08 މާޗް 2021 - 08:55

މަހުޖަނު އީލޮން މަސްކްގެ ޓެސްލާ ކުންފުނީގެ ހިއްސާ ބޮޑު އަގުގައި ގަތް އިންވެސްޓަރުން އެ ދޫކޮށްލަން ފެށުމާ އެކު މިދިޔަ ހަފުތާގައި މަސްކުގެ މިލްކިއްޔާތުން 27 ބިލިއަން ޑޮލަރު އުނިވެއްޖެ އެވެ.
މިދިޔަ އަހަރު އިންވެސްޓަރުން ވަނީ ބާރަށް ކުރިއަރަމުން ދިޔަ އެކަމަކު ރިސްކީ ޓެކް ކުންފުނިތަކުގެ ހިއްސާ ގަނެ އިވެސްޓްކުރުން އިތުރުކޮށްފަ އެވެ. އޭގެ ތެރޭގައި ޓެސްލާ ކުންފުނި ވެސް ހިމެނެ އެވެ. އެކަމަކު އިންފްލޭޝަން އިތުރުވެ ކޯޕޮރޭޓް ޕްރޮފިޓަށް ނޭދެވޭ އަސަރުކޮށް، ބޮރޯވިންގެ އަގު ބޮޑުވެދާނެ ކަމުގެ ކަންބޮޑުވުމާ އެކު އިންވެސްޓަރުންގެ ވިސްނުން ބަދަލުވީ އެވެ.
މަސްކް 18 ޕަސެންޓް ހިއްސާވާ ޓެސްލާގެ ހިއްސާގެ އަގު މިދިޔަ ހަފުތާގައި 11.5 ޕަސެންޓް ވަނީ ދަށްވެފަ އެވެ. އެހެންވެ ކުންފުނީގެ ހިއްސާ ދޫކޮށްލާ މީހުން ގިނަވުމުގެ ގެއްލުން އެންމެ ބޮޑަށް ކުރީ މަސްކަށެވެ.
ބްލޫމްބާގްގެ ބިލިއަނަރުންގެ އިންޑެކްސް އިން ދައްކާ ގޮތުގައި އޭނާ އަށް މިދިޔަ ހަފުތާގައި 27 ބިލިއަން ޑޮލަރު ވަނީ ގެއްލިފަ އެވެ. މި އަދަދަކީ މުޅި ދުނިޔެއިން އިން 52 ވަނަ އަށް އެންމެ މުއްސަނދި ޖޭމްސް ޑައިސަންގެ މުޅި މިލްކިއްޔާތާ ދާދި އެއްވަރުގެ އަދަދެކެވެ.
މަހުޖަނުންގެ ލިސްޓުގައި މަސްކާއި އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް މި ފަހަކަށް އައިސް އެކަކު އަނެނަކު މަގާމަށް އެރުން ވަނީ އާންމު ކަމަކަށް ވެފަ އެވެ. އެކަމަކު ބޮޑު އުނިވުމަކާ އެކު މަސްކް މިހާރު ދެ ވަނަ އަށް ވެއްޓިފައި އޮތީ 157 ބިލިއަން ޑޮލަރާ އެކީގަ އެވެ. ބެޒޯސް އަށް އެއް ވަނަ ލިބެނީ 177 ބިލިއަން ޑޮލަރުންނެވެ.
އެކަމަކު އަދިވެސް މަސްކް އޮތީ ތިން ވަނަ އަށް އެންމެ ބޮޑު މަހުޖަނު، މައިކްރޮސޮފްޓްގެ އެއް ބާނީ ބިލް ގޭޓްސްގެ މިލްކިއްޔާތަށް ވުރެ 21 ބިލިއަން ކުރީގަ އެވެ.