08 މާޗް 2021 - 11:42

ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަޅާފައިވާ ފިޔަވަޅުތަކާ ހެދި ރިސޯޓުތަކުގެ މުވައްޒަފުންނަށް އޯފް ޑޭ އަށް ނުދެވޭ މައްސަލަ ހައްލުކޮށްދޭން ގޮވާލައި ރައްޔިތުންގެ މަަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސައިން މުހައްމަދު ލަތީފު ހުށަހެޅުއްވި މައްސަލައިގައި ސަރުކާރަށް ގޮވައިލެއްވީ ރިސޯޓްތަކުގެ މުވައްޒަފުންނަށް ކުރިމަތިވެފައިވާ އެ މައްސަލައަށް ހަައްލެއް ހޯދައި ދިނުމަށެވެ. މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހިންނަށް އެ މީހުންގެ އާއިލާތަކުގެ ގާތަށް ނުދެވި އެތައް މަހެއް ފާއިތުވަމުން ދާތީ ވަރަށް ބޮދު ހިތްދަތިކަމެއް ކުރިމަތިވެފައިވާ ކަމަށެވެ.
ރިސޯޓްތަކުގެ މުވަައްޒަފުންނަށް މިހާރު ކުރިމަތިވެފައިވާ އެމްމެ ބޮޑު ދައްޗަކީ އާއިލާގެ ގާތަށް ދާ ނަމަ 10 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރަން ޖެހުމާއި ކަރަންޓީނުގެ މުއްދަތު ބައެއް ރިސޯޓްތަކުން ނޯޕޭގެ ގޮތުގައި ގުނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުއްލި މައްސަލައިގެ ބަހުސްގައި އޭނާ ވިދާޅުވީ މައްސަލަ ހުށަހެޅުއްވީ މުވައްޒަފުންނާ ގުޅުއްވައިގެން މައުލޫމާތު އެއްކުރެއްވުމަށް ފަހުގައި ކަމަށެވެ. މައްސަލަ ހުށަހެޅުއްވުމުގެ ކުރީގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ ވެސް އެކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ،
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ހުސައިން ހުށަހެޅުއްވި މައްސަލަ އަކީ ރަނގަޅު މައްސަލައެެއް ކަމަށާއި ނަމަވެސް މަޖިލީހުން އެކަމުގައި ނިންމާފައިވާ ނިންމުމެއް އެބަ އޮތް ކަމަށެވެ. އެގޮތުން ވަޒީފާއާ ގުޅޭ ހާއްސަ އުސޫލުތަކެއް ކަނޑައަޅައި މުވައްޒަފުންނަށް ލުއި ލިބޭ ގޮތަށް ގާނޫނެއް ފާސްކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ބައެއް ރިސޯޓްތަކުން އެ ގާނޫނަށް އަަމަލުނުކުރާ ކަމަށާއި ޓޫރިޒަމް މިނިސްޓްރީން އެކަން ބަލަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް ރިސޯޓްތަކުގެ މުވައްޒަފުނަށް ކޮވިޑުން ދިފާއުވާ ވެކްސިން ނުލިބުނުގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ.
އޭނާ އެހެން ވިދާޅުވުމުން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިސޯޓްތަކުގެ މުވައްޒަފުންނަށް ވެކްސިން ދިނުން ލަސްވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"ހަގީގަތުގައި އަަޅުގަނޑުވެސް ހަމަ ތިކަން ފާހަގަކުރަން. މިތަނަށް މިހާރު ވެކްސިން ޖަހަން އަންނަނީ އެހާ ގިނަ މީހުންނެއް ނޫން. އިއްޔެގައި ވެސް އައިސްފައި ވަނީ ސަތޭކަ ވިއްސަކަށް މީހުން. އަޅުގަނޑަކަށެއް ނުވިސްނޭ ރިޒޯޓްފަހަރުގައި ތިބި ކުދިންނަށްް މި ވެކްސިން ގޮސް އަވަސް ގޮތެއްގައި ނުޖަހަންވީ އެއްވެސް ސަބަބެއް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ބޮލިފުށި ރިސޯޓުން އެދުނީމާ އެ ރިިސޯޓްގެ މުވައްޒަފުންނަށް ވެކްސިން ޖަހއިދެވޭތޯ މަޖިލީހުން ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.