08 މާޗް 2021 - 08:55

ކެނެޑާގެ ކޯރެއްގެ ތެރޭގައި އޮންނަތާ ހަ މަސް ފަހުން ނެގި އައިފޯން 11 އެއް އަލުން ޗާޖުކުރި އިރު ބަރާބަރަށް މަސައްކަތްކުރާތީ އޭގެ ވެރިމީހާ ހޯދައި ހަވާލުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ކެނެޑާގެ ހެރިސަން ލޭކް ތެރެއިން މި ފޯނު ފެނުނީ ޑައިވްކުރާ ދެމަފިރިއަކަށެވެ.
މި ފޯނާއި އެހެން ބައެއް ތަކެތި ވެސް ކޯރު ތެރެއިން ވަނީ ހޯދައިފަ އެވެ. މި ތަކެތި ހޯދި މީހުން މީޑިއާގައި ބުނެފައިވަނީ ފޯނު ސާފުކޮށް ޗާޖު ކުރެވޭތޯ ބެލި އިރު ޗާޖުވާ ކަމަށެވެ. އަދި ފޯނު އޮން ކުރެވުނު ކަމަށެވެ. އެހެންވެ އޭގެ ވެރިމީހާ ހޯދައި މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
ހަ މަސް ފަހުން ފޯނު ލިބުނު އަންހެން މީހާ ބުނެފައިވާ ގޮތުގައި އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގެއްލުނު ފޯނެކެވެ. އޭނާ ބުނި ގޮތުގައި ކޯރު ތެރެއަށް ފޯނު ވެއްޓުނީ ބަމްޕާ ބޯޓެއްގައި ދުއްވަމުން ދަނިކޮށެވެ. ފޯނު ވެއްޓި ގެއްލުމުގެ ކުރިން ކުރި މަޖަލުގައި އެތައް ބައިވަރު ފޮޓޯއެއް ނެގި ކަމަށާއި އެ ހުރިހާ ފޮޓޯއެއް ވެސް ފޯނުގައި ސަލާމަތުން އެބަހުރި ކަމަށް އޭނާ ބުނެފައިވެ އެވެ.
"ބޯޓުގައި ހުއްޓާ ބެލެންސް ގެއްލިގެން އަރިއަޅައިލި ގޮތަށް ގޮސް ފޯނު ވެއްޓުނީ ކޯރު ތެރެއަށް. އެއްގަމަށް ގޮސް ބަޔަކު ލައްވާ ބެލިން އެ ފެނޭތޯ ވެސް. އެކަމަކު ނުފެނިގެން ދެން އުންމީދު ކަނޑާލީ،" އަންހެން މިހާ މީޑިއާ އަށް ކިޔައިދީފައިވެ އެވެ.
ފޯނު ފެނުނީ އާ ފޯނެއް ގަނެ ބައެއް ޑޭޓާ ލިބުނު ފަހުންނެވެ.