07 މާޗް 2021 - 16:39

ކްލިނިކް ބިލްޑިންގެއް އެޅުމަށް އެޗްޑީސީ އަށް ހުށަހަޅާފައިވަނީ ޝަރުތުތައް ފުރިހަމަވާ ރަނގަޅު ބިޑެއް ކަމަށާއި އެކަން ކުރުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އެހީތެރިކަން ހޯދާފައި ނުވާނެ ކަމަށް ޑީވައިއެމް ކުންފުނިން ބުނެފި އެވެ.
ޑީވައިއެމް ކުންފުންޏަކީ ސ. މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމާއި ޑރ. އައިމިނަތު ނަޒީރުގެ ހިއްސާ އޮތް ކުންފުންޏެކެވެ.
ހުޅުމާލޭގައި ކްލިނިކެއް ހިންގަން ޑީވައިއެމް އަށް ބިން ދީފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ފައްޔާޒުގެ ނުފޫޒުން ކަމަށް ދޭހަވާ ގޮތަށް މަޖިލިސްގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ރޭ ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެމަނިކުފާނުގެ ވާހަކަފުޅުތަައް ޑީވައިއެމް އިން ދޮގުކުރެ އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އައިމިނަތު މިއަދު ވިދާޅުވީ، ބިޑް ހުށަހެޅުމުގައި އަންގާފައިވާ ހުރިހާ ޑޮކިއުމެންޓެއް ވަރަށް ފުރިހަމައަށް ހުށަހަޅާފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ހުޅުމާލޭގައި ހެލްތު އެންޑް ވެލްނެސް ބިލްޑިންގެއް އެޅުމަށްޓަކައި ޑީވައިއެމްގެ އިތުރުން ދެން ބިޑް ހުށަހެޅީ މެޑިކުއިޕް ކަމަށާއި އެންމެ ބޮޑު ކުއްޔެއް ދޭން ހުށަހެޅީ ވެސް ޑީވައިއެމް ކަމަށެވެ.
ޑީވައިއެމް އިން ވަނީ އަކަފޫޓަކަށް 35ރ. ހުށަހަޅަައިފަ އެވެ. އެހެން ނަމަވެސް މެޑިކުއިޕް އިން ހުށަހަޅާފައި ވަނީ ފުރަތަމަ ދެ އަހަރު އަކަފޫޓަކަށް 22ރ. އާއި ތިން ވަނަ އަހަރާއި ހަތަރު ވަނަ އަހަރު އަކަފޫޓަކަށް 23ރ. އަދި ފަސް ވަނަ އަހަރު އަކަފޫޓަކަށް 24ރ. އެވެ. އެހެންވެ ޖުމްލަ ކުލީގެ ގޮތުގައި ފަސް އަހަރުން މެޑިކުއިޕް އިން އެޗްޑީސީ އަށް ދެވޭނީ 10.7 މިލިއަން ރުފިޔާ އެވެ.
އަކަފޫޓެއް 35ރ. ގެ ރޭޓުން ފަސް އަހަރުގެ ތެރޭ ޑީވައިއެމް އިން އެޗްޑީސީ އަށް ކުލީގެ ގޮތުގައި 16.2 މިލިއަން ރުފިޔާ ދައްކާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެހެންކަމުން މި ޕްރޮޖެކްޓް ޑީވައިއެމް އަށް ލިބިއްޖެ ނަމަ އެޗްޑީސީ އަށް ކުލީގެ ގޮތުގައި 5.5 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ އެވެ. މި ޕްރޮޖެކްޓްގައި އެންމެ 50 ޕަސެންޓް މާކްސް ހިއްސާވަނީ އެޗްޑީސީ އަށް ލިބޭ ކުއްޔަށެވެ.
އައިމިނަތު ވިދާޅުވީ، ސިއްހީ ދާއިރާގައި 14 ވަރަކަށް އަހަރުގެ ތަޖުރިބާ އޮތް އިރު އޭނާއަކީ މިހާރު ވެސް ފެމިލީ ކެއާ ކްލިނިކްގެ ވެސް ހިއްސާދާރެއް ކަމަށެވެ. އެހެންކަމުން މި ދާއިރާގައި ތަޖުރިބާ ނެތޭ ބުނެ، ޝަރުތުތައް ހަމަނުވާ ކަމަށް ނުބުނެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގައި ކްލިނިކް ހަދަން ބިލްޑިންގެއް ހެދުމަށް ބަޔަކަށް ދިން މައްސަލައެއް ފެންމަތިވީ އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕުގައި ރައީސް ނަޝީދު އެ ވާހަކަ ވިދާޅުވުމުންނެވެ.
އައިމިނަތު ވިދާޅުވީ، އަދި މިހާތަނަށް އެ ޕްރޮޖެކްޓް އެ ކުންފުންޏަށް ލިބިފައިވާ ކަމެއް އަދި ނުލިބޭ ކަމެއް ވެސް އެޗްޑީސީން އަންގާފަައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ، މިފަދަ ޕްރޮޖެކްޓްތައް ސިޔާސީކޮށްގެން ވާހަކަދައްކަވާ އިރު އާންމުންނަށް ވެސް ހަމަހަމަ ފުރުސަތުތައް އޮންނަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ ނުފޫޒުން މިފަދަ ކަމެއް ހިނގައިފި ނަމަ އެކަމާ ވަރަށް ދެރަވާނެ ކަމަށެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި އެފަދަ ތުހުމަތުތަކެއް ކުރެއްވި ނަމަވެސް، ރޮޒެއިނާ ވިދާޅުވީ، މިކަމުގައި ފައްޔާޒުގެ އެއްވެސް އެހީތެރިކަމެއް ހޯއްދަވާފައި ނުވާނެ ކަަމަށެވެ.
"އެއްވެސް ކަމެއް ފަޔާ ތްރޫކޮށް ކޮށްފައެއް ނުވާނެ. އަޅުގަނޑުމެން ހަމައެކަނި ކުރި ކަމަކީ ބިޑް ލީކަން އެކަނި."
ރޮޒެއިނާ ވިދާޅުވީ، ޑީވައިއެމް އަކީ ކުރިން އޭނާގެ ބައްޕަގެ ހިއްސާ އޮތް ކުންފުންޏެއް ނަމަވެސް އެ ކުންފުނީގެ ދަށުން މާ ގިނަ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށެވެ. މި ޕްރޮޖެކްޓް ފެނުމުން ޑރ. އައިމިނަތާ އެކު މިފަދަ ވިޔަފާރިއެއް ފެށުމުގެ ޝައުގުވެރިކަން ހުރުމުން އެ ކުންފުނީގެ ޝެއާ ޑރ. އައިމިނަތު އާއި އޭނާއާ ދެބޭފުޅުންގެ ނަން މައްޗަށް ބަދަލުކުރީ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
"ބިޑް ލާން އެހާ ކައިރިވެފަ އޮއްވާ ވަރަށް ގިނަ ޕްރޮސީޖާތައް އޮންނާނެ އަލަށް ކުންފުންޏެއް ހަދަން. ބައްޕަމެން އުޅުނީ އޭރު ކުންފުނި [ޑީވައިއެމް] އުވާލަން. އެހެންވެ އަޅުގަނޑުމެން ބުނީ ކުންފުނި ދޭން،" އޭނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ، މި މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި ބިޑް ހުށަހެޅި ދުވަހު ކުލީގައި އެހާ ބޮޑު ތަފާތެއް އޮތުމުން މި ޕްރޮޖެކްޓް ލިބޭނެ ކަމަށް ވަރަށް ބޮޑު އުންމީދެއް ކުރެއްވި ކަމަށެވެ.
ޑީވައިއެމްގެ އިތުރުން ދެން ބިޑް ހުށަހަޅާފައިވާ މެޑިކުއިޕްގެ ހިއްސާދާރުންނަކީ މުހައްމަދު ރަޝީދު (ހިޔަލީ މުހައްމަދު ރަޝީދު) އާއި މުހައްމަދު މުފީދާއި ފަރުހަތު މުހައްމަދު ހާލިދެވެ.
ރޮޒެއިނާ ވިދާޅުވީ، މެޑިކުއިޕްގެ އެއް ޝެއާހޯލްޑަރަކީ މަޖިލީސް މެންބަރެއްގެ ބޭބެއެއް ކަމަށާއި އަނެއް ޝެއާހޯލްޑަރަކީ މަޖިލީސް މެންބަރެއްގެ ފިރިމީހާ ކަމަށެވެ.
"އަޅުގަނޑުމެންގެ ނަން ބޭނުންކޮށްގެން މިކަހަލަ ވާހަކަދެއްކީމަ.... ދެން ބިޑް ހުށަހެޅީ ވެސް ހަމަ މަޖިލީސް މެންބަރުންނާ ގުޅުން ހުރި ކުންފުންޏަކުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަމިއްލަ ނަމުގައި ވިޔަފާރިއެއް ހިންގުމަކީ މަޖިލީސް މެންބަރަކަށްވެ ކުރަން ހުރަސް އަޅާ ކަމަކަށް ނުވާ އިރު އެފަދަ ކަމެއް ގަވައިދާ އުސޫލުގެ ތެރެއިން ކުރުމަކީ އޭނާއަށް ލިބިގެންވާ ހައްގެއް ކަމަށެވެ.