07 މާޗް 2021 - 23:49

މެންޗެސްޓާ (މާޗް 7) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ސިޓީން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް 21 މެޗަށް ފަހު ނިމުމެއް އަތުވެއްޖެ އެވެ.

މި މެޗުގެ ކުރިން ސިޓީ އެންމެ ފަހުން ބަލިވީ މިދިޔަ ނޮވެމްބަރު މަހު ޓޮޓެންހަމް ދަނޑުގަ އެވެ. ޑިސެމްބަރު މަހު 15 ގައި ވެސްޓް ބްރޮމްއާ އެއްވަރުވި ފަހުން ސިޓީ ހުރިހާ މުބާރާތެއްގައި ކުޅުނު 21 މެޗުން ވަނީ މޮޅުވެފަ އެވެ. އޭގެ ތެރޭގައި ލީގުގައި ޖެހިޖެހިގެން ހޯދި 15 މޮޅު ހިމެނެ އެވެ.
ސިޓީގެ މޮޅުވުމުގެ ސިލްސިލާ އަށް ނިމުން އައުމާ އެކު އެ ޓީމުން ބަޔާން މިއުނިކާއި ރެއާލް މެޑްރިޑްގެ މޮޅުވުމުގެ ރެކޯޑާ ހަމަކުރަން ކުރި މަސައްކަތް ނާކާމިޔާބުވީ އެވެ. ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް އޮތީ 2014 ވަނަ އަހަރު ޖެހިޖެހިގެން 22 މެޗުން މޮޅުވި ރެއާލާއި މިދިޔަ ސީޒަނުގައި ޖެހިޖެހިގެން 23 މެޗުން މޮޅުވި ބަޔާން އަތުގަ އެވެ.
ސިޓީ އަތުން ހޯދި މޮޅާ އެކު ޔުނައިޓެޑުން ލީގުގައި ރަށުންބޭރުގައި ބަލިނުވެ 22 މެޗު ހަމަކުރިއިރު، އެ ޓީމުން ވަނީ ސިޓީގެ ލީޑު 11 ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ސިޓީ އެއް ވަނައިގައި އޮތީ 28 މެޗުން 65 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް އަލުން ދެ ވަނަ އަށް އެރީ 28 މެޗުން 54 ޕޮއިންޓް ހަަމަކޮށްގެންނެވެ. ލީގުގައި ދެ ޓީމަށް ވެސް ބާކީ އޮތީ 10 މެެޗެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ މިނިޓްގައި ޔުނައިޓެޑަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކުން ބްރޫނޯ ފެނާންޑޭސް އެވެ. މިއީ ސިޓީގެ ގަބްރިއެލް ޖީސޫސް އޭރިއާތެރެއިން ޔުނައިޓެޑްގެ އެންތަނީ މާޝިއަލް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މިއީ ފާއިތުވި 20 މެޗުގެ ތެރެއިން ސިޓީ ކޮޅަށް ލީގުގެ މެޗެއްގައި އިދިކޮޅު ޓީމުން ލީޑެއް ނެގި ފުރަތަަމަ ފަހަރެވެ.
ފުރަތަމަ ހާފުގައި ލަނޑު ޖަހަން ސިޓީގެ ރަހީމް ސްޓާލިން އާއި އިލްކާއި ގުންޑޮގާން އަދި ކެވިން ޑިބްރޭނާ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. ސްޓާލިން އޭރިއާތެރެއަށް ވެއްޓުނު ބޯޅައެއްގައި ޕެނަލްޓީ ހޯދަން ކުރި އެޕީލް ކާމިޔާބެއްނުވި އެވެ. ދެ ވަނަ ހާފްގެ ކުރީކޮޅުގައި ސިޓީގެ ރޮޑްރީ ފޮނުވާލި ޝޮޓެއް ވަނީ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ.
ޔުނައިޓެޑުން ލީޑުފުޅާކުރީ މެޗުގެ 50 ވަނަ މިނިޓްގަ އެވެ. ކައުންޓަ އެޓޭކެއްގައި އޭރިއާތެރެއިން މާކަސް ރެޝްފޯޑް ދިން ބޯޅައެއް ލޫކް ޝޯ ވަނީ ތިރިތިރިން ގޯލުގެ ދުރުކަނަށް އަމާޒުކޮށްލައިފަ އެވެ. މިއީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޝޯ ޔުނައިޓެޑަށް ބަދަލުވި ފަހުން ލީގުގައި ޖެހި ދެ ވަނަ ގޯލެވެ. ޔުނައިޓެޑަށް ތިން ވަނަ ގޯލެއް ޖަހައިދޭން މާޝިއަލް ޖެހި ޝޮޓް ސިޓީގެ ކީޕަރު އެޑަސަން ވަނީ މަތަކޮށްފަ އެވެ.
ސިޓީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ވަނަ ހާފުގެ ފަހު ކޮޅުގައި ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. އެންމެ ގިނަ ހުސް ފުރުސަތު ލިބުނީ ސްޓާލިން އާއި ގުންޑޮގާން އަށެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސިޓީގެ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވަނީ އެންމެ ފަހުން އެ ޓީމު ގޮވައިގެން ސިޓީ ދަނޑުގައި ނުކުތް ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފަ އެވެ. ސޯލްޝެއާ އަކީ ލީގުގައި ސިޓީ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުން މޮޅުވި ޔުނައިޓެޑްގެ ފުރަތަމަ ކޯޗެވެ.
"މި ކަހަލަ ކުޅުމެއް ދެއްކީމަ އުފާވާނެ. އަހަރެމެންނަށް އެނގޭ މި މެޗަކީ ފުރުސަތެއް އޮތް މެޗެއް ކަން. އެކަމަށް ކުޅުންތެރިން މަސައްކަތްކޮށް މި ހޯދި ފުރިހަމަ މޮޅެއް. އަހަރެެމެން ބޭނުންވާ ސްޓައިލަށް ކުޅެވިއްޖެ. ޕްލޭން ވެސް މަސައްކަތްކުރި،" ސޯލްޝެއާ ބުންޏެވެ.
އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ރޭ ކުޅުނު މެޗުން ލީގުގެ 18 ވަނައިގައި އޮތް ފުލަމް އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ. ފުރަތަމަ އެގާރަ އަށް ގިނަ ބަދަލުތަކެއް ގެނެސްގެން މި މެޗަށް ނުކުތް ލިވަޕޫލް މި ވަނީ އަމިއްލަ ދަނޑުގައި ލީގުގައި ޖެހިޖެހިގެން ހަ ވަނަ މެޗުން ބަލިވެފަ އެވެ. އަދި އަމިއްލަ ދަނޑުގައި ލީގުގައި މޮޅެއް ނުލިބި އަށް ވަނަ މެޗު ނިންމާލިއިރު، މިއީ ފާއިތުވި 50 އަހަރުގައި އެ ޓީމުގެ އެންމެ ދަށް ފޯމެވެ. ލިވަޕޫލް ލީގުގެ އަށް ވަނައިގައި އޮތީ 28 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ.
ކްރިސްޓަލް ޕެލަސް އަތުން 4-1 އިން މޮޅުވެ ޓޮޓެންހަމް ވަނީ ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. ޓޮޓެންހަމަށް 27 މެޗުން ވަނީ 45 ޕޮއިންޓް ލިބިފަ އެވެ.