ކޮވެކްސް އިން ހަދިޔާ ކުރި ކޮވިޝީލްޑްގެ 12،000 ވެކްސިން ރާއްޖެއަށް ލިބިއްޖެ
ކޮވެކްސް އިން ހަދިޔާ ކުރި ކޮވިޝީލްޑްގެ 12،000 ވެކްސިން ރާއްޖެއަށް ލިބިއްޖެ

ކޮވިޑް-19 ވެކްސިން ގްލޯބަލް އެކްސެސް (ކޮވެކްސް) އިން ހަދިޔާ ކުރި 12،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ރާއްޖެއަށް ލިބިއްޖެ އެވެ.

ކޮވެކްސްއަކީ ހުރިހާ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގާއިމް ކުރުމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާއި ބައިނަލްއަގުވާމީ އެހެން ޖަމިއްޔާތަކުން ގުޅިގެން ފެށި ޕްރޮގްރާމެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް 12،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ލިބިފައިވާ ކަމަށެވެ. މިއީ ކޮވެކްސްގެ ފަރާތުން ރާއްޖެއަށް ލިބުނު ވެކްސިންގެ ފުރަތަމަ ޝިޕްމަންޓެވެެ.

ކޮވެކްސްގެ ފަރާތުން ވެކްސިން ލިބުނު ފުރަތަމަ ފަހަރު ނަމަވެސް މީގެ ކުރިން އެ ފަރާތްތަކުގެ އެހީގައި ވެކްސިން ޖަހަން ބޭނުންކުރާ 100,000 ސިރިންޖާއި އެހެނިހެން އާލާތްތައް ވަނީ ހަދިޔާކޮށްފަ އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 20،000 އިން މަތީގައި ހުރި އިރު ވެކްސިން ޖެހި މީހުންގެ އަދަދު 150،000 އާ ގާތް ކުރަނީ އެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ވެސް ރާއްޖެ އަންނަނީ ވެކްސިން ޖެހުމުގައި ބޮޑު ކުރިއެރުމެއް ހޯދަމުންނެވެ.