ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ލަސް، އޮތޯރިޓީ އުވާލަން ފޮނުވައިފިން: ރައީސް
ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ލަސް، އޮތޯރިޓީ އުވާލަން ފޮނުވައިފިން: ރައީސް

ޓްރާންސްޕޯޓް މިނިސްޓްރީ އާއި އޮތޯރިޓީއާ ދެމެދު ގާނޫނީ ފުށުއެރުންތަކެއް އެބަހުރި ކަމަށާއި އޮތޯރިޓީ އުވާލަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ކުރިއަށް ގެންދާ ސިލްސިލާ ކެމްޕޭން ބައްދަލުވުމުގައި، ޓްރާންސްޕޯޓް އޮތޯރިޓީގައި ވެހިކަލް ރަޖިސްޓްރީކުރުމުގައި ކުރިމަތިވާ މައްސަލަތަކާ ގުޅޭ ގޮތުން ކެންޑިޑޭޓަކު ކުރެއްވި ސުވާލަކާ ގުޅިގެން ރައީސް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގައި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އޭގެތެރޭގައި ބާރުތައް ފުށުއެރުމުގެ މައްސަލަތަކެއް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"އޭގެ އިތުރަށް އަޅުގަނޑަށް ވެސް ފެންނަނީ އެތަނުގައި މަސައްކަތްތައް ހިނގުން ލަސް ކަމަށް،" ރައީސް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ލަސްވުމުގެ ޝަކުވާތަކާ އެކު އެތަނުގައި ސިޔާސީ ކޯޅުން ބޮޑުވެ މުވައްޒަފުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތައް ވަނީ އުފެދިފަ އެވެ. މީގެ އިތުރުން އެކި ޚިދުމަތްތަކުގައި ކޮރަޕްޝަން ހިންގާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ. ބައެއް މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި މިނިސްޓްރީގެ އޮނިގަނޑަށް ބަދަލުތައް ގެންނާނެ އެވެ.

"އޮނިގަނޑަށް ގެނެވޭނެ ބަދަލުތަކަކާ އެކު ހަލުވި ކަމެއް ގެނެވޭނެ ކަަމަށް އަޅުގަނޑަށް ލަފާކުރެވޭ،" ރައީސް ވިދާޅުވި އެވެ.

ޚިދުމަތް ދިނުމުގެ ސްޕީޑު ލަސްކަމުގެ ތުހުމަތު އަބަދުވެސް އެޅިފައިވާ ޓްރާންސްޕޯޓް މިނިސްޓްރީން ރައްޔިތުންނަށް ފަސޭހަކަމާ އެކު ޚިދުމަތް ހޯދޭނެ ނިޒާމްތައް ގާއިމްކުރަމުން އަންނަ ކަމަށް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، ލައިސަންސް ނެގުން މެދުކަނޑާލާފައި އޮތް މައްސަލައިގައި ބަޔަކު ވަނީ މިއަދު ވެސް މުޒާހަރާކޮށްފަ އެވެ.