީ މަސައްކަތުގައި ގިނަ ދުވަސް ދުވަހު ތިން ހަތަރު ޝިފްޓަށް މަސައްކަތްކުރި މީހެއް،" ޖާންވީ ބުންޏެވެ. "އެހެންވީމާ އަހަރެން ވެސް މަސައްކަތުގެ މައިދާނުގައި އެ ލެވެލް އަށް ދާން ބޭނުން ވަނީ. އެ ހިތްވަރު ދައްކާފައި ނޫނީ ހިންދެމިލުމެއް ނޯންނާނެ."

އޭނާ ސޮއިކޮށްފައި ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ދޯސްތާނާ 2" އާއި "ތަޚުތު" އަދި "ބޮމްބޭ ގާލް" ހިމެނެ އެވެ. "ދަޅަކް" ގެ ފަހުން ޖާންވީ ފެނިފައި ވަނީ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" އާއި "ގޯސްޓް ސްޓޯރީޒް" އިންނެވެ.