މޯޑް، ތުރުކީ މެރެތަންގެ އެއް ވަނަ ހޯދައިފި
މޯޑް، ތުރުކީ މެރެތަންގެ އެއް ވަނަ ހޯދައިފި

ތުރުކީގެ އަންތާލިޔާގައި މިއަދު ކުރިއަށްދިޔަ ރަނޮތާލިއާ މެރެތަން އިން ދިވެހި ސިފައިންގެ ކްލަބުގެ މުހައްމަދު ރަޝީދު (މޯޑް) އެއް ވަނަ ހޯދައިފި އެވެ.

މޯޑް، ތުރުކީ މެރެތަންގެ އެއް ވަނަ ހޯދައިފި
މޯޑް، ތުރުކީ މެރެތަންގެ އެއް ވަނަ ހޯދައިފި

ކޮވިޑް-19 ގެ ސަލާމަތީ ސަބަބުތަކަށް ބެލުމަށް ފަހު މި މެރެތަން އަށް މުޅި ދުނިޔެ އިން ބައިވެރިވާން ހުޅުވާލާފައިވަނީ 50 ޖާގަ އަށެވެ. މޯޑް އެއް ވަނަ ހޯދީ ދެ ގަޑި 37.09 މިނިޓުން ދުވެގެންނެވެ. މިއީ ރާއްޖޭން ބޭރުގެ މެރެތަން އަކުން ދިވެއްސަކު ހޯދި ބޮޑު ކާމިޔާބެކެވެ. މީގެ ކުރިން މޯޑް ވަނީ 2019 ވަނަ އަހަރު ޖޫން މަހު ތައިލެންޑުގެ ޕުކެޓް އިންޓަނޭޝަނަލް މެރެތަންގެ ފަސް ކިލޯ މީޓަރު ދުވުމުން އެއް ވަނަ ހޯދައިފަ އެވެ.

މިދިޔަ ޖެނުއަރީ މަހު ބަންގްލަދޭޝްގައި ކުރިއަށްދިޔަ ޝެއިހް މުޖީބް ޑާކާ މެރެތަންގައި މޯޑް ވަނީ ވާދަކޮށްފަ އެވެ. އެ މެރެތަން އިން މޯޑް ވަނީ ސައުތު އޭޝިއާގެ ކެޓެގަރީ އިން ހަ ވަނަ ހޯދައިފަ އެވެ. އެ މެރެތަންގައި މޯޑްގެ ޓައިމިން އަކީ ދެ ގަޑި 40.33 މިނިޓެވެ.

އުމުރުން 28 އަހަރުގެ މޯޑް، އެންމެ ފުރަތަމަ މެރެތަން އެއްގައި ދުވީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު އޮތް ދުބާއީ މެރެތަންގަ އެވެ. ނ. މާފަރަށް އުފަން މޯޑް އެ ފަަހަރު 2 ގަޑި 51 މިނެޓުން ދުވެ، ފުރަތަމަ ފަހަރަށް މެރެތަނެއްގައި ވާދަކޮށް ތިން ގަޑިއިރަށް ވުރެ އަވަހަށް ނިންމި ދިވެހި ތިން ދުވުންތެރިންގެ ތެރޭގައި ހިމެނުނެވެ.

ދިވެހި ސިފައިންގެ ކްލަބްގެ ތަޖުރިބާކާރު ދުވުންތެރިޔާ ނަސްރުﷲ އަހުމަދު (ނަސްރު)ގެ އެހީތެރިކަމާއި އަމިއްލަ މަސައްކަތުން ގިނަ ކުރިއެރުންތަކެއް ހޯދަމުން އަންނަ މޯޑް ވަނީ ފާއިތުވި އަހަރުތަކުގައި އެކި މެރެތަންތަކުގައި ދުވެ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. އޭނާގެ ބައެއް ކާމިޔާބީތަކަށް ބަލާއިރު މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި 10 ކިލޯމީޓަރުގެ ރޭހަކުން ތިން ވަނަ ހޯދި އެވެ. ނިއު ދިއްލީގައި 2019 ވަނަ އަހަރު އޮތް މެރެތަންގެ އުމުރުފުރާ އިން ތިން ވަނަ ހޯދުމުގެ އިތުރުން ފާއިތުވި މެރެތަންތަކުގައި އަމިއްލަ ޓައިމިންގައި ވެސް ކުރިއެރުންތަކެއް ހޯދި އެވެ.

ތުރުކީގައި ކުރިއަށްދިޔަ މިއަދުގެ ރޭހުގައި މޯޑްގެ އިތުރުން ނަސްރު އާއި ބައިނަލްއަގުވާމީ މުބާރާތެއްގައި މުޅިން އަލަށް ދުވި މުހައްމަދު މުސްތަފާ ވާދަކުރި އެވެ. މިއީ އޭޝިއާގެ އެންމެ ގިނަ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލުމުގެ އަމާޒުގައި ގިނަ މެރެތަންތަކެއްގައި ބައިވެރިވަމުން އަންނަ ނަސްރުގެ 68 ވަނަ މެރެތަން އެވެ.