12 ނޮވެމްބަރ 2016 - 06:20

ޔަންގޫން (ނޮވެމްބަރު 12) - މިއަންމާގެ އުތުރުގައި މައިން ނަގާ ސަރަހައްދަކަށް ޖައްވުން ބޮޑު އެއްޗެއް ވެއްޓިފައިވާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާ އިން ބުނެފި އެވެ.
ޖައްވުން ވެއްޓިފައި އޮއްވާ ކަޗިން ސްޓޭޓުން ބުރާސްފަތި ދުވަހު ފެނިފައި ވަނީ ވަށް ހޮޅިގަނޑެއްހެން އޮތް އެއްޗެކެވެ. އޭގެ ދިގު މިނުގައި 4.5 މީޓަރު (15 ފޫޓު) އަދި ފުޅާ މިނުގައި 1.2 މީޓަރު ހުއްޓެވެ.
ޗައިނާގެ ލިޔުމެއް ހިމެނޭ ދަގަނޑު އެތިގަނޑެއް ވެސް ވަނީ އެ ހިސާބުގަނޑާ ކައިރީގައިވާ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފަ އެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި މިއީ މަތިންދާ ބޯޓުގެ އިންޖީނެއްގެ ބަޔަކަށްވުން އެކަށީގެންވެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ލަފާ ކުރެވޭ ގޮޮތުގައި މިއީ ޗައިނާ އިން ޖައްވަށް ފޮނުވި ސެޓެލައިޓުގެ ބައެކެވެ. ޗައިނާ އިން ވަނީ ބުދަ ދުވަހުގެ ރޭ ސެޓެލައިޓެއް ޖައްވަށް ފޮނުވައިފަ އެވެ.
ވެއްޓުނު އެތިގަނޑު ބިމުގައި ޖެހުމުގެ ކުރިން ބާރު އަޑު ފައްގަނޑެއް އިވިފައިވާ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. ވެއްޓުނު އެއްޗިއްސާ ބެހޭ ގޮތުން ކަޗިން ސްޓޭޓުގެ ސަރުކާރުން ވަކި އެއްޗެއް އަަދި ބުނެފައެއް ނުވެ އެވެ.